ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދެ އަހަރު ކުއްޖެއް މާސްކް ނޭޅުމުން އާއިލާ ބޯޓުން ބާލުވައިފި

ޖެޓްބްލޫ އެއާވޭޒްގެ ފްލައިޓަކުން ދަތުރު ކުރަން ހަ ދަރިން ގޮވައިގެން އެރި އަންހެނެއްގެ ދެ އަހަރުގެ ދަރިފުޅު މާސްކް އަޅަން ދެކޮޅު ހެދުމާ ގުޅިގެން އެ އާއިލާ އެއްކޮށް މަތިންދާ ބޯޓުން ބާލައިފި އެވެ. މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި އޭނާ އަށާއި ދަރިންނަށް މިކަމުން ވަރަށް ބޮޑަށް ނަފްސާނީ ގެއްލުން ވެފައިވާ ކަމަށް ޗާޔާ ނަމަކަށް ކިޔާ އަންހެންމީހާ އޭބީސީ ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އަދި އޭނާ އާއި ދަރިން ބޯޓުން ބޭލީ ދަރިންތައް ރޮއިރޮއި ތިއްބާ ކަމަށް ޗާޔާ ބުންޏެވެ.

އެމެރިކާގެ ނިއު ޔޯކް ސިޓީގެ ބްރޫކްލީންގައި ދިރިއުޅޭ ޗާޔާ ބްރަކް، 39، ބުނި ގޮތުގައި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު ޑީނާގެ މޫނުގައި މާސްކް އަޅުވަން އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އަޅުވާއިރަށް އެކުއްޖާ އެ މާސްކް ދަމައިގަންނަނީ އެވެ.

"އަހަރެން ކިހިނެއް ހަދަންވީ. މި ކުއްޖާގެ ދެ އަތް ބަންނަންވީތަ؟" އެ ކުއްޖާގެ މާސްކް އަޅުވަން ފްލައިޓް އެޓެންޑެންޓް ތަކުރާރުކޮށް ބުނުމުން ޗާޔާ މިހެން ބުނާ މަންޒަރުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ޗާޔާ މިހެން ބުނުމުން ފްލައިޓް އެޓެންޑެންޓު ބުނަނީ އެމީހުން މިހާރު ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީ ކަމަށާއި މި ހާލަތުގައި ޖެހޭނީ މަތިންދާބޯޓުގައި ތިބި އެންމެން ބާލަން ކަމަށެވެ.

އެމެރިކާގެ ނިއު ޔޯކް އިން އޯލަންޑޯ އަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ފްލައިޓަށް އެ ވަގުތު އަރާ ތިބި ވަރަށް ގިނަ ފަސިންޖަރުން ވެސް ޗާޔާ އާ އެއްކޮޅަށް ވާހަކަ ދައްކާތަން މި ވީޑިއޯގައި ފެނެ އެވެ.

"މި މަންމައަށް ތިހެން ނަހަދާ. ތިއީ އެއްގޮތަކަށް ވެސް އިންސާފުވެރި ގޮތެއް ނޫން،" ފަސިންޖަރަކު ބުނާ ތަން ފެނެ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ ފަސިންޖަރުން ދެއްކި ވާހަކަތައް ވެސް އަޑުނާހާ އެންމެ ފަހުން ބޯޓުގައި ތިބި އެންމެން އެ މަތިންދާބޯޓުން ވަނީ ބާލާފަ އެވެ. އެމެރިކާގެ އެއާލައިންތަކުން މިހާރު މާސްކް އެޅުމުގެ ގައިޑްލައިން ވަނީ ހަރުކަށި ކޮށްފަ އެވެ. އަދި މާސްކް އަޅަން ދެކޮޅު ހަދާ މީހުން ވަގުތުން މަތިންދާބޯޓުން ބާލަމުން ގެންގޮސްފައި ވެއެވެ.

ޖެޓްބްލޫ އާއި އެނޫންވެސް އެމެރިކާގައި އޮޕަރޭޓްކުރާ ބޮޑެތި ހުރިހާ އެއާލައިނަކުން ވެސް މިހާރު ހަމަޖައްސާފައިވަނީ މަތިންދާބޯޓުގައި އުދުހެން ބޭނުންވާ ދެ އަހަރުގެ މަތީގެ އެންމެން ވެސް މާސްކް އަޅައިގެން ތިބުން މަޖްބޫރު ކަމަށެވެ. އެގޮތަށް އަމަލުނުކުރާ ފަސިންޖަރުން ބޯޓަށް އެރުން މަނާ ކުރެ އެވެ.

ޖެޓްބްލޫގެ އޮފިޝަލު ބުނީ އެ އެއާލައިންގެ ޕޮލިސީ ބަދަލުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. މި ޕޮލިސީ ބުނާ ގޮތުން ދެ އަހަރުން ދަށުގެ ކުދިންނަށް މާސްކް އަޅާކަށް ނުޖެހޭނެ އެވެ. ނަމަވެސް އެއަށްވުރެ ދޮށީ އުމުރުގެ ކުދިންނަށް ތިބެން ޖެހޭނީ މާސްކް އަޅައިގެންނެވެ. ނަމަވެސް ޗާޔާ އާއި ބޯޓުގައި އިން އެހެން ފަސިންޖަރަކު ބުނީ މާސްކް އަޅަން ގަބޫލުނުވާ ކުދިންނަށް މާސްކް އެޅުމުގެ ޕޮލިސީން އިސްތިސްނާ ވާނެ ކަމަށެވެ.

ޗާޔާ އާ އެއް ފްލައިޓަކުން ދަތުރުކުރި އަންހެނެއް ކަމަށްވާ ޗެޑެޓް ޕޮއިންސެޓް ބުނި ގޮތުގައި އޭނާ ވެސް ދަތުރުކުރީ ކުޑަ ދަރިފުޅަކާއެކު ކަމަށާއި ޗާޔާ މެން ބޭލިއިރު އޭނާވެސް ފްލައިޓުން ބާލާފައިވާ ކަމަށެވެ. އޭނާ ބޭލީ ޗާޔާ އާ އެއްކޮޅަށް މާ ބޮޑަށް ހިފާލުމުންނެވެ.

"އެހެން މީހުން އެހާ ބޮޑަކަށް ޗާޔާ އެއްކޮޅަކަށް ނުޖެހޭ. ގޯސްކޮށް ކަމެއް ކުރަންޏާ އަހަރެން އެކަމާ ދެކޮޅުހަދާނަން،" ޕޮންސެޓް ބުންޏެވެ.
އެންމެ ފަހުން ޗާޔާ އާއި ޕޮންސެޓުގެ އާއިލާ ދަތުރުކުރީ ޔޫއެސް އެއާލައިންގެ އެހެން ބޯޓެއްގަ އެވެ.

ޗާޔާ ބުނި ގޮތުގައި އޭނާ އަށާއި ދަރިންނަށް ދިމާވި މިކަންތަކުން އަރައިގަންނަން ދުވަސްކޮޅެއް ނަގާނެ އެވެ. އަދި އެއާލައިނާ ދެކޮޅަށް ދައުވާ ކުރަން ޗާޔާގެ އާއިލާއިން ދަނީ ތައްޔާރު ވަމުންނެވެ.