ދުނިޔެ

އައިވަރީ ކޯސްޓުގެ ރައީސް ތިންވަނަ ދައުރަކަށް ކުރިމަތި ލައްވަނީ

އިދިކޮޅު ފަރާތްތަކުން ގާނޫނާއި ޚިލާފު ކަމެއްކަމަށް ބުނެ ދެކޮޅުހަދަމުން ދަނިކޮށް އައިވަރީ ކޯސްޓުގެ ވެރިކަންކުރާ ޕާޓީން ތިން ވަނަ ދައުރެއްގެ ކެންޑިޑޭޓަކަށް ރައީސް އަލަސޭން އޮއައްޓަރާ ރަސްމީކޮށް ހަމަޖައްސައިފި އެވެ

ދެހާސް ދިހައަކުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ އޮއައްޓަރާ މިދިޔަ މާޗްމަހު ވިދާޅުވީ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ތާއީދާއެކު ވެރިކަމަށް ކުރިމަތިލައްވަން ނިންމެވި އޭރުގެ ބޮޑުވަޒީރު އަމަޑޫ ގޮން ކޫލިބަލީ މިދިޔަ ޖުލައި މަހު އަވަހާރަވުމާއި ގުޅިގެން ޕާޓީއިން ވަނީ އޮއައްޓަރާއަށް ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ވިސްނާވަޑައިގަތުމަށް ދަންނަވާފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ދެ ދައުރަށްވުރެ ގިނަ ދުވަހު ވެރިކަން ނުކުރެވޭ ގޮތައށް ގާނޫނުގައި ދައުރު ކަނޑައަޅާފައި ވަނިކޮށް އެމަނިކުފާނަށް އިތުރު ދައުރަކަށް ކުރިމަތި ނުލެއްވޭނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ސަޕޯޓަރުން ބުނަނީ 2016 ވަނަ އަހަރު ގާނޫނަށް ގެނެސްފައިވާ ބަދަލުން އެމަނިކުފާނަށް އަލުން ވެރިކަމަށް ކުރިމަތިލެއްވޭނެ ކަމަށެވެ. އިދުކޮޅު ފަރާތްތަކުންނާއި އާންމުން އޮއައްޓަރާގެ ނިންމުމާއި ދެކޮޅުހަދައި އެއީ ބަޣާވާތެއް ކަމަށް ސިފަކޮށްފައި ވެއެވެ.

މިމަހު ކުރީކޮޅު އޮއައްޓަރާ އާ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާނު ކުރެއްވުމާއި ގުޅިގެން ތިން ދުވަސްވަންދެން ބޮޑެތި ހަމަނުޖެހުންތައް ހިނގާފައި ވެއެވެ. އިދިކޮޅުފަރާތްތަކާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި މި ހަމަނުޖެހުންތަކުގައި ހަ މީހުން މަރުވެ 100 މީހުން ވަނީ ޒަޚަމްވެފަ އެވެ. ވެރިކަންކުރާ ޕާޓީއިން ހޮނިހިރު ދުވަހު ވިޔަފާރީގެ ވެރިރަށް އަބިޖާންގެ ސްޓޭޑިއަމްއެއްގައި ބޭއްވި އެއްލައްކަ މީހުން ބައިވެރިވި އެއްވުމެއްގައި ވަނީ އޮއަޓަރާ ރިއާސީ ކެންޑިޑޭޓަކަށް ހަމަޖައްސަވާފަ އެވެ.

"އަޅުގަނޑުމެން މިތިބީ ރިކޯޑަކާއިއެކު ދިފާއުކޮށް އިލެކްޝަނަށް ފޯކަސް ކޮށްގެނެް އަދި ރައްޔިތުންނަށް ޕްރޮޖެކްޓްއެއް ހުށައަޅަން." ޕާޓީ ސްޕޯކްސްމަން މަމަދޫޑޫ ޓޯޜޭ އޭއެފްޕީ އާއި ވާހަކަދައްކަވަމުން ވިދާޅުވި އެވެ. އަދި މަގުމަތީގެ ހަމަނުޖެހުންތަކަކީ އޮއައްޓަރާއި ދެކޮޅަށް ކުރެވުނެ " ބޮޑު ނާކާމިޔާބީއެއް" ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

މިމަހު ހިނގި ހަމަނުޖެހުންތަކާއި ގުޅީގެން ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ސެޕްޓެމްބަރ 13 އާއި ހަމައަށް މަގުމަތީގައި އިހުތިޖާޖްކުރުން މަނާ ކޮށްފަ އެވެ.