ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ބޭނުން: ޖޭއެސްސީ

Aug 9, 2020

ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަން ކޮށްފައިވާ އިއުލާނުގައިވާ މަގާމުގެ އަދަދު ދެ އަކަށް ބަދަލު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ބޭފުޅަކު ހޯދަން މި މަހުގެ ހަވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައިވާ އަދަދު ދެ އަކަށް ބަދަލު ކުުރުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެ މަގާމަށް ޝައުގުވެރިވާ އަދި ޝަރުތު ހަމަވާ މީހުން މިމަހުގެ 16 ވަަނަ ދުވަހުގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަންޖެހެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައިވާއިރު މިފަހުން އެ ކޯޓްގައި ތިއްބެވި ބައެއް ގާޒީން ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ވެސް ހިމެނެ އެވެ.

މީގެ އިތުުރުން މިހާރު ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ ރަޝީދު ހުސައިން، ސުޕްރީމް ކޯޓަށް އައްޔަން ކުރުމާމެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.