ފިނިޕޭޖް

"ސާޖަން": މާދުރީގެ އެންމެ ރީތި އެއް ފިލްމު


ސަންޖޭ ދަތާއި ސަލްމާން ޚާނާއެކު މާދުރީ ޑިކްޝިޓް ކުޅުނު "ސާޖަން" ރިލީޒްކުރިތާ 29 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެ ފިލްމުގެ ހަނދާންތައް މާދުރީ އާ ކޮށްފި އެވެ. އޭނާ ބުނި ގޮތުގައި ސްކްރިޕްޓް ކިޔާފައި އެ ފިލްމު ކުޅެން އޭނާ އެއްބަސްވާން ނެގީ ކުޑަ ހިނދުކޮޅެކެވެ.

ފިލްމުގެ ވާހަކައިގައި ރޮމެންޓިކް ކަމުންނާއި ޑައިލޯގްތަކުގައި ހުރި ޝާއިރީ ގޮތްގަނޑު އަދި ލަވަތައް ރީތިވުން އެއީ އޭނާ އެ ފިލްމު ކުޅެން އެހާ އަވަހަށް އެއްބަސްވީ ސަބަބުތައް ކަމަށް މާދުރީ ބުންޏެވެ.

ލޯރެންސް ޑިސޫޒާ ޑައިރެކްޓްކުރި "ސާޖަން" ރިލީޒް ކޮށްފައި ވަނީ 1991 ވަނަ އަހަރު އެވެ. މި ފިލްމުގައި ކޔައިދީފައި ވަނީ ދެ ބެސްޓް ފްރެންޑުން ކަމަށްވާ އަމަރް އާއި އާކާޝްގެ ވާހަކަ އެކެވެ. ފިލްމުގައި މި ދެ އެކުވެރިންނަށް ލޯބި ވެވެނީ އެއް އަންހެންކުއްޖެއް ދެކެ އެވެ. އެއީ މާދުރީ ކުޅުނު ކެރެކްޓާ ޕޫޖާ އެވެ.

މާދުރީގެ ފޭނުން ދެކޭ ގޮތުގައި "ސާޖަން" އަކީ މާދުރީގެ ފިލްމުތަކުގެ ތެރެއިން އެންމެ ރީތި އެއް ފިލްމެވެ.

މާދުރީ އެންމެ ފަހުން ކުޅެފައިވަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކުރި "ކަލަންކް" އެވެ. ވަރަށް ގިނަ މަޝްހޫރު ތަރިން ތަކެއް މި ފިލްމުގައި ބައިވެރވެފައިވީ ނަމަވެސް ފިލްމު ވަނީ ފްލޮޕް ވެފަ އެވެ. މިހާރު ފިލްމުތަކަށް ވުރެ ގިނައިން މާދުރީ ފެންނަނީ އިންޑިޔާގެ އެކިއެކި މުނިފޫހި ފިލުވާ ޗެނަލްތަކުން ދައްކާ ޑާންސް ރިއަލިޓީ ޝޯ ތަކުގައި ޖަޖްކަން ކުރަނިކޮށެވެ.