ހައިކޯޓް

ފަނޑިޔާރު ޝުޖާއު އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނިކޮށެވެ.

ޖޭއެސްސީން ބުނެފައިވަނީ ޝުޖާއުގެ މައްޗަށް ތަހުގީގު ތަހުގީގުކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ގއ. ގެމަނަފުށްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރުމާއި، ކްރިމިނަލް ކޯޓުގެ އަމުރަކުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެނަމަ، ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާކަމުގެ މައްސަލައެއް ކަމަށެވެ.

އަދި އެކަމާ ގުޅިގެން އޭނާ ހުންނެވީ ސަސްޕެންޑުކޮށްފަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ ކޮމީޓީން ބަލާނީ ޖޭއެސްސީގެ ނިންމުމަކީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ރަނގަޅު ނިންމުމެއްތޯ އެވެ. އެއަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވައި، ޖުޑީޝަރީ ކޮމިޓީގެ ނިންމުމަށް ވޯޓަށް އަހާނެ އެވެ.

މަގާމުން އިސްތިއުފާދެއްވާކަން ހާމަކޮށް އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީން ނިންމާފައިވަނީ އަނިޔާވެރި ނިންމުމެއް ކަމަށެވެ. އޭނާގެ މައްޗަށް ކުރައްވާ ތުހުމަތުތައް ދޮގުކުރައްވާ ވިދާޅުވީ އެއީ އެހެން ފަނޑިޔާރުންވެސް ފަސޭހަކަމާއެކު މަގާމުން ވަކިކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.

އަދި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް މިހާރު ނެެތް ކަމަށްވެސް ފަނޑިޔާރު ކަމުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.