ބޭންކް އޮފް މޯލްޑިވްސް

އަސާސީ މުދާ ގެންނާނެ ޑޮލަރު ފޯރުކޮށްދޭން އިސްކަން ދެން: ބީއެމްއެލް

Aug 31, 2020

ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ މުދާ ގަންނަން ބޭނުންވާނެ ޑޮލަރު ފޯރުކޮށް ދޭން އިސްކަން ދޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަންނަން ބޭނުންވާ ޑޮލަރު ފޯރު ކޮށްދޭން އިސްކަން ދެވެއެވެ. މި ގޮތުން ރާއްޖެ އަށް މުދާ ގެނައުމަށް ބޭނުންވާ ކަންކަމަށާއި މުހިންމު ޓީޓީ ތަކަށް އިސްކަން ދެ އެވެ.

ސޯޔާ ވިދާޅުވީ މިއަދު އޮތް ހާލަތައް ބަލާއިރު ދުނިޔޭގެ އެހެން ބޭންކުތަކޭ އެއްގޮތަށް، ބީއެމްއެލަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"މާލީ ދާއިރާއަށް ބަލާއިރު މިވަނީ ލިކިއުޑިޓީ އާއި އުފެއްދުންތެރި ނޫން ލޯނު ތަކެއް އިތުރު ވެގެންދާނެ ކަމަށް ބެލެވިފައި. ރާއްޖެއަށް ބަލާއިރު ފަތުރުވެރި ކަމުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައި ވުމާއެކު ޑޮލަރުގެ ލިކިއުޑިޓީއަށް ވެސް މިވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައި،" ސޯޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުގެ ސަބަބުން ދަތިތަކާ ކުރިމަތިވި ނަމަވެސް އެ ވަގުތަކަށް ބޭނުންވާ ފިޔަވަޅު އަޅަމުންދާނެ އެވެ.

"އަޅުގަނޑުމެންނަށް މިވަގުތު ދިމާވެފައިމިވާ ދަތި ހާލަތުގެ މިންވަރާ މެދު ފުންކޮށް ވިސްނަންޖެހޭ. ލިކިއުޑިޓީ ދެމެހެއްޓުމައި އުނދަގޫ ނަމަވެސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ބޭންކުން އަޅަމުންދާނެ. އެ ވަގުތަކަށް ލިބެންހުރި މިންވަރަކަށް ބަލައި އިސްކަންދޭން ޖެހޭ ދާއިރާތައް ކަނޑައަޅަން އަޅުގަނޑުމެން ޖެހޭ،" ސީއީއޯ ވިދާޅުވި އެވެ. "ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ބަލާއިރު މީގެ މަދު ހަފުތާތަކަކާ ހަމައަށް ހުރީ މުޅިންހެން ހުއްޓިފައި. އޭގެ ސަބަބުން އަދި މިހާތަނަށް ރާއްޖޭގެ އިގްތިސޯދަށް ނުކުރާހާ މިންވަރަކަށް ނޭދެވޭ އަސަރު މިވަނީ ކޮށްފައި. ވިޔަފާރި ތަކަށް މިފަދަ ބޮޑު ލޮޅުމެއް އެރުމަކީ ބޭންކެއްގެ އާމްދަނީ އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް. އަދި ހަމަ އެހެންމެ މުޅި އަހަރުގެ މާލީ ނަތީޖާއަށް ވެސް މީގެ އަސަރު ކުރާނެ."

ޑޮލަރުގެ ލިކިއުޑިޓީ ހިފެހެއްޓުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކާ ގުޅިގެން ފަންޑިން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން 20 މިލިއަން ޔޫރޯގެ ފެސިލިޓީއެއް ހަމަޖެހިފައިވާ ކަމަށާއި އޭގެ ފަހުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ބޭންކަށް 50 މިލިއަން ޑޮލަރާހަމަ އަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.