ހަބަރު

ސްޓްރޯކަށް ފަރުވާ ދޭ ސެންޓަރެއް ހުޅުވައިފި

ސްޓްރޯކް ޖެހޭ މީހުނަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.

އިއްޔެ ހުޅުވި އެ ސެންޓަރަކީ ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެންދާ ބަލި މީހުންނަށް ވީހާވެސް އަވަހަށް ހިދުމަތް ދޭން، 24 ގަޑި އިރު ހުޅުވާފައު ހުންނާނެ ސެންޓަރެކެވެ. އެ ތާނގައި ހަ އެނދު ބަހައްޓާފައިވާ އިރު ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭ ބަލި މީހުންނަށް ހާއްސަ ދެ އެނދެވެ.

އައިޖީއެމްއެޗުން ބުނީ އެ ސެންޓަރަށް ގެންގޮސް ފަރުވާ ހޯދުމަކީ ސްޓްރޯކްގެ ސަބަބުން ފުރާނަ އަށް ނުރައްކާވާ މިންވަރު ކުޑަވެ ސްޓްރޯކަށް ފަހު ނުކުޅެދުންތެރި ކަމެއް އައުމުގެ ފުރުސަތު ނިސްބަތުން ދަށް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެ ސެންޓަރުގެ ސަބަބުން ބަލި މީހުންގެ ހާލަތު ގާތުން ބަލަން ފަސޭހަވާނެ ކަމަށެވެ.

ސްޓްރޯކަށް ފަހު ފިޒިއޯތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ފަދަ ހިދުމަތްތައްވެސް މި ސެންޓަރުގައި ދޭނެ އެވެ. ފަހަކަށް އައިސް ރާއްޖޭގައި މީހުނަށް ސްޓްރޯކް ޖެހުން ވަރަށް އިތުރުވެފައި ވެއެވެ.