ބޮލީވުޑް

އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ބޮލީވުޑަށް ނެރޭނީ އަދިތުޔާ ޗޯޕްޅާ

އާމިރު ޚާންގެ އެކްޓިން ހުނަރާ މެދު ހިންދީ ފިލްމު ބަލާ އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. އޭނާ އަކީ ފިލްމީ ރޮނގުން ކުރާ ހުރިހާ ކަމެއް އެ އޮންނަ އެންމެ ފުރިހަމައަކަށް ކުރާކަމަށް މަޝްހޫރު މީހެކެވެ. އޭނާގެ ފިލްމުތަކަށް ލިބިފައިވާ ބޮޑު ކާމިޔާބީގެ އަސްލަކީ ކޮންމެ ކޮންމެ ފިލްމެއް ކޮންމެ ކޮންމެ ގޮތަކަށް އޭނާ ނުކުޅޭތީ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އާމިރުގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ވެސް ހިންދީ ފިލްމު ކުޅުމަށް ވަނީ ތައްޔާރުވެފަ އެވެ. އަދި ވަރަށް އަވަހަށް އޭނާގެ ފުރަތަމަ ފިލްމު އިއުލާން ކުރާނެ އެވެ.

ޖުނައިދު ބޮލީވުޑަށް ތައާރަފް ކުރުމުގެ ޒިންމާ އާ ހަވާލުވެފައި ވަނީ ހިންދީ ފިލްމު އިންޑަސްޓްރީގެ އެއްވަނަ ޕްރޮޑިއުސަރު އަދި ޔާޝްރާޖް ފިލްމްސްގެ ވެރިޔާ އަދިތުޔާ ޗޯޕްޅާ އެވެ. ޕްރޮޑިއުސަރެއްގެ އިތުރުން އަދިތުޔާ އަކީ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ވަރަށް ކުޅަދާނަ ޑައިރެކްޓަރެކެވެ.

އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދެމުން ޔާޝްރާޖް ފިލްމްސް އާ ގާތް ގުޅުމެއް އޮންނަ މީހަކު މައުލޫމާތު ދިން ގޮތުގައި އަދިތުޔާއަކީ އަބަދުވެސް ހުނަރުވެރި އާ އެކްޓަރުން ފިލްމީ މަސައްކަތަށް ނެރުމަށް ބޭނުންވާ މީހެކެވެ.

ރަންވީރު ސިންގް، އަނުޝްކާ ޝަރުމާ، ޕަރިނީތީ ޗޯޕްޅާ އަދި އަޔުޝްމާން ކުރާނާ ފަދަ އެކްޓަރުންނަކީ ޔާޝްރާޖް ފިލްމްސްގެ ކުޑައިގެ ދަށުން އަދިތުޔާގެ މޭސްތިރިކަމުގެ ދަށުން ބޮލީވުޑަށް ނެރުނު ތަރިންނެވެ.

މިހާރު އަދިތުޔާ ގަސްތު ކުރަނީ އާމިރުގެ ދަރިފުޅު ޖުނައިދު ލޯންޗު ކުރާށެވެ. ނަމަވެސް މިއީ ނެޕޮޓިޒަމް އާ ގުޅުން ހުރި ކަމެއް ނޫނެވެ. ޔާޝްރާޖް ފިލްމްސް އިން އަލަށް އުފައްދަން ގަސްތުކުރާ ފިލްމަކަށް ޖުނައިދު ހޮވާފައިވަނީ ވަރަށް ގިނަ އޮޑިޝަންތަކުން ފާސް ވެގެންނެވެ. އާމިރުގެ ދަރިއަކަށް ވީތީ އޮޑިޝަންގައި އެއްވެސް ވަރަކަށް ޖުނައިދު އަށް ތަފާތުކުރުން ތަކެއް ގެންގުޅެފައި ނުވާ ކަމަށާއި އޮޑިޝަން ހެދި އެތައް ސަތޭކަ މީހުންނެކޭ އެއްގޮތަށް އޭނާއާ ދޭތެރޭ ވެސް ކަންތައް ކޮށްފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ދަރިފުޅު ޖުނައިދު ބޮލީވުޑަށް ތައާރަފް ކުރަން އެއްވެސް މަސައްކަތެއް ކުރާކަށް އާމިރު ބޭނުމެއް ނުވި އެވެ. އޭނާ ޖުނައިދު އަށް އިރުޝާދު ދީފައިވަނީ އަމިއްލަ ހުނަރާއި މަސައްކަތުން އޭނާއަކީ ވެސް ކުޅަދާނަ އެކްޓަރެއް ކަން އޮޑިޝަންތަކުގައި ދައްކައިގެން ކުޅޭނެ ފިލްމުތައް ހޯދުމަށެވެ. އަމިއްލައަށް ކުރިއަށް ދާނެ މަގު ހޯދުމަށެވެ.

ފާއިތުވީ ތަނުގައި ޖުނައިދު ވަނީ ތިއޭޓާ އެކްޓަރެއްގެ ގޮތުގައި ވަރަށް ގިނަ ސްޓޭޖު ޝޯތަކުގައި ތަމްސީލުތައް ކުޅެފަ އެވެ. އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ޖުނައިދު މަސައްކަތް ކޮށްފައި ވެއެވެ. މިއީ ފިލްމު އުފެއްދުމުގައި ކުރާ މަސައްކަތްތައް ދެނެގަނެ އެކަމަށް އަހުލުވެރިވުމަށް އޭނާ ކޮށްފައިވާ މަސައްކަތް ތަކެކެވެ.

ފިލްމާ ބެހޭ އިތުރު މައުލޫމާތުތައް އަދި ވަނީ ސިއްރުކޮށްފަ އެވެ. ނަމަވެސް މިހާޜުވެސް އެކްޓިން ވޯކްޝޮޕްތަކުގައި ބައިވެރިވި އެކްޓްކުރުމުގެ ހުނަރު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ޖުނައިދު ދަނީ ކުރަމުންނެވެ.

ޔާޝްރާޖުން މިހާރު ވަނީ ވަރަށް ވަރުގަދަ ދެ ފިލްމެއް އިއުލާން ކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފލްމަކީ ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ 3" އެވެ. އަނެއް ފިލްމަކީ ޝާހްރުކް ޚާނާއި ދީޕިކާ ޕަދުކޯންގެ "ޕަޓާން" އެވެ.