އައްޑޫ ސިޓީ

އައްޑޫ ކޮންމެ މީހަކަށް މަހަކު 5000 ދޭން ގޮވާލައިފި

Aug 29, 2020
8

އާމްދަނީ ހުއްޓިފައިވާ އައްޑޫ ކޮންމެ މީހަކަށް މަހަކު 5000 ރުފިޔާ ދިނުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީން ގޮވާލައިފި އެވެ.

އޭޑީސީން މިކަމަށް ގޮވާލާފައިވަނީ އައްޑޫ ސިޓީގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރަމުން އައި ހުރިހާ މަސައްކަތެއް ނެތި ފަނާވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ 55 އަހަރު ތެރޭގައި ރާއްޖެއަށް ގެނައި އިގްތިސާދީ ތަރައްގީން އައްޑޫ ސިޓީ އެކަހެރިކޮށްފައިވާ ކަމަށެވެ.

އައްޑޫ ރައްޔިތުންގެ އުންމީދުތަކުގެ ނާރެސް ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދެމެހެއްޓެނިވި އިގްތިސާދީ ދިރުމެއް ނުގެނެސް ފަޅުތަނެއްގެ ގޮތުގައި ތާ އަބަދު ބާއްވައިފައި އޮތް އޮތުމަކީ އަތޮޅުގެ ތަރައްގީއަށް ދީފައިވާ އެންމެ ބޮޑު ދެރަ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަދި އައްޑޫއަށް ފަތުރުވެރިކަން ތައާރަފުކޮށް ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތެއްގައި އެ ވިޔަފާރި ކުރިއަށް ގެންދެވޭނެ މަގުވެސް ދައްކާފައިނުވާ ކަމަށާާ މި ހާލަތަށް އައްޑޫ ދިއުމުގެ ޒިންމާ ދައުލަތާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަން ނަގަން ޖެހޭނެ ކަމަށްވެސް އޭޑީސީން ބުންޏެވެ.

"މިހެން ކަމުން އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ [އޭޑީސީ] އިން ދިވެހި ސަރުކާރަށް މި ގޮވާލަނީ އައްޑު އަތޮޅަށް ޓީމެއް ފޮނުވައިގެން ނަމަވެސް އަތޮޅުގެ ރައްޔިތުންގެ ހާލަތު ބައްލަވައި އާމްދަނީ ގެއްލިފައިވާ މީހުންނަށް އެއްވެސް ޝަރުތެއް ކުރިމަތިނުކޮށް އިތުރު ތަކުލީފުތަކެއް ނުޖައްސައި ކޮންމެ މަހަކު 5000 ރުފިޔާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ،" އޭޑީސީން ނެރުނު ބަޔާނުގައިވެއެވެ.