މުހައްމަދު ސައީދު

ހަތަރު ބިލިއަން ޗާޕްކޮށް ސަރުކާރަށް: ބޮޑު ނުރައްކަލެއް

ކޮންމެ މަހަކަށް އެއް ބިލިއަން ރުފިޔާ ޗާޕްކޮށް ސަރުކާރެއް ހިފެހެއްޓުމަށް ފައިސާ ދޫކުރުމަކީ ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ފޫބައްދަން، އެމްއެމްއޭ ނަގަން ނިންމި ފައިސާގެ ތެރެއިން މިިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ހަތަރު ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާތީ އެކަމާ ގުޅުވައި ކުރެއްވި ޓްވީޓެއްގަ އެވެ.

ރާއްޖޭގައި އެންމެ ބޮޑެތި މަޝްރޫއުތައް ހިނގި ދުވަސްވަރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ސައީދު ވިދާޅުވީ ޑޮލަރުގެ އަގު މިއަދު ހުރީ 19 ރުފިޔާއަށް އުފުލިފައި ކަމަށާ ބާޒާރުގައި ތަކެތީގެ އަގު ވެސް ބޮޑުވެފައިވާ ކަމަށެވެ. އަދި ކޮންމެ މަހަކަށް އެއް ބިލިއަން ރުފިޔާ ޗާޕްކޮށް ސަރުކާރެއް ހިފެހެއްޓުމަށް ފައިސާ ދޫކުރުމަކީ ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ޖީބު ހުސްވެއްޖެ! މިކަން ހުއްޓުވަންޖެހޭ،" ރައީސް ސޯލިހާއި މަރުކަޒީ ބޭންކްގެ ޓްވިޓާ އެކައުންޓަށް ޓެގްކޮށް ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ހަރަދުތައް ފޫބައްދަން، އެމްއެމްއޭ އިން ނަގަން އެދުނު، 4.2 ބިލިއަން ރުފިޔާގެ އޯވަޑްރޯގެ ބޮޑުބައި މިހާރު ވަނީ ދޫކޮށްފަ އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޖުލައި މަސް ނިންމައި އާއްމުކުރި މާލީ ރިޕޯޓް ދައްކާ ގޮތުން މިހާތަނަށް ސަރުކާރުން ވަނީ އެމްއެމްއޭއިން އޯވަޑްރޯ ނުވަތަ "މަނިޓައިޒް" ގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ނަގާފަ އެވެ. އެހެންވެ ސަރުކާރުން ދޫކުރަން އެދުނު 4.2 ބިލިއަން ރުފިޔާގެ ތެރެއިން ބާކީ ނުނަގައި އޮންނާނީ މަދު އަދަދެކެވެ.

ސަރުކާރަށް އޯވަޑްރޯ ދޫކުކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައި ވަނިކޮށް ސިއްހީ ދާއިރާއަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ، ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ރައްޔިތުން މަޖިލީހުން ދީފައިވާ ހުއްދައާ އެއްގޮތަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އާއްމުގޮ ތެއްގައި އެމްއެމްއޭ އިން ސަރުކާރަށް ދަރަނި ނެގޭނެ ލިމިޓަކީ ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވުމުގެ ސަބަބުން، ފިނޭންސް މި ލިމިޓް 4.2 ބިލިއަން ރުފިޔާ އަށް މަތިކޮށްދީފައި ވަނީ ރައްޔިތުން މަޖިލީހުންނެވެ.