ދުނިޔެ

އިރާން އިން އަލަށް އުފެއްދި މިސައިލްތައް ދައްކާލައިފި

އީރާން އިން އެމީހުން އަމިއްލައަށް އުފައްދާފައިވާ ބެލެސްޓިކް އަދި ކްރޫޒް މިސައިލްތަކެއް ދައްކާލައިފިއެވެ.

މިކަމާއިގުޅިގެން އެމެރިކާގެ ރުޅި އީރާންއަށް ވަނީ އަމާޒުވެފައެވެ. އެމެރިކާއިން ދަނީ އީރާނާއި ދެކޮޅަށް އެޅެންހުރި ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އދ ގައި އެދެން ތައްޔާރުވަމުންނެވެ.

އީރާން ގެ ރަސްމީ ޓީވީ އިން ބުނިގޮތުގައި އީރާންގެ މަސްއޫލުވެރިން ވަނީ ބުރާސްފަތިދުވަހު އީރާންގެ ގައުމީ ދިފައީ ސިނާއަތުގެ ދުވަހު އެމިސައިލްތައް ދައްކާލައިފައެވެ. އެމިސައިލްތަކަށް ނަންދީފައިވަނީ އީރާންގެ އެންމެ މަތީ ޖެނެރަލުންކަމުގައިވާ ގަސީމީ ސުލައިމާނީގެ ނަމުންނާއި އިރާގުގެ މިލީޝިއާ ލީޑަރު އަބޫ މަހުދީ އަލް މުހަންޑީސްގެ ނަމަށް ނިސްބަތްކޮށެވެ. އެދެބޭފުޅުންވަނީ މިދިޔަ ޖެނުއަރީމަހު ބަގުދާދު އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގައި ދެވުނު ވައިގެ ހަމަލައެއްގައި އަވަހާރަވެފައެވެ

ޑިފެންސް މިނިސްޓަރ އާމިރު ޚާތަމީ ވިދާޅުވީ ބެލެސްޓިކް މިސައިލްތަކުގެ ރާސްތާ އަކީ 1400 ކިލޯ މީޓަރު (600 މޭލު) ކަމަށާއި އަދި އާކްރޫޒް މިސައިލްގެ ރާސްތާ އަކީ 1000 ކިލޯމީޓަރު (400 މޭލު ) އެވެ. އީރާންގެ މި މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއިން އިންޒާރުދިނުމުން އެކަމަށް ބީރު ކަންފަތެއްދީ އީރާނުން ވަނީ މިސައިލް ޕްރޮގްރާމް ކާމިޔާބުކޮށްފައެވެ. އީރާންގެ ގައުމީ ޓީވީ އިން ދުރައް ފޮނުވި މަންޒަރުތަކާއިއެކު ބުނެފައިވަނީ މިއާ ކްރޫޒް މިސައިލުގެ ސަބަބުން އިރާންގެ އަސްކަރީ ގާބިލްކަން އިތުރުވާނެކަމަށެވެ.

"މި މިސައިލްތައް ހާއްސަކޮށް ކްރޫޒް މިސައިލްތަކަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެއްޗެއް. އަދި މި މިސައިލްތަކުގެ ރާސްތާ 300 ކިލޯމީޓަރުން 1000 ކިލޯމީޓަރަށް 2 އަހަރުތެރޭ އިތުރުވުމަކީ ވަރަށް ބޮޑު ކާމިޔާބެއް، އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މިލިޓްރީ ކަންތަކާއި އަދި މިސައިލް ޕްރޮގްރާމް ބޭނުންކުރެވޭނީ ހަމައެކަނި ދިފާޢީ ކަންކަމުގައި" ރޫހާނީ އިތުރައް ވިދާޅުވިއެވެ.

މީގެ އިތުރައް ބުރާސްފަތި ދުވަހު އީރާނުންވަނީ އެޑްވާންސްޑް ޑްރޯން އަށް ބޭނުންކުރުމަށް އަލަށް އުފެއްދި ފޯތު ޖެނެރޭޝަން ލައިޓް ޓާބޯ ފޭން އިންޖީންއެއް އާންމުކޮށް ދައްކާލާފައެވެ. އަދި އަލަށް އުފައްދާ އޯޑަބްލިއުޖޭ އިންޖީންގެ މަޝްރޫއުވެސްވަނީ އިފްތިތާހުކޮށްފައެވެ. މިއިންޖީނަކީ އީރާންއިން އުފައްދާފައިވާ 2 ސީޓުގެ ކޯސެޓް ފައިޓާ ޖެޓަށް ޚާއްސަކުރެވިފައިވާ އިންޖީނެކެވެ.

އީރާނުން އަބަދުވެސް ދަނީ އެމީހުން ޓެކްނޮލޮޖީގެ ދާއިރާގައި ހޯދަމުންދާ ކާމިޔާބީތައް ހާމަކުރެއެވެ.