މިއުޒިކް

ކުޑައިރުގެ ފޮޓޯއަކާ އެކު ރިއާނާގެ އާ އަލްބަމް ކަވާ ދައްކާލައިފި

މި އަލްބަމަށް ކިޔަނީ "އެންޓި" އެވެ. މިއީ އާރްއެންބީ/ޕޮޕް ލަވަކިޔުންތެރިޔާ ރިއާނާގެ އަށް ވަނަ ސްޓޫޑިއޯ އަލްބަމެވެ. ވަރަށް ގިނަ ބަޔަކު އެ އަލްބަމަކަށް އިންތިޒާރުކުރަމުން އަންނަ މަސައްކަތެކެވެ.

މި އަލްބަމްގެ ނަމާއި ކަވަރު ރަސްމީކޮށް ލޯންޗުކޮށްފައިވާއިރު އެންމެ ފާހަގަކޮށްލެވެނީ އަލްބަމްގެ ކަވަރެވެ. ކަވަރުން ކުޑަ އަންހެން ކުއްޖަކު ރަން ތާޖަކާ އެކު ފެނިގެންދާއިރު ފޮޓޯއިން އެ ފެންނަ ކުއްޖާ އަކީ ކާކުކަން އެނގޭ ހެއްޔެވެ؟

އެއީ ރިއާނާގެ ކުޑައިރުގެ ފޮޓޯގަނޑެކެވެ.

"މިއީ ކުޑަކުއްޖެގެ ގޮތުގައި އަޅުގަނޑު،" އަލްބަމް ކަވާ ލޯންޗުކުރުމަށް އިއްޔެ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަމުން ރިއާނާ ބުންޏެވެ.
"ކުޑައިރުގެ ފޮޓޯގަނޑެއް އަޅުގަނޑު ގެނެސްދިނީމަ ކަވަރަކަށް ބަދަލުކޮށްފައި އެ ވަނީ އަޅުގަނޑު އެއިން ދޭން ބޭނުންވާ މެސެޖު ފުރިހަމަ އަށް ލިބޭ ގޮތަށް."

މި ކަވަރު ޑިޒައިންކޮށްފައި ވަނީ ރޯއީ ނާޗުމް ނަމަކަށް ކިޔާ އާޓިސްޓެކެވެ. އޭނާ ބުނީ ފޮޓޯ އިން ބަލައިގެން ކުޑައިރުގެ ރިއާނާއެއް ކުރެހީ ކަމަށާއި އެއަށް ފަހު އޭގައި މުޅިން އާ ދޫލައެއް އަޅައިލީ ކަމަށެވެ. އޭނާ ބުނީ އަޅުވާފައިވާ ތާޖުން ސިފަކޮށްދެނީ މިއުޒިކް ކަމަށެވެ.

"އެންޓި" އަލްބަމް ރަސްމީކޮށް ލޯންޗުކުރި ނަމަވެސް އަލްބަމް ނެރޭނެ ތާރީޚެއް ރިއާނާ އަދިވެސް އިއުލާނެއް ނުކުރެ އެވެ. އެހެންވީމާ އޭނާގެ ފޭނުންނަށް ޖެހޭނީ އަދިވެސް އިންތިޒާރެއްގައި މަޑުކޮށްލާށެވެ.

ބާބަޑޯސް އަށް އުފަން ރިއާނާ އަކީ މިއުޒިކްގެ އޮސްކާގެ ގޮތުގައި ބެލެވޭ ގްރެމީ އެވޯޑްސް އަށް ފަހަރެއްގެ މަތިން ހާސިލުކޮށްފައިވާ ފަންނާނެކެވެ. އޭނާ މިއުޒިކްގެ ދުނިޔެ ފަތަހަކުރީ 2007 ވަނަ އަހަރު ނެރުނު އޭނާގެ ތިން ވަނަ އަލްބަމް "ގުޑް ގާލް ގޯން ބޭޑް" އާ އެކުގަ އެވެ.

އޭގެ ސިންގަލްއެއްގެ ގޮތުގައި ނެރުނު "އަންބްރެއްލާ" އާއެކު ރިއާނާ ތަރިއެއްހެން އަރައިގެން ދިޔައީ އެވެ.