ޖުމްހޫރީ ޕާޓީ

ގޯހެއް ހަދާފައިވާނަމަ ފިޔަވަޅު އަޅަންޖެހޭ: ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީން ކިތަންމެ ކުޑަ ކަމެއްވިޔަސް ކޮރަޕްޝަންގެ އެއްވެސް އަމަލަކަށް ހިތްވަރު ނުދޭނެ ކަމަށާ ގޯހެއް ހަދާފައިވާނަމަ އެ ޕާޓީގެ މެންބަރަކަށްވެސް ފިޔަވައަޅަން ޖެހޭނެ ކަމަށް ޖޭޕީން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތަކުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. އެ ދެ މިނިސްޓްރީއަކީވެސް ޖުމްހޫރީ ޕާޓީގެ މިނިސްޓަރުން ތިއްބަވާ މިނިސްޓްރީތަކެވެ.

އެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު މިއަދު ވަނީ ފުލުހުންނާއި އޭސީސީއަށް އަންގަވާފައެވެ. އަދި މައްސަލަތައް ބަލާ ނިމެންދެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަަން އަލީ ސޯލިހު މިރޭ ވިދާޅުވީ ކޯލިޝަން ޕާޓީއެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީއަށް ލިބޭ ސްލޮޓްތަކަށް ބޭފުޅުން ކަނޑައަޅާ އެ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވުމުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބެެއްލެވުމަށްފަހު އެ ބޭފުޅަކަށް ކެބިނެޓް މިނިސްޓަރަކަށް ނުވަތަ އެހެންވެސް ސިޔާސީ މަގާމަކަށް އައްޔަން ކުރައްވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އިހުލާސްތެރިކަމާއެކު ހިދުމަތް ކުރެއްވުމަށް ކަމަށެވެ.

އަލީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގައި ހުންނަވާ ބޭފުޅަކު ސަރުކާރުގައި އަދާކުރައްވާ މަސްއޫލިއްޔަތު ޖުމްހޫރީ ޕާޓީން މޮނިޓާކޮށް ނުހަދާ ކަމަށާ އެކަންކަމަކީ ސަރުކާރުގެ ތެރެއިން ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮަތަށް ކުރިއަށް ގެންދާނެ ކަންކަން ކަމަށެވެ.

މަގާމެއްގައި ހުންނަވާ ބޭފުޅަކު އުސޫލުތަކާއި ގަވާއިދުތަކާއި ގާނޫނުތަކުން ބޭރުން ކަމެއް ކުރައްވާނަމަ އެކަންކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ ފިޔަވަޅުތަކާމެދު ޖުމްހޫރީ ޕާޓީން ބަސްކިޔާ ގޮތްކިޔާ ނުހަދާނެ ކަމަށާ ތަހުގީގީ އިދާރާތަކުން ކުރާ މަސައްކަތްތަކާއި މެދުވެސް އެޕާޓީން އެ އިދާރާތަކާއި ގުޅައިގެން ވަކި ގޮތަކަށްކަންކަން ކުރަން ބާރުނާޅާނެ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ސަރުކާރުގެ މަގާމެއްގައި ހުރި ބޭފުޅަކު ގަވާއިދާ ހިލާފަށް ކަމެއް ކުރައްވައިފިނަމަ އޮންނަ އުސޫލުތަކުގެ ތެރެއިން އެކަންކަން ރައީސް ސޯލިހު ބައްލަވާނެ ކަމާމެދު ޖުމްހޫރީ ޕާޓީން ޝައްކު ނުކުރާ ކަމަށެވެ.

"އެހެންވީމަ ކޮންމެ ބޭފުޅަކު ގޯހެއް ހެއްދެވިނަމަވެސް އެކަންކަމަށް ފިޔަވަޅު އެޅުމަކީ އެކަން އޮންނަން ޖެހޭނެ ގޮތް ކަމަށް އަޅުގަނޑުމެން ދެކެނީ،" އަލީ ސޯލިހު ވިދާޅުވިއެވެ.