މީހުން

ކެސްޓޯގެ އާދަޔާހިލާފު ދިރިއުޅުން: ދެކެފަރިތަޔަސް އަގުވަޒަންނުކުރެވުނު ލެޖެންޑް!

  • އޭނާގެ ހަޔާތުގެ ކޮންމެ ދިމާލެއް ވެސް އާދަޔާހިލާފު
  • ބޮޑީ ބިލްޑިން ކުރިއެރުވުމުގައި އޭނާގެ ދައުރު ބޮޑު
  • ތާރީހީ އެކި ކަންކަމަށް ވެސް އޭނާގެ ޝައުގު ހުރޭ

އެންމެ ފުރަތަމަ، ކެސްޓޯ އަށް "ކެސްޓޯ" އޭ ކިޔުނު ހިސާބުން ފަށައިގަންނަމާ ހިނގާށެވެ. އޭނާގެ ވާހަކަ ކޮންމެ ދިމާލަކުން ފެށިޔަސް އޭގައި އާދަޔާހިލާފު ކަމެއް ހިމެނޭތީ އެވެ.

މިސާލަކަށް ކެސްޓޯ ނުވަތަ އޭނާގެ ރަސްމީ ނަމުން ނަމަ، މޯލްޑިވިއަން ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސް، މުހައްމަދު ހަލީމް އަކީ ބޮޑީ ބިލްޑްނުކޮށް ރާއްޖޭގެ މި ކުޅިވަރުގެ ތެރޭގައި ލެޖެންޑެއްގެ ދަރަޖަ ވެސް ހޯދާފައިވާ ފަރާތެކެވެ. އޭނާއާ ބެހޭ ގޮތުން މިފަދަ އާދަޔާހިލާފު އެތައް ވާހަކައެއް ދެއްކިދާނެ އެވެ.

އެހެންވީމަ އެންމެ ފުރަތަމަ، "ކެސްޓޯ" އިން ފަށައިގަންނަމާ ހިނގާށެވެ.

"އެއީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް ތިނެއްގައި އަޅުގަނޑު އުޅެނިކޮށް ކިޔުނު ނަމެއް. އެއީ ހިންދީ ފިލްމު ޝޯލޭގައި އުޅޭ ދެ ލޯ އަވަރު ކެރެކްޓާއެއް ކަމުގައިވާ ކެޝްޓޯ އަށް ނިސްބަތްކޮށް ކްލާހުގެ އެކުވެރިޔަކު އޭރު ކީ ނަމެއް އަޅުގަނޑާ ދިމާލަށް،" ކެޝްޓޯ އަކުން ކެސްޓޯއެއް އުފަންވި ގޮތް ކިޔައިދެމުން ކެސްޓޯ ބުންޏެވެ.

"ކްލާހުގައި އުޅެނިކޮށް ޖެހި ސަކަރާތެއްގެ ތެރެއިން ޓީޗަރު އައިސް ބޮލުގައި އެތި ފަހަރެއް އަޅުވައިލީމަ އޭނައާ ދިމާލަށް ދެ ލޯ އަވަރުކޮށްލައިގެން ދެވުނު ގޮތަކުން ވަނަމަކަށް ކެސްޓޯއޭ ކިޔަން ފެށީ. އެ ނަން މިހާރު މި އޮތީ އެންމެފަހުން ބްރޭންޑަކަށް ބަދަލުވެފައި. އެ ނަން މިހާރު ވާނީ ރާއްޖޭގައި ޓްރޭޑްމާކް ނަމެއްގެ ގޮތުގައި ރަޖިސްޓްރީ ވެސް ކޮށްފައި އަޅުގަނޑުގެ ނަމަށް."

ކެސްޓޯ އަކީ ހަމައެކަނި ލެޖެންޑެއް ނޫނެވެ. އޭނާ މިއޮތީ ބްރޭންޑަކަށް ވެސް ބަދަލުވެފަ އެވެ.

"އަޅުގަނޑު މި ވިސްނަނީ ކެސްޓޯ ބްރޭންޑް ކުޅިވަރުގެ މައިދާނުގައި މަޝްހޫރު ނަމަކަށް ހަދަން. އެގޮތުން މި ނަމުގައި ކުޅިވަރާ ގުޅުން ހުރި އާލާތްތަކެއް އުފައްދައިގެން ބާޒާރަށް ނެރެން އެބަ ވިސްނަން."

މިހައި ހިސާބުން ކެސްޓޯ އާއި އެކު ހިތާއި ހިތުގެ ގުޅުމެއް ފައްކާކޮށްފައިވާ ބޮޑީ ބިލްޑިންގެ ވާހަކަ އަށް އެނބުރި ގަންނަމާ ހިނގާށެވެ. އޭނާ ބުނަނީ ބޮޑީ ބިލްޑިން އަށް ލޯބި ނެތް ދުވަހެއް، ޒަމާނެއް އޭނާގެ ހަޔާތުގައި ފާއިތުވެގެން ގޮސްފައި ނެތް ކަމަށެވެ.

"ބޮޑީ ބިލްޑިންގެ މަސައްކަތްނުކުރާ އެކަމަށް ލޯބި ނެތް ދުވަހެއް މި ކެސްޓޯގެ ހަޔާތަކު ނެތް މިހެން ކިތަންމެ ހިކިކޮށް ދަނޑިއެއްހެން ހުއްޓަސް،" ޗީބޯ އަށް އަރައި އެސްޕްރެސޯ އަކަށް އޯޑަރު ކޮށްލުމަށް ފަހު 51 އަހަރުގެ ކެސްޓޯ ދެން ޖަހާލީ ހިނިގަނޑެކެވެ.

އެހިނިގަނޑެއްގެ ތެރެއަށް އަޅުގަނޑު ވެސް ދަމައިގެން ދިޔައީ އެވެ. ކެސްޓޯ އެ ބުނީ ހަމަ ތެދެކެވެ. އޭނާ ހުންނަނީ ހަމަ ހިކި ދަނޑިއެއްގެ ސިފައިގަ އެވެ.

އާދައިގެ ދިވެއްސަކަށް ވުރެ އިސްކޮޅުން ވަރަށް ވެސް ދިގެވެ. ބޯ ވެސް އޮންނާނީ ކަނދުރާއާ ހަމަ އަށް ދިގުކޮށްލައިފަ އެވެ. ލޮލުގައި އަޅައިފައި އޮންނާނީ ވަށް ބުރުގެ ސިފަ ޖެހިފައިވާ ލޯ ލީ ނަމްބަރު އައިނެކެވެ. ދެން އެންމެ އާންމުކޮށް ފެންނާނީ ޖިންސަކާއި ޓާޓްލް ނެކް ލީ ޓީޝާޓެއްގައި ސްޓައިލަކަށް ހިނގާލާފައި ދާ މަންޒަރެވެ.

މިއީ ކެސްޓޯގެ ޓްރޭޑްމާކް ލުކެވެ. އޭނާ އަކީ ސައިކަލެއް އަދި ބައިސިކަލެއްގައި ވެސް އުޅުނު ނުވަތަ އުޅޭ މީހެއް ވެސް ނޫނެވެ.
"އެއީ ތިމާވެއްޓަށް ކުރާ ލޯތްބެއްގެ ބޮޑުކަމުން،" އަބަދު ހިނގާލާފައި އުޅެނީ ކީއްވެތޯ ސުވާލުކުރީމަ ކެސްޓޯ ބުނީ މިހެންނެވެ.
ކޮންމެއަކަސް ކެސްޓޯ އާއި ބޮޑީބިލްޑިންއާ ދެމެދު އޮތް ލޯބީގެ ވާހަކަ އަށް އަލުން އެނބުރި ގަންނައިރު އެ ވާހަކައެއް ފަށަން މި ޖެހެނީ "އަބަދުވެސް ހިކިކޮށް" ނުވަތަ ކެސްޓޯގެ ބަހުރުވައިން ނަމަ "ދަނޑިއެއް ހެން ހުރި" ކެސްޓޯއާ ހިސާބުންނެވެ.

އޭނާ ބުނާ ގޮތުން ނަމަ ބޮޑީބިލްޑިން އަށް އޭނާގެ ހިތް ޖެއްސި މީހަކީ އޭނާގެ ބައްޕަ އެވެ.

"އަޅުގަނޑުގެ ބައްޕަ އަކީ ކުރިން ގޭގައި ހިދާޔާ ސްކޫލްއޭ ކިޔުނު ސްކޫލެއް ހިންގި ފަރާތެއް. އެއީ އަޅުގަނޑަށް ތިން އަހަރުގައި،" ކެސްޓޯގެ ވާހަކަ ފެއްޓި އެވެ.

"އޭރަކީ އިނގިރޭސި މަނަވަރުތަކުން މާލޭގެ ސްކޫލްތަކަށް ފޮތްތައް ހަދިޔާކޮށް އުޅުނު ޒަމާން. ދެން އެގޮތަށް ލިބޭ ފޮތްތައް ހުންނާނެ އަޅުގަނޑުމެންގެ ގޭގައި އޭރު. އެގޮތަށް ލިބުނު އެއް ފޮތަކީ ބޮޑީ ބިލްޑިންއާ ބެހޭ މައުލޫމާތު ހިމެނިފައިވާ ފޮތެއް."

ބޮޑީ ބިލްޑިން އަކީ ކޮބައިކަން ބުނެދީ އެ ކުޅިވަރެއްގެ ތެރެއަށް ކެސްޓޯ ދަމައިގެން ގެންދިޔައީ މި ފޮތެއްގެ ބާރުގަ އެވެ.

"އެ ފޮތް ބަލައި ކިޔައިގެން ލިބުނު ހިތްވަރާ އެކު ގޮސް އެންމެ ފުރަތަމަ އުފުއްލާނީ ވަޅުޖަހާ ދަގަނޑެއް. އޭތި އުފުއްލާލައިގެން ބޮޑީ ބިލްޑްކުރަން ފެށީ،" ކެސްޓޯ ކިޔައިދިނެވެ.

"ދެން ބައްޕަ އިންޑިއާ އަށް ގޮސް އައި ދަތުރުތަކުގައި ގެނެސްދޭނެ ބަރާއި ބޮޑީ ބިލްޑިންއާ ގުޅޭ އެހެން އާލާތްތައް ވެސް. އޭރު ވެސް ރައްޓެހި ކުދިން އަންނާނެ ގެއަށް ބޮޑީކުރަން. އޭރު ވެސް އަޅުގަނޑު ހުންނާނީ ހަމަ މިހެން ނިކަން ދަނޑިކޮށް."

އޭނާ ބުނީ އިތުރު ހިތްވަރެއް އޭނާ އަށް ހޯދައި ދިން މީހަކީ ކުޑައިރު ކިޔަން ގެންގުޅު ކޮމިކް ފޮތްތަކުން ނިކަން އާންމުކޮށް ފެނުނު ފިޓްނެސް އިޝްތިހާރަކުން ދަންނަ މޫނަކަށް ބަދަލުވި އޭރުގެ ބޮޑީބިލްޑަރެއް ކަމުގައިވާ ޗާލްސް އެޓްލަސް ކަމަށެވެ.

އެހެންވީމަ މި އެންމެން މަސް ޖަހައި ފުއްޕާލައިގެން ދިޔައިރު ކެސްޓޯ އެންމެފަހުން އެގޮތް ބޭނުންނުވީ ކީއްވެ ހެއްޔެވެ؟

"އެއް ފަހަރަކު އަޅުގަނޑު ވެސް ވަރަށް ގަދަ އަށް ޖައްސައިގެން ހަށިގަނޑު ބިޔަކުރިން. އެކަމަކު އެއީ މީހަކާ ޗެލެންޖަކަށް ކޮށްލި ކަމެއް. އެ މީހާ ބުނީ އަހަރެން ބޮޑީކުރިޔަސް ބިޔައެއް ނުވާނެއޭ. އެހެންވެ ބިޔަވާނެކަން ދައްކަން ކޮށްލި ކަމެއް އެއީ،" ކެސްޓޯ ބުނެލި އެވެ.
ދެން ބުނީ މިހެންނެވެ.

"އެކަމަކު އަޅުގަނޑު ބޭނުމެއް ނުވޭ ކޮންމެހެން ބޮޑީ ބިލްޑްކުރާކަށް. އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކަށް ހެދީ ވީހާ ވެސް ގިނަ ބަޔަކު ލައްވައި މިކަން ކުރުވުން."

ފަހަރެއްގައި ބޮޑީބިލްޑިން ރާއްޖޭގައި އޭރު އޮތް ގޮތާއި ހިސާބު ފެނިފައި އެކަން އާ އުސްމިނަކަށް ގެންގޮސް ދޭން ކެސްޓޯގެ ހިތް ތެޅިގަތީ އެވެ.

"އޭރަކު ނޭނގޭ ބޮޑީ ބިލްޑިންއާ ބެހޭ އެކައްޗެއް ވެސް އަސްލު. ޕޯޒިން ވެސް އެނގެނީކީއެއް ނުން. އޭރު ދިވެހިން ބޮޑީކޮށް އުޅުނީ ބަރުގެ ގޮތުގައި ވެލިގާ އަޅައިގެންނާއި މިލްކުގެ ގޮތުގައި ކާށި ކިރު ވެސް ބޮއެގެން،" ކެސްޓޯ ކިޔައިދިނެވެ.

އޭނާ ބުނީ އޭރު އޮތް ހާލަތަށް ބަލާއިރު އެންމެ މުހިންމު ކަމަކަށް ވިސްނުނީ ބޮޑީބިލްޑިން ތަރައްގީކުރުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ކަމެއް އެކަކު ކުރަން ވެއްޖެ ނަމަ އެކަމެއް ކުރިއަކަށް ނުދާނެ. މިސާލަކަށް އަޅުގަނޑު އަމިއްލަ އަށް ބޮޑީ ބިލްޑްކުރަމުން ތަންތަނަށް ގޮސް މުބާރާތްތަކަށް އަރަމުން ވަނަތައް ހޯދަން މަސައްކަތްކުރާ ނަމަ ދެން ތިބޭ ބަޔަކަށް ފުރުސަތެއް ނުލިބޭނެ،" ބޮޑީ ބިލްޑިން އަށް ހާއްސަ ޖިމެއް މާލޭގައި އެންމެ ފުރަތަމަ ހުޅުވި ކެސްޓޯ ބުންޏެވެ.

"އެހެންވީމަ އެއަށް ވުރެ ރަނގަޅުވާނެ އެމީހުންގެ ފަހަތުގައި ހުރެގެން އެމީހުން ލައްވައި މިކަން ކުރުވާ މީހެއްގެ ރޯލު ކުޅެން."
އެހެންވީމަ އަދިވެސް މި އުޅެނީ އެގޮތަށް މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި، މީހުން އުފެއްދުމުގައި."

"އަޅުގަނޑު މިއަދު މަރުވިޔަސް ރާއްޖޭގައި ދެން ބޮޑީބިލްޑިން މަރެއް ނުވާނެ. އެއީ އެވަރަށް މިއަދު މީހުން އެބަ ތިބި މީހުން އުފެއްދިފައި. ކުދިން ގޮވައިގެން ބޭރަށް ގޮސް ބޮޑީ ބިލްޑިންގެން ހުރިހާ ކަމެއް ކިޔައި ދަސްކޮށްދިނިން އަޅުގަނޑުމެން ކުދިންނަށް. އޭ ޓު ޒެޑަށް."

ކެސްޓޯގެ އަތުގައި މަސްތައް ފުއްޕައިގެން ރަން މެޑައްޔެއް ނެތަސް މި ދާއިރާގެ އެންމެންގެ އިހްތިރާމް ލިބޭ ފަރާތަކަށް ބަދަލުވެފައި ވަނީ ބޮޑީބިލްޑިން އަށް އޭނާގެ ހިތުގައި އޮތް މި ތެދުވެރިކަމާއި ވަފާތެރިކަމުގެ ސަބަބުންނެވެ.

ކެސްޓޯގެ ހަޔާތުގެ މި ޗެޕްޓަރަށް ފަހު ދެން އޭނާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުރިން ވެސް ދެންނެވިހެން އާދަޔާހިލާފު މަސައްކަތްތަކަށެވެ. އެގޮތަށް ޔަގީނަށް ވެސް އޭނާގެ ފަހުގެ އުފެއްދުންތަކަށް ބަލާލާއިރު މިހާރު އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައި ވަނީ ތާރީޚީ ވިސްނުމެއްގައި އޭނާ ޕްރޮމޯޓްކުރާ "މަވަންތަ" އުފެއްދުންތަކުގެ ތެރެއިން ސްވެނިއާއެއްގެ ގޮތުގައި ބާޒާރަށް ނެރުނު "މުންނާރަ" އެވެ.

އޭނާގެ މި މަސައްކަތަކީ އެ މަސައްކަތަށް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ނެގި ކަމެކެވެ.

"ރާއްޖެއިން ބޭރަށް ދާ މީހުން އާންމުކޮށް ގެންނާނެ ސްވެނިއާގެ ގޮތުގައި އެގައުމުތަކުގެ މަޝްހޫރު ބިނާތައް. އެކަމަކު ރާއްޖޭގައި ނެތް އެފަދަ ސްވެނިއާއެއް. ދެން އަޅުގަނޑު ހިތަށް އެރީ ކީއްވެބާއޭ އެކަކު ވެސް މުންނާރުގެ ސްވެނިއާއެއް ހަދަން ނޫޅެނީ. 300 އަށް ވުރެ ގިނަ އަހަރުވެފައި ހުރި މަޝްހޫރު ބިނާއަކަށް ވީއިރު ވެސް،" ކެސްޓޯ ކިޔައިދިނެވެ.

އެންމެ ފުރަތަމަ މި މުންނާރެއްގެ ރިޕްލެކާއެއް އުފައްދަން ވެގެން އޭނާ ވަކަރުގައި ލޭތުކުރަން ދިޔައީ މާލޭގައި އޭރު މަޝްހޫރު ދިވެހި މޭސްތިރި ވަޑާންގެއަށެވެ.

"ފުރަތަމަ ހެދި މުންނާރު ހިފައިގެން ބައްޕަ ދިޔައީ އިންޑިއާ އަށް. ދެން އިންޑިއާ އަށް ގޮސް އުޅެނިކޮށް އޭތި އިންޑިއާ އަށް ގެއްލުނީ. އެއީ ވިއްސަކަށް އަހަރު ކުރިން،" ކެސްޓޯ ބުންޏެވެ.

"ދެން އެ ހިސާބުން ފެށިގެން މިއަދާ ހަމަ އަށް ވެސް އެހެން ބަޔަކު ނޫޅޭ މުންނާރުގެ ސްވެނިއާއެއް ހަދާކަށް. މިހާ ކްރިއޭޓިވް މީހުން ރާއްޖޭގައި ތިބިއިރު ވެސް ނޫޅޭ ދޯ އެފަދަ ކަމެއް ކުރާކަށް. އަޅުގަނޑަށް ހީވަނީ މާތް ރަސްކަލާނގެ އަޅުގަނޑުގެ ބޮލަށް މުންނާރުގެ މި ހިޔާލު ވައްދާފަ އެހެން މީހުންގެ ބޮލުން މުންނާރު ފޮހެލާފައިހެން ހުރ."

ސަމާސާއަކަށް ހަދައިގެން ކެސްޓޯ ބުނީ މިހެންނެވެ.

ތާރީޚަށް ހާއްސަ ލޯތްބެއް އުފެދިފައިވާ ކެސްޓޯ ބުނީ މެދުޒިޔާރަތާއި ހުކުރު މިސްކިތް ފަދަ އާސާރީ މުހިންމު ބިނާތަކުގެ ކުދިކުދި މޮޑެލްތައް މިގޮތުގައި ބާޒާރަށް ނެރުމަށް މިހާރު ވެސް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

"މިއީ ދިވެހި ސަގާފަތަށް މި ޖީލުގެ ކުދިންގެ ލޯބި ޖެއްސުމަށް ކުރާ މަސައްކަތް،" މަދުން ނޫނީ ނުފެންނަ ތާރީޚީ ފޮޓޯތަކާއި ކުރީގެ މުސްކުޅި ފައިސާ އާއި ލާރި އާއި ސްޓޭމްޕް ފަދަ ތަކެތި ވެސް ގިނަ އަދަދަކަށް އެއްކޮށްފައިވާ ކެސްޓޯ ބުންޏެވެ.

މި ވާހަކަ އަކަށް ފަހު ބޮޑީބިލްޑިންގެ ވާހަކައިގެ ތެރެއަށް އެނބުރިގެން ގޮސް ކެސްޓޯ ބުނީ މިއަދުގެ އެންމެ ބޮޑު ހިތާމައަކީ ރާއްޖޭގެ ބޮޑީބިލްޑަރުންގެ ތެރެއިން ބައެއް މީހުން "ގަވާއިދާ ހިލާފަށް ޝޯޓްކަޓް" ނަގަން އުޅޭތީ ކަމަށެވެ. އަދި ބޮޑީބިލްޑިން ތަރައްގީކުރަން ޖެހޭ މީހުން މެޑައްޔަށް ދަހިވެތިވެގެން އުޅޭތީ ކަމަށެވެ.

"މިހާރުގެ އިންސްޓްރަކްޓަރުން ކަންތައް ކުރާ ގޮތް ހިތްހަމައެއް ނުޖެހޭ. އެމީހުން އުޅެނީ އަމިއްލަ އަށް ޕްރޮމޯޓްވާން. މީހުން އުފައްދާކަށް ނޫޅޭ. މަދު ބަޔަކު އުޅެނީ ރަނގަޅަށް،" ކެސްޓޯ ބުންޏެވެ.

"މިހާރު ފެންނަނީ އިންސްޓްރަކްޓަރުން އަމިއްލަ އަށް މުބާރާތްތަކުގައި ވާދަކޮށް ޕްރޮމޯޓްވާ މަންޒަރު. ވަރަށް ދެރަ ކަމެއް މިއީ ރާއްޖޭގެ ބޮޑީ ބިލްޑިން އަށް."

"މިހާރު ކޮންމެ މީހަކު ބޭނުންވަނީ ޝޯޓްކަޓެއް. މިސާލަކަށް ސްޓެރޮއިޑްސް ބޭނުންކުރާ ބޮޑީ ބިލްޑަރުން ރާއްޖޭގައި ވަރަށް ގިނަ. ވަގަށް މި އެއްޗެހި އެތެރެކޮށްގެން ޒުވާން ކުދިން މި އެއްޗެއް ބޭނުންކުރަމުންދާއިރު ބައެއް ބޮޑީ ބިލްޑަރުންނަށް ސިއްހީގޮތުން ސީރިއަސް މައްސަލަތައް ވެސް ދިމާވަމުންދާކަން ފާހަގަކޮށްލެވޭ."