ޝަރުއީ ދާއިރާ ރިފޯމް ކުރުން

މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ކޮމިޓީން ނިންމައިފި

ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކި ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ނިމުމަށް ފަހު، އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ޖޭއެސްސީން މެޖިސްޓްރޭޓް މައުސޫމް ވަކިކޮށްދޭން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ، ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާ މައްސަލައެއްގަ އެވެ. އޭނާގެ އެކައުންޓަށް ނާޖައިޒު ގޮތުގައި ހޯދާފައިވާ ފައިސާ ވަދެފައިވާ ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ފޮނުވި މައްސަލަ ދިރާސާކޮށް ނިންމާފައި ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި މިފަދަ މައްސަލަތައް ބެލުމުގައި އޮންނަ އެ ކޮމިޝަންގެ އިޖުރާއަތްތަކާ އެއް ގޮތަށް ކަމަށެވެ.

މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ނިންމައި ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަ އެވެ. އެއީ އީދު ބަންދަށް ދެ ހަފުތާއަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށް ފަހުގަ އެވެ.

މެޖިސްޓްރޭޓް ވަކިކުރުމާ ގުޅޭ ގޮތުން ގޮތެއް ނިމޭނީ މަޖިލީހުގެ ޖަލްސާއެއްގައި ތަޅުމުގައި ނަގާ ވޯޓުުގެ ތިންބައި ކުޅަ ދެބައިގެ މެޖޯރިޓީންނެވެ. އެއީ ގާނޫނު އަސާސީގައި ފަނޑިޔާރަކު ވަކިކުރަން ކަނޑައަޅާފައި އޮންނަ ގޮތެވެ.

މަސައްކަތުގެ މާހައުލުގައި ވެސް މައުސޫމް އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެ އެވެ. އެ ގޮތުން ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަން ވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.

މިހާރު އޮތް ޖޭއެސްސީއިން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ފަށައިފަ އެވެ. އެއިން ބައެއް ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވުމުން މަޖިލީހުން ވަނީ ފަނޑިޔާރުންތަކެއް ވަކި ވެސް ކޮށްފަ އެވެ. އެ ގޮތުން އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ބެންޗުގައި ކުރިން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ ވަކިކޮށްފަ އެވެ.