ހަބަރު

ކުޅިވަރު ބިންތައް އަމިއްލަ ފަރާތްތަކަށް ދޫކުރަނީ

Aug 24, 2020

ޔޫތު މިނިސްޓްރީގެ ބެލިމުގެ ދަށުގައި ހުރި ކުޅިވަރާއި އެހެނިހެން ބިންތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްގެން ތަރައްގީ ކުރުމަށް އިކޮނޮމިކް ކައުންސިލުގެ ލަފަޔަލަށް އެދިފައިވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މަހުލޫފް ވިދާޅުވީ މީގެ ކުރިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުގައި އަދި މިހާތަނަށް އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް، އާންމުކޮށް އިއުލާންކޮށްގެން ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާ އަކަށް ނުވަތަ ކުލަބަކަށް އެތަންތަން ދޫކޮށްގެން އެތަންތަން ހިންގުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލްގައި އެދިފައިވާނެ ބައެއް ބިންތައް އަމިއްލަ ފަރާތްތަކަށް، ކްލަބް ޖަމިއްޔާތަކަށް، ހަވާލުކޮށްގެން ބައެއް މަސައްކަތްތައް ކުރިއަށް ގެންދާން، މިނިސްޓްރީގެ ވިސްނުމަކީ އެ ކަން ބިޑްކޮށްގެން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދީގެން އެ ތަންތަން ތަރައްގީ ކުރުން،" މަހްލޫފް ވިދާޅުވި އެވެ.

އެކި ކުށްތަކަށް އަރައިގަންނަ ބައެއް ފަރާތްތަކުން އެފަދަ ކްލަބު ޖަމިއްޔާތައް ހިންގާއިރު، ސަރުކާރުގެ ބިންތައް އެފަދަ ފަރާތްތަކާ ހަވާލުކުރެވިފައިވާކަމުގެ ކަންބޮޑުވުން ހުސެއިން ޝަހީމް ވަނީ ފާޅުކުރައްވައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ހައުސިން މިނިސްޓްރީ އާއި ބައެއް ފަރާތްތަކާ ދެމެދު ވެވުނު އެއްބަސްވުންތަކެއް ހުރި ކަމަށެވެ.

އެގޮތަށް ބިން ދޫކޮށްފައިވާ ކަން ފެންނަން އޮތީ ދެ ފަރާތަކާއި އެކު ކަމަށާއި އެއްބައެއްގެ އަތުން ތަޅުދަނޑިއެއް ފެނިފައިވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.