ދުނިޔެ

ލުބުނާނަށް ދުނިޔެއިން 300 މިލިއަން ޑޮލަރުގެ އެހީ

Aug 10, 2020

ބެއިރޫތު (އޯގަސްޓް 10) - ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މިދިއަ އަންގާރަ ދުވަހުގެ ބާރު ގަދަ ގޮވުންތަކުގެ ސަބަބުން މުޅި ސިޓީގެ ބޮޑު ސަރަހައްދެއް ބިމާ ހަމަވެފައިވާއިރު، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން 300 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދޭން ވައުދު ވެއްޖެ އެވެ.

އދ. އާއި ފްރާންސް އިސްވެ އިންތިޒާމު ކޮށްގެން އިއްޔެ ދުނިޔޭގެ ގިނަ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި ވާޗުއަލް ކޮންފަރަންސަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ ގައުމުތަކުން ދޭ އެހީ ފޯރުކޮށް ދޭނީ ސީދާ ރައްޔިތުންނަށް ކަމަށާއި، ހާދިސާގެ މިނިވަން އަދި ހާމަކަންބޮޑު ތަހުގީގެއް ކުރަން ވެސް ލުބުނާނަށް އެހީތެރިކަން ފޯރުކޮށް ދޭން އެ ބައްދަލުވުމުގައި އެއްބަސްވެވިފައިވާ ކަމަށެވެ.

ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގެ ވެއާ ހައުސް އެއްގައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަކެތި އެތަނުގައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށްވެސް ވެ އެވެ.

އެމޯނިއަމް ނައިޓްރޭޓް އަކީ ގަސް ކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުން ކުރާ މާއްދާއެކެވެ.

އެ ހާދިސާގައި މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 6،000 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ތިން ލައްކައަށް ވުރެ މަތިކަމަށް ލުބުނާނުގެ ކަމާބެހޭ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ބައްދަލުވުން ފެށުމުގެ ގޮތުން، ފްރާންސްގެ ރައީސް އިމެނުއެލް މެކްރަން ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން ދޭ އެހީ ބޭނުން ކުރެވޭނީ ސީދާ ލުބުނާނުގެ ރައްޔިތުންނާ ގުޅުންހުރި، ސިއްހީ، ކާބޯތަކެތި، ތައުލީމު އަދި ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް ކަމަށެވެ.

"އަދި ރައްޔިތުންގެ އެދުމާ އެއްގޮތަށް، ސިޔާސީ އަދި އިގުތިސޯދީ އިސްލާހުތައް ލުބުނާނުގެ ސަރުކާރުން ގެނެސްގެން މެނުވީ، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއާއެކު އެކަށީގެންވާ ގޮތެއްގައި ލުބުނާނު އަލުން އާރާސްތުނުކުރެވޭނެ،" މެކްރަން ވިދާޅުވި އެވެ.

ބާރުގަދަ ގޮވުމާއެކު ބެއިރޫތު ޕޯޓު ސަރަހައްދު އެކީގައިހެން ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ގިނަ ހޮސްޕިޓަލުތަކާއި ސްކޫލްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

އެ ހާދިސާއާ ގުޅިގެން ބޭރުން ދޭ އެހީތައް ލުބުނާނުގެ ސަރުކާރުގެ ކޮރަޕްޝަނަށް ގެއްލިދާނެ ކަމުގެ ބިރު ބޮޑުކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އެއާއެކު، މި ސަމިޓުގެ ދަށުން އެއްކުރާ އެހީ، ސީދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ، ލުބުނާނުގެ ސަރުކާރުގެ ބަދަލުގައި އދ. އާއި އަމިއްލަ ޖަމިއްޔާތައް މެދުވެރިކޮށްކަމަށް ވަނީ ބުނެފަ އެވެ.

އަދި އެހީ ފޯރުކޮށްދެވޭއިރު، އެކަންކަން އދ. އިން ވަރަށް ގާތުން ބަލާނެ ކަމަށް މެކްރަން ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ ބާރުގަދަ ލީޑަރުންގެ މެދުގައި ބައްދަލުވުމެއް ބާއްވާފައިވާއިރު، އިއްޔެ ވެސް އާއްމުންގެ އެތަކެއް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.

އެ މުޒާހަރާތަކުގައި ފުލުހުންނާއެކު ހިނގި ކުރިމަތިލުންތަކުގައި ގިނަ ބައަކަށް ވަނީ އަނިޔާވެފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލްކުރަން ރަބަރު ވަޒަނާއި ކަރުނަ ގޭސް ބޭނުންކޮށްފައިވާއިރު، އެ ކުރިމަތިލުންތަކުގައި 700 އަށް ވުރެ މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ބައެއް އަމިއްލަ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.