ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ވެސް ސަސްޕެންޑް ކޮށްފި އެވެ.
އެކަން ހާމަކޮށް އޭނާ މިރޭ ވަނީ ބަޔާނެއް ވެސް ނެރުއްވާފަ އެވެ. އެ ބަޔާނުގައި އޮޑިޓް ރިޕޯޓްގެ ތަހުގީގު ނިމެންދެން ގޭގައި މަޑުކުރަން ރައީސް އޮފީހުން އަންގަވާފައިވާ ކަމަށް ވަނީ ބުނެފައި ވެއެވެ.
އަދި ދިފާއެއްގެ ގޮތު އެ ބަޔާނުގައި ޝާހު ވިދާޅުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ބިޑް ދިނުމުގައި އެއްވެސް ހައިސިއްޔަަތަކުން އޭނާ ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމަށެވެ. އެކަން ލިޔެކިޔުންތަކުން ފެންނަން ހުންނާނެ ކަމަށެވެ.
ޝާހު ވިދާޅުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ބިޑް ދިންކަން އެންގުމާއެކު އެ ނިންމުމާމެދު ސުވާލު އުފައްދާ ކަމާ ގުޅުންހުރި އިދާރާތަކުގެ އިސް ބޭފުޅުންގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެ ކަމަށެވެ. އެ ކުންފުނިން ފުރަތަމަ ގެނައި 10 ވެންޓިލޭޓަރަަކީ ގެންނަން ހަވާލުކުރި އެއްޗެއްސަށް ނުވާތީ އެކަން ހެލްތް މިނިސްޓަރުގެ ސަމާލުކަމަށް ގެންދެވި ކަމަށާއި ސަރުކާރުގެ އިސް ވެރިންގެ ސަމާލުކަމަށް ވެސް އެކަން ގެންދެވި ކަމަށް ޝާހުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ޝާހުގެ އެ ބަޔާނުގައި އޭނާ ވިދާޅުވީ ކަން ހިނގައި ދިޔަ ގޮތާމެދު އަދި އޭނާމެދު އަމަލު ކޮށްފައިވާ ގޮތާއިމެދު ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް އެ ތަހުގީގަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށެވެ.
ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިންނާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުންވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.