އެމްއެމްއޭ

މަނީލޯންޑާ ކުށުގައި ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތް ކަނޑައަޅައިފި

މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުަލަވާލާ ގެޒެޓް ކޮށްފި އެވެ.

ގެޒެޓް ކުރުމާއެކު އަމަލު ކުރަން ފަށަންޖެހޭ މި ގަވާއިދު ބުނާގޮތުން ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އެކައުންޓެއް ހުޅުވަންވާނެ އެވެ. އަދި މި އެކައުންޓުން ފައިސާ ނެގޭނީ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށް ވާނަމަ ކަމާބެހޭ އިދާރާއިން ކޯޓު އަމުރު ނެރެ، އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު އެ އެކައުންޓުން އުނިކޮށް އެ ބޭންކަކުން އެފައިސާ ޖަމާކުރަންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށް ވާނަމަ ކަމާބެހޭ އިދާރާއިން ކޯޓު އަމުރު އެ ފަރާތަކަށް ހުށަހެޅުމުން ކޯޓް އަމުރުގައިވާ ފައިސާ އެމްއެމްއޭގައިވާ އެކައުންޓަށް ޖަމާކުރަން ޖެހެއެވެ.

މީގެ އިތުުރުން ދައުލަތަށް ނެގޭ ފައިސާއާމެދު އަމަލު ކުރާނެ ގޮތާއި މުދަލެއް ނައްތާލަން ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނައްތާލަންޖެހޭ މުދަލުގެ ތެރޭގައި ޖިނާއީ އިތުރު ކުށެއް ކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މުދަލާއި އެ މުދަލެއް އަތުގައި ބެހެއްޓުމަކީ ނުވަތަ އެ މުދަލެއްގެ މިލްކުވެރިކަން އޮތުމަކީ ނުވަތަ އެ މުދަލެއް ބޭނުންކުރުމަކީ ކުށެއް ކަމުގައިވާ ކޮންމެ މުދަލެއްވެސް ނައްތާލަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ކައުންޓާފީޓް މުދަލާއި އެ މުދަލެއް ބެހެއްޓުމުން އާންމުންގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭ މުދަލާއި އެ މުއްދަލެއް ބެހެއްޓުމުގެ ސަބަބުން ތިމާވެށްޓަށް ގެއްލުން ލިބޭނެކަމަށް ބެލެވޭ މުދާވެސް ނައްތާލަން މި ގަވާއިދު އަންގައެވެ.

މި ގަވާއިދުގައި ދައުލަތަށްނެގޭ މުދާ ވިއްކާލުމާއި ކުއްޔަށްދިނުމުގައި އަމަލު ކުރާނެ ގޮތްވެސް ބުނެފައިވެއެވެ. އެގޮތުން ދައުލަތަށް ނެގޭ މުދާ ވިއްކާލަންވާނީ އެ މުދަލަކަށް ކޮމްޕެޓިޓިވް ރަނގަޅު އަގެއް ލިބޭނެ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި ދައުލަތަށް ނެގޭ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށްވާނަމަ، އެކަށީގެންވާ އަގެއްގައި ވީއެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވެސް ޖެހެއެވެ. ދައުލަތަށް ނެގޭ ސެކިއުރިޓީސް ފިޔަވައި، 100,000 ރުފިޔާއަށްވުރެ އަގު ބޮޑު މުދާ ވިއްކާލަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ ބީލަމެއްގައި ކަމަށާ ދައުލަތަށް ނެގޭ މުދާ ވިއްކާލައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭ ފައިސާ އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންވާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެއެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުަލަވާލާ ގެޒެޓް ކޮށްފައިވާއިރު މަނީ ލޯންޑްރިންގެ ދައުވާއެއް މިހާތަނަށް ސާބިތުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެ ފައިސާ އަދި ދައުލަތަށް ދައްކާފައެއް ނުވެއެވެ.