ހަބަރު

މެޖިސްޓްރޭޓް މައުސޫމް އިސްތިއުފާ ދެއްވައިފި

ހދ. އަތޮޅުގެ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މެޖިސްޓްރޭޓް މައުސޫމް މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިފައިވާ ކަން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު ވަނީ "އަވަސް" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

މެޖިސްޓްރޭޓްގެ މަގާމުން މައުސޫމް އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އޭނާ ވަކިކުރަން ފާސްކޮށްފައިވަނިކޮށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޮމިޓީގެ އެ ރިޕޯޓް އެޖެންޑާ ވެސް ކޮށްފައިވަނިކޮށެވެ.

ޖޭއެސްސީން މެޖިސްޓްރޭޓް މައުސޫމް ވަކިކޮށްދޭން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ، ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާ މައްސަލައެއްގަ އެވެ. އޭނާގެ އެކައުންޓަށް ނާޖައިޒު ގޮތުގައި ހޯދާފައިވާ ފައިސާ ވަދެފައިވާ ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

މަސައްކަތުގެ މާހައުލުގައި ވެސް މައުސޫމް އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެ އެވެ. އެ ގޮތުން ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަން ވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.