ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާގެ އެހީތެރިކަމަށް ރައީސްގެ ޝުކުރު

Aug 13, 2020
3

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށްޓަކައި މި ސަރުކާރުން އިއުލާނުކޮށްފައިވާ ބްރިޖްގެ މަޝްރޫއުއަށާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޝުކުރު އަދާކުރައްވައިފި އެވެ.

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށްޓަކައި މި ސަރުކާރުން އިއުލާނުކޮށްފައިވާ ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 500 މިލިއަން އެމެރިކާގެ ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ަދި މާލެ ސަރަހައްދު ގުޅާލުމުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ. އެއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ބްރިޖް މަޝްރޫއުއަށް އިންޑިއާއިން އެހީވާނެކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ފޯނުން މިއަދު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ކަމަށެވެ. ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ.

އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީ ވެސް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، އެ ކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.