ވިޔަފާރި

ބީއެމްއެލް ހިއްސާއަކަށް 26ރ. ބަހަން ފާސްކޮށްފި

Aug 31, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 26ރ. ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލް އިން ވާޗުއަލްކޮށް މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 139 މިލިއަން ރުފިޔާ ބަހަން ވަނީ ފާސް ކޮށްފަ އެވެ. އެ ބޭންކުން ހިއްސާދާރުންނަށް ފައިދާ ބަހަން ނިންމާފައި ވަނީ މަރުކަޒީ ބޭންކުން ހުއްދަ ލިބިގެނެވެ.

ބީއެމްއެލް އިން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައި ވަނީ 124 މިލިއަން ރުފިޔާ އެވެ. އެ އަހަރު ހިއްސާއަކަށް ޖެހިފައިވަނީ 24ރ. އެވެ.

އޭޖީއެމްގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރަކީ ބޭންކަށް ކާމިޔާބު އަހަރެއް ކަމަށާ، އެގޮތުން ބޭންކުގެ ހިންގުމުގެ ފައިދާ 2018 ވަނަ އަހަރާ އަޅާ ބަލާއިރު ނުވަ ޕަސެންޓް އިތުރުވެ، 1.7 ބިލިއަނަށް ރުފިޔާ އެރި ކަމަށް ވިދާޅުވި އެވެ.

"ކުރިން ވެސް ލަފާ ކުރެވުނު ފަދަ އިން ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ސާފު ފައިދާ ވަނީ ފަސް ޕަސެންޓް ދަށްވެފައި. މިގޮތަށް ދަށްވެފައި ވަނީ ޕްރޮވިޝަން ޗާޖު އިތުރުވުމުގެ ސަބަބުން. ބޭންކުގެ ޖުމްލަ އެސެޓްސްްއަށް ވަނީ 3.3 ބިލިއަން އިތުރުވެފައި. މިއީ 14 ޕަސެންޓް ގެ ކުރިއެރުމެއް. ބޭންކުގެ ރައުސުލްމާލު މިވަނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި. މިގޮތުން ރައުސުލްމާލުގެ ފުދުންތެރިކަން ހުރީ 40 ޕަސެންޓް އަށް ވުރެ މަތީގައި. މިއީ ގާނޫނީ ގޮތުން ލާޒިމް ކުރާ މިންގަނޑަށް ވުރެ މަތީ އަދަދެއް،" ސޯޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމަކީ އިންސާނިއްޔަތަށް ދިމާވެފައިވާ ވަރަށް ބޮޑު ކާރިސާއެއް ކަމަށާ، ބޭންކެއްގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ކަސްޓަމަރުން މިދަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދެމުން. ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމަށް އަޅުގަނޑުމެން މިދަނީ ސަރުކާރާއި އެމްއެމްއޭ އާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު މަސައްކަތް ކުރަމުން. ބޭންކުން މިވަނީ ހަލުވި ފިޔަވަޅުތަކެއް އަޅާފަ. ކޮވިޑް19 އާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދެއްކުމުގެ ކުރިން މިދިޔަ އަހަރު ބޭންކުން ހޯދާފައިވާ ކާމިޔާބު ތަކަށް އަޅުގަނޑު ބަލައިލާނަން،" ސޯޔާ ވިދާޅުވި އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ސާފު ފައިދާ އުޅެނީ 200 މިލިއަނަށް ވުރެ މަތީގައި އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވާތީ މި އަހަރުގެ ނިމިދިޔަ ދެވަނަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާ ވަނީ ދަށްވެފަ އެވެ. މިދިޔަ ކުއާޓަރުގައި ބީއެމްއެލް އަށް ލިބިފައިވަނީ 106 މިލިއަން ރުފިޔާ އެވެ. އެ ބޭންކުން 2019 ވަނަ އަހަރު ބޭންކުން ވަނީ އަލަށް ދެ ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިން ސެންޓަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފަ އެވެ. ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނުހުންނަ ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ބޭނުންކުރާ ކޭޝް އޭޖެންޓްގެ ވިއުގަ ވަނީ ފުޅާކޮށްފަ އެވެ. އަދި 200 އަށް ވުރެ ގިނަ އޭޖެންޓުންގެ ތެރެއިން 40 އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް މިވަނީ ފޯރުކޮށް ދީފަ އެވެ.