ރައީސް މުހައްމަދު ނަޝީދު

ވަހީދު، ލޭއޮހޮރުވާލާ ވާހަކަ ދެއްކުމުން ހައިރާން ނުވޭ: ނަޝީދު

އިދިކޮޅިު މުޒާހަރާއެއްގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު "ލޭ އޮހޮރުވާލާ" ވާހަކަ ދެއްކެވުމުން ހައިރާންވެ ވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ވަހީދަށް ފާޑުވިދާޅުވެއްޖެ އެވެ.

ވަރަށް ގިނަ އަދަދެއްގެ ޒުވާނުންނާއެކު އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ސައިކަލެއް ބުރެއް ބާއްވާފަ އެވެ. އެ ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ ބޭއްވި އެއްވުމުގައި ރައީސް ވަހީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއްވުމުގައި ރައީސް ވަހީދު ވިދާޅުވީ ދިވެހި ރައްޔިތުން ދިވެހި ގައުމުގެ މިނިވަންކަން ދަމަހައްޓާނެ ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގުލާލަށް ކުޑަވެސް އުނިކަމެއް އަޔަ ނުދޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ކުޑަވެސް އުނިކަމެއް އަޔަދޭނެ ބައެއް ނޫން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ލޭއޮހުރުވާލައިގެންވެސް ދިވެހިރާއްޖެ ސަލާމަތް ކުރުމަށް އަބަދުވެސް ތިބޭނީ ތައްޔާރަށް،"

އަދި ޒުވާނުން މުޒާހަރާއަށް ނިކުތީ ގައުމުގެ ހާލަތު ދުވަހަކުވެސް ނުވެއްޓޭ ފަދަ ދަރަޖައަކަށް ވެއްޓުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ދެން ރައްޔިތުންނަށް ކެތެއް ނުވާނެ. މިއަށްވުރެ ރަނގަޅަށް ސަރުކާރުން ކަންތައް ކުރަން އެބަޖެހޭ. ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތު މިއަށްވުރެ ރަނގަޅަށް އަދާކުރަން އެބަޖެހޭ. ރައްޔިތުންގެ ހަޒާނާ ހުސްވެގެން ގޮސް ރައްޔިތުން ހާލުޖެހޭ ވަގުތުގައި އެންމެން ބައިވެރިކޮށްގެން އެބަޖެހޭ ކަންކަން ހައްލުކުރަން. އެތަނެއް ނޫން މިއަދު ފެނިގެންދަނީކީއެއް. ފެނިގެން މިދިޔައީ ދައުލަތުގެ ހަޒާނާ ހުސްވެގެންދާތަން،"

ރައީސް ވަހީދަށް ފާޑުވިދާޅުވެ ރައީސް ނަޝީދު މިރޭ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނާއިބެއްގެ ގޮތުގައި ކުރިން ހުންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދުގެ މުޒާހަރާފައި "ލޭ އޮހޮރުވާލާ" ވާހަކަ ދެއްކެވުމުން ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ.

"ފެބްރުއަރީ ހަތެއްގައި ލޭ އޮހޮރުވުމަކަށް ނުދިޔައީ އަޅުގަނޑު ބަޑި ގުދަން ނުހުޅުވީމަ. ހަތިޔާރު ނަގަން ހުއްދަ ނުދީމަ،" ނަޝީދުގެ ވެރިކަން ބަދަލުވެ ވަހީދުގެ ވެރިކަން ފެށުނު ދުވަހަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ މުޒާހަރާގައި ބައިވެރިވި އިދިކޮޅު ލީޑަރުން ވަނީ އެ ބޭފުޅުން ނިކުންނެވީ ސަރުކާރު ބަދަލު ކުރުމަށް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަދި ރައީސް ވަހީދުގެ ވާހަކަފުޅުގައިވެސް މި ސަރުކާރާ ދެކޮޅަށް ލޭ އޮހޮރުވާލުމަށް ގޮވާލާފައެއް ނުވެއެވެ.