ދުނިޔެ

ސޯނިއާ ގާނދީ ކޮންގްރެސްގެ ލީޑަރުކަމުން އިސްތިއުފާ ދެއްވަނީ

އިންޑިއާ ގެ ކޮޮންގްރެސް ޕާޓީގެ ރައީސް ސޯނިއާ ގާނދީ އެޕާޓީގެ ގެ ލީޑަރުކަމުން އިސްތިއުފާދެއްވަަން ނިންމަވައިފި އެވެ. އެކަމަނާ އިސްތިއުފާ ދެއްވަން ނިންމެވީ ޕާޓީގެ ސިޔާސަތުތަކާއި ހިޔާލު ތަފާތު ބޭފުޅުން އެކަމަނާއަށް ފޮނުއްވި ސިޓީއަކަށްފަހުއެވެ. އެސިޓީގައި އެބޭފުޅުންވަނީ ޕާޓީގެ ސިޔާސަތުތަކާއި ދެކޮޅުހައްދަވައި އިސްލާހީ ބަދަލުތަކަށް ގޮވާލައްވައިފައެވެ

ކޮންގްރެސް ޕާޓީގެ މިސިޓީގެ ސަބަބުން އެކަމަނާ ވަނީ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާދެއްވުމަށް ނިންމެވުމުގެ އިތުރުން ޕާޓީއަށް އާ ލީޑަރަކު ހޮވުމަށް އިންތިހާބެއް ބޭއްވުމަށްވެސް ގޮވާލައްވައިފައިވެއެވެ. ޕާޓީގެ އިސްލީޑަރުން ވެރިރައް ދިއްލީގައި ބައްދަލުވުމެއް ބާއްވައި އެކަމަނާ އިތުރަށް ޕާޓީގައި މިހާރު އަދާކުރައްވާ ރޯލް ކުރިއަށް ގެންދަވާނީތޯ ވަނީ ބަހުސްކޮށްފައެވެ

އިންޑިއާ 1947 ގައި އިނގިރޭސިންގެ އަތްދަށުން މިނިވަންވުމަށްފަހު އެންމެ ގިނަ ދުވަހު ވެރިކަންކޮށްފައިވަނީ ކޮންގްރެސް ޕާޓީ އިންނެވެ. އެކަމަކު ސެކިއުލާ ފިކުރުގެ ކޮންގްރެސް ޕާޓީގެ މަގުބޫލުކަން ކުޑަވެ ހަރަކަށި ބީޖޭޕީ އަށް 2014 ގައި ވެރިކަންލިބި ނަރެންދުރަ މޯދީ އަށް ވަނީ ބޮޑުވަޒީރުކަން ލިބިވަޑައިގެންފައެވެ
.
ވޭތުވެދިޔަ އަހަރުތަކުގައި ކޮންގްރެސް ޕާޓީގެ މަގުބޫލުކަންވަނީ ވަރަށް ބޮޑަށް ދައްވެފައެވެ. މިކަމުގެ ސަަބަބެއްކަށް އެނަލިސްޓުން ދެެކެނީ ހަރުދަނާ ލީޑަރޝިފެއްނެތި ޕާޓީ ހިންގުމެވެ. 1947 ގައި އިންޑިއާ މިނިވަންވީއްސުރެ އެޕާޓީގައި ހިންގުމުުގެ އިސްދައުރެއް އަދާކުރައްވަނީ ގާނދީ އާއިލާގެ ބޭފުޅުންނެވެ

އެގޮތުން އިންޑިއާ މިނިވަންވުމަށްފަހު ޕާޓީގެ އިސް ލީޑަރަކަށް ހުންނެވީ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫއެވެ. އެމަނިކުފާނަށްފަހު ދަރިކަނބަލުން މިސިޒް އިންދިރާ ގާނދީއެވެ. އެއަށްފަހު އެކަމަނާގެ ދަރިކަލުން ރަޖީވް ގާނދީއެވެ. ރަޖީވް ގާނދީއަށްފަހު އަނބިކަނބަލުން ސޯނިއާ ގާނދީއެވެ.

ކުޑަދުވަސްކޮޅަކަށް ސޯނިއާ ގާނދީގެ ދަރިކަލުން ރަހުލް ގާންދީވެސް ޕާޓީގެ ލީޑަރުކަން ކުރެއްވިއެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އިންތިހާބުގައި ޕާޓީއަށް ލިބުނު ނާކާމިޔާބީއާއި ގުޅިގެން ރަހުލް ވަނީ އިސްތިއުފާ ދެއްވާފައެވެ. ކޮންގްރެސް ޕާޓީގައި ގާނދީގެ އާއިލާގެ ބޭފުޅުން ފިޔަވާ އެހެން ބަޔަކަށް ލީޑާޝިފަށް ވާދަކުރެއްވުމުގެ ފުރުސަތު ނެތުމަކީ ވެސް ޕާޓީ ހަރުދަނާވެ ކުރިއެރުމަށް އޮތް ހުރަހެކެވެ.

ކޮންގްރެސް ޕާޓީގެ މަގުބޫލުކަން ދައްވެފައިއޮތް މިންވަރަކީ އެ ޕާޓީ ގެ ބާރު މިހާރު އޮތީ އެންމެ ހަ ސްޓޭޓްގައެވެ. އަދި އޭގެ ތެރެއިން ހަތަރު ސްޓޭޓްގައި އޮތީ ކޯލިޝަން ސަރުކާރެވެ. 2014 ވަނަ އަހރު އޮތް ޕާލަމެންޓްރީ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނީ ހައުސްގެ 543 ގޮނޑީގެ ތެރެއިން އެންމެ 44 ގޮނޑިއެވެ.

މިފަދަ ހާލެއްގައި ޕާޓީ އޮތްއިރުވެސް ބައެއް އިސްބޭފުޅުން އަދިވެސް ބޭނުންފުޅުވަނީ ސޯނިއާ ގާނދީ ޕާޓީގެ ލީޑަރަކަށް ހުންނެވުމަށެވެ.