މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ހެނދުނު 6 ޖަހާއިރު ފިހާރަތައް ހުޅުވަނީ

މާދަމާއިން ފެށިގެން ހެނދުނު 6 ޖަހާއިރު ފިހާރަތައް ހުޅުވުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފިހާރަަތައް ހުޅުވާފަ ބެހެއްޓޭނެ ގަޑިތަކެއް އެ މިނިސްޓްރީން ވަނީ ކަނޑައަޅާއެވެ. އެގޮތުން ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ހެނދުނު 9 ކުން ފެށިގެން ރޭގަނޑު 9:30 އަށެވެ.

ނަމަވެސް އެ މިނިސްޓްރީން މިއަދު ބުނީ މާދަމާއިން ފެށިގެން ހެނދުނު 6 ކުން ފެށިގެން ރޭގަނޑު 9:30 އަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

މި ބަދަލު އެ މިނިސްޓްރީން ގެނެސްފައިވަނީ ރޭގަނޑު 8 ކުން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފައިވާތީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ވިޔަފާރިވެރިން ބުނެފައިވާ ވަގުތެއްގައެވެ. ވިޔަފާރި ވެރިން ވަނީ ފިހާރަތައް ހެނދުނު 6 ޖަހާއިރު ހުޅުވުމުގެ ހުއްދަ ދިނުމަށް ގޮވާލާ އިހުތިޖާޖުވެސް ކޮށްފައެވެ.