ވިޔަފާރި

ބީއެމްއެލް އޭޖީއެމް މިމަހުގެ 31 ގައި ވާޗުއަލްކޮށް

Aug 8, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހު ވާޗުލްކޮށް ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މި މަހުގެ 31 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ "ފަހިވޯޓް" އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށް ކަމަށެވެ.

އޭޖީއެމްގައި ބައިވެރިވަން ބޭނުންވާ ހިއްސާދާރުންނާއި ޕްރޮކްސީ އިން ބައިވެރިވާ ފަރާތްތަކުން ޕްރީ-ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 29 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕްރީ- ރެޖިސްޓްރޭޝަން ފުރިހަމަ ކުރަން ޖެހެނީ އިމްފިނިޓީ ޑޮޓްއެމްވީ މެދުވެރިކޮށެވެ. އެކަމަށް ބޭނުވާ ފޯމް ބީއެމްއެލް އިން ލިބެން ހުންނާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާ އަށް ހާޒިރުވެ ވޯޓު ދޭން ބޭނުންވާ ފަރާތްތަކުގެ ފޯމް 48 ގަޑިއިރުގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޮނުވަން ވާނެ ކަމަށެވެ. ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ޖަލްސާ އަށް މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ޖަލްސާ އަށް އެ މީހަކު ހާޒިރުވާ ކުންފުނި ތަމްސީލުކުރެވޭ މީހެއްގެ ގޮތުގައި އެ ކުންފުނީގެ ބޯޑުން ފާސްކުރަން ޖެހެ އެވެ. އަދި ޖަލްސާގެ އެޖެންޑާ އައިޓަމަކަށް ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ބީއެމްއެލް ކޯޕަރޭޓް އެފެއާޒް މެއިލްއަށް އީ-މެއިލް ކުރަން ޖެހެ އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ސާފު ފައިދާ އުޅެނީ 200 މިލިއަނަށް ވުރެ މަތީގައި އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވާތީ މި އަހަރުގެ ނިމިދިޔަ ދެވަނަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާ ވަނީ ދަށްވެފަ އެވެ. މިދިޔަ ކުއާޓަރުގައި ބީއެމްއެލް އަށް ލިބިފައިވަނީ 106 މިލިއަން ރުފިޔާ އެވެ.

ބޭންކުގެ ޑިރެކްޓަރުގެ ބޯޑުން ވަނީ މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 26ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ވަނީ ފާސްކޮށްފަ އެވެ. އެހެންވެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 139 މިލިއަން ރުފިޔާ ބަހާނެ އެވެ. ގައުމީ ބޭންކުން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައިވަނީ 124 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާ އަކަށް 24ރ. އެވެ.