ދުނިޔެ

ލަންކާ: މަރަން ހުކުމްކޮށްފައިވާ މެންބަރަށް ޕާލަމަންޓަށް ދެވޭނެ

Aug 10, 2020

ކޮލޮމްބޯ (އޯގަސްޓް 10) - މަރަށް ހުކުމް ކޮށްފައިވާ ކެންޑިޑޭޓަކު މިދިއަ ބުދަ ދުވަހު ސްރީލަންކާގައި ބޭއްވި އާއްމު އިންތިހާބުގައި ގޮނޑިއަކަށް އިންތިހާބުވެފައިވާއިރު، އޭނާ ޕާލިމަންޓަށް ހާޒިރު ވެގެން ޖަލްސާތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެއްނެތް ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ލަންކާގެ ކުރީގެ ޕަވާ އެންޑް އެނާޖީ ޑެޕިޔުޓީ މިނިސްޓަރު ޕްރޭމަލާލް ޖަޔަސޭކަރަ ވަނީ ސަރުކާރު ތަމްސީލް ކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ޓިކެޓުގައި ރަތުނަޕުރަ ޑިސްޓްރިކްޓްގެ މެންބަރު ކަމަށް އިންތިހާބުވެފަ އެވެ.

އެކަމާ ގުޅިގެން ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ދަންމިކަ ޑަސަނަޔަކަ ވިދާޅުވީ، ޖަޔަސޭކަރަ މެންބަރުގެ ހުވާ ކުރެއްވުމުގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެގޮތުން، ޕާލިމަންޓަށް އިންތިހާބުވި ހުރިހާ މެންބަރުންގެ ނަންތައް ހުކުރު ދުވަހު ގެޒެޓުކޮށްފައިވާއިރު، ޖަޔަސޭކަރަގެ ނަން ވެސް ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޕާލިމަންޓަށް ހާޒިރު ވުމަށް ކޯޓުގެ ހުއްދަ ހޯދާނެ ކަމަށް ޖަޔަސޭކަރަގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ޖަޔަސޭކަރަ އަށް މަރުގެ ހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން، އޭރުގެ ރައީސް މަތިރިޕާލަ ސިރިސޭނަގެ ކެމްޕެއިނު ރެލީއެއް ބާއްވަން ތައްޔާރީތަކުގެ ތެރެއިން އެމަނިކުފާނުގެ ސަޕޯޓަރުންތަކެއްގެ ގަޔަށް ބަޑިޖެހި މައްސަލައެއްގަ އެވެ.

އެ ހާދިސާގައި އެކަކު މަރުވެފައިވާއިރު، ޖަޔަސޭކަރައިގެ އިތުރުން ދެ މީހަކަށް ވަނީ މަރުގެ ހުކުމް އިއްވާފައި އެވެ. ނަމަވެސް، އޭނާ މިހާރު ވަނީ އެ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.