ދުނިޔެ

ލަންކާ ކެބިނެޓަށް ރާޖަޕަކްސަ އާއިލާގެ ހަތަރު މެންބަރުން

Aug 13, 2020

ކޮލޮމްބޯ (އޯގަސްޓް 13) - ސްރީލަންކާގެ އާންމު އިންތިހާބަށް ފަހު އަލަށް އެކުލަވައިލިި އާ ސަރުކާރުގެ ކެބިނެޓުގައި ރާޖަޕަކްސަ އާއިލާގެ ހަތަރު ބޭފުޅުން ހިމަނައި، ވެރިކަމުގައި އެއާއިލާގެ ނުފޫޒު އިތުރަށް ވަރުގަދަ ކޮށްފި އެވެ.

ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްސަ އެކުލަވާލެއްވި ސަރުކާރުގެ 26 ވަޒީރުންގެ ތެރެއިން ހަތަރު އަދި އެންމެ މުހިއްމު ވުޒާރާތައް ހަވާލު ކުރައްވާފައި ވަނީ އާއިލާގެ ބޭފުޅުންނަށެވެ.

އެގޮތުން، ޑިފެންސް މިނިސްޓްރީ ގޮތާބޭ ހިންގަވާ ގޮތަށް ނިންމެވިއިރު، ފިނޭންސާއި، އާބަން ޑިވެލޮޕްމަންޓް އަދި ބުޑިސްޓް އެފެއާޒް ހަވާލު ކުރައްވާފައި ވަނީ އެމަނިކުފާނުގެ ބޭބެ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއެވެ.

އެ އެންމެ ދޮށީ ބޭބެ ޗަމަލް ރާޖަޕަކްސައަށް އިރިގޭޝަން މިނިސްޓްރީ ހަވާލުކުރެއްވިއިރު، މަހިންދަގެ ދަރިފުޅު ނަމަލް ރާޖަޕަކްސަ ވަނީ ޔޫތު އަދި ސްޕޯޓްސް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވައިފަ އެވެ.

ރާޖަޕަކްސަގެ ދެބެއިންގެ ޕާޓީން ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން 150 އަށް ވުރެ ގިނަ ގޮނޑި ހޯއްދަވައިފަ އެވެ.

އިންތިހާބުގެ ބޮޑު ކާމިޔާބީއާއެކު، އެހެން ޕާޓީއަކާއެކު ކޮމްޕްރޮމައިޒަކަށް މިހާރު ދާން ނުޖެހޭތީ ރާޖަޕަކްސަގެ ދެބެއިންގެ ނުފޫޒު ގާނޫނު އަސާސީއާ ހަމައަށް ފަތުރާލަން މިހާރު އެއްވެސް ހުރަހެއް ނެތެވެ.

މަހިންދަ ރާޖަޕަކްސްގެ 10 އަހަރުގެ ވެރިކަމަށް ފަހު، 2015 ގައި ރައީސްގެ ގިނަ ބާރުތަކެއް ބޮޑުވަޒީރަށާއި އެހެން މުއައްސަސާތަކަށް ލިބޭ ގޮތަށް ގެނައި އިސްލާހު ބާތިލު ކުރުމަކީ ރައީސް ގޮތާބޭގެ ކެމްޕެއިން ވައުދެކެވެ.

އެގޮތުން، 2015 ވަނަ އަހަރުގެ އިސްލާހުގެ އިތުރުން، ދެ ދައުރަށްވުރެ ގިނައިން ރައީސްކަން ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރާނެކަމުގެ އަޑުތައް ވެސް މިހާރު ވަނީ އިވެން ފަށައިފަ އެވެ. އޭގެ ބޭނުމަކީ، ގޮތާބޭއަށް ފަހު، މަހިންދައަށް އަނެއްކާވެސް ރައީސްކަމަށް ވާދަކުރުމުގެ މަގު ކޮށައިދިނުމެވެ.