މީހުން

އަހަންމަދޭ: ޓެލެފޯނު އީޖާދުކުރުން އެކަންޏެއް ނޫން، ހިދުމަތް މާފުޅާ!

  • އަހަންމަދޭ ރާއްޖޭގެ ފުރަތަމަ ޓެލެފޯނެއް ހެދި
  • މަސްވެރިކަމުގެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެ ގެނެސްދިން
  • މަސްވެރިން ހޭލުންތެރި ކުރުވަން ގިނަ މަސައްކަތްކެއް ކުރައްވާ

"އަހަންމަދޭ" ގިނަ ބަޔަކު ދަންނާނީ "މައިޒާން" އިލެކްޓްރޯނިކްސްގެ ނަމާއެކުގަ އެވެ. ސެޓެލައިޓް މެދުވެރިކޮށް މަސް އައިން ދެނެގަން "ފިޝް ފައިންޑަރު" ރާއްޖެ ގެނެސްދިން ބޭފުޅާގެ ގޮތުގަ އެވެ. ރާއްޖޭގައި ފުރަތަމަ ޓެލެފޯނެއް އުފެއްދި ފުޅާ ސިކުނޑީގެ ގޮތުގަ އެވެ. ނަމަވެސް މައިޒާން އަހަންމަދޭގެ ވާހަކަ މިއަށް ވުރެ ފުނެވެ. އޭނާގެ ފުރަތަމަ ވަޒީފާ ފެއްޓެވީ އުމުރުން އެންމެ 15 އަހަރުން ފެށިގެންނެވެ. ފުރަތަމަ ވަޒީފާއަކީ މާލިއްޔާގެ ކާތިބު ކަމެވެ. އޭގެފަހުން ފަހުން ވަޒީރުލް އައުޒަމް އޮފީހުގެ ކާތިބުގެ މަގާމު ވެސް ފުރުއްވި އެވެ.
"ވަޒީފާއަށް ވަނުމާއެކު ކުރީގެ ރައީސް އިބްރާހިމް ނާސިރު އަޅުގަނޑާ ހަވާލު ކުރެއްވީ ރާއްޖޭގައި ބްރޯޑްކާސްޓިން ފެށުމުގެ މަސައްކަތް. ހަމައެކަނި އެކަން އެކަންޏެއް ނޫން ރާއްޖޭގައި ޓެލެފޯން އެކްސްޗޭންޖު ކުރުމުގެ މަސައްކަތް ވެސް އެ ދުވަސްވަރު ފެށިގެން ދިޔައީ،" މައިޒާން އަހުމަދު މަނިކު (އަހަންމަދޭ) ވާހަކަ ފެއްޓެވި އެވެ.

މައިޒާން އަހަންމަދޭގެ ހިދުމަތްތަކުގެ ވާހަކަ ކިޔާނަމަ، ރާއްޖޭގައި ފުރަތަމަ އުފެދުނު ރޭޑިއޯގެ ހިދުމަތް ވެސް އޭނާއާ ގުޅުވިދާނެ އެވެ. އޭނާވަނީ ރޭޑިއޯ މޯލްޑިވްސްގައި ވެސް ހިދުމަތް ކުރައްވާފަ އެވެ. ބައެއް ޕްރޮގްރާމްތައް އެނައުސް ވެސް ކުރެއްވި އެވެ. ރޭޑިއޯ އިން 1960 ގެ އަހަރުތަކުގައި ފޮނުވި ބައެއް ޕްރޮގްރާމްތައް ހެއްދެވުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.

"އޭރުގެ ހާލަތު އޮންނަ ގޮތުން ކޮންމެ ގޮތެއްވިއަސް އެ ބަޖެހޭ ރައްޔިތުންނަށް މައުލޫމާތުތަކެއް ދޭން. އެހެންވެ އޭރުގެ ވުޒާރަތުލް ދާހިލިއްޔާގައި ހަބަރުތައް ފޮނުވަމުން ގެން ދިޔައިން. އެ މަސައްކަތް ކުރީ ސައިކުރާ ނައީމް އާއި ނޫރުތާ ހަސަން ދީދީ ދެ ބޭފުޅުންނާއެކު،" ޒުވާން އުމުރުގެ ހަނދާންތައް އާ ކުރައްވަމުން އަހަންމަދޭ ވިދާޅުވި އެވެ.

އަމިއްލައަށް ހެދި ޓެލެފޯން: ޓެކްނޮލޮޖީގެ ބޮޑު ކުރިއެރުމެއް

މިއީ އަހަންމަދޭގެ ހިދުމަތް ނިމުނީއެއް ނޫނެވެ؛ 1967 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ބެހެއްޓި ރޭޑިއޯ ޓެލެފޯންއަކީ ވެސް ސީދާ އަހަންމަދޭގެ މަސައްކަތެވެ. މި ރޭޑިއޯ ޓެލެފޯން ބަހައްޓާފައިވަނީ ޅ. އަތޮޅުގަ އެވެ. މިއީ އެ ދުވަސްވަރަށް ބަލާއިރު ޓެކްނޮލޮޖީގެ ގޮތުން ބަލާނަމަ ބޮޑު ކާމިޔާބީއެކެވެ. މުހިންމު ކުރި އެރުމަކަށެވެ.

"އޭރު މި ޖެހެނީ ކޮންމެ އެއްޗެއް ވެސް އަތުން ގާނައިގެން ހަދަން. އެ ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޓެލެފޯން ބޭރުން ގެނޭ. އިބްރާހިމް ނާސިރު ވިދާޅުވެއްޖެ ދެން ރާއްޖޭގައި ރޭޑިއޯ ޓެލެފޯން ދެން ޖެހޭނީ ހަދާށޭ. އެހެން ވިދާޅުވުމުން ބާވެފައި ހުންނަ ބޯޓު ފަހަރުގެ އެކި ސާމާނު ގެނެސްދެން އެއިން ރޭޑިއޯ ޓެލެފޯން ހަދަން ޖެހުނީ. އެގޮތުން ފުރަތަމަ އެއްޗެއް ހަދައި ބެހެއްޓީ ޅ. ނައިފަރުގައި. މިއީ އެ ވަގުތު އެންމެ ބާރުގަދަ ރޭޑިއޯ ޓެލެފޯން،" އިލެކްޓްރޯނިކްސް އާލާތްތައް ހެދުމުގެ ހުނަރު ލިބިގެން ހުންނެވި އަހަންމަދޭ ވިދާޅުވި އެވެ.

"އެހާ ހިސާބުން އަޅުގަނޑު ވަޒީފާ ބަދަލުވި. މީގެ އިތުރުން ކޮމިއުނިކޭޝަން ތަރައްގީ ކުރުމުގައި ވެސް ގިނަ މަސައްކަތްކެއް ކުރެވުނު. ހާއްސަކޮށް ކޭބަލް އެންޑް ވަޔަލެއް އުފެދިގެން އެކްސްޗޭންޖު ކުރި އަރުވަން ވެސް މަސައްކަތް ކުރެވުނު. ފުރަތަމަ ބެހެއްޓި އޮޓަމެޓިކް އެކްސްޗޭންޖް ބަހައްޓަން ވެސް އުޅެން ޖެހުނު. މަގުމަތީގައި ލައިން ދަމަން ވެސް އުޅުނި. މީގެ އިތުރުން އެއާޕޯޓުގައި ރޭޑިއޯ ވެސް އަމިއްލައަށް ހަދައިގެން އެ ވެސް އޮޕަރޭޓް ކުރަން ޖެހުނު. މުންނާރުގެ ތާޅަފިލި ބަހައްޓަން ވެސް ނާސިރު ވިދާޅުވެގެން ބަހައްޓަން ޖެހުނީ އަޅުގަނޑަކަށް. އެހެންވެ ކޮންމެ ނަމާދު ވަގުތެއްގައި އެޕްލްލިފަޔަރު ޖައްސަން މިސްކިތަށް ދާން ޖެހުނު."

އަހަންމަދޭ ވަނީ ރާއްޖޭގެ ފުރަތަމަ އަމިއްލަ އެފްއެމް ޗެނަލް 1982 ވަނަ އަހަރު ހިންގާފަ އެވެ. މިއުޒިކް ބްރޯޑްކާސްޓިން ސެންޓަރު (އެމްބީސީ) ގެ ނަމުގައި ހިންގި މި ޗެނަލަކީ ލަވަޔަށް ހާއްސަ އެފްއެމް ރޭޑިއޯ އެކެވެ.

"އެފްއެމް 104 ބޭންޑުގައި ހިންގީ. ތިން އަހަރު ވަންދެން އެ ހިންގިން. އޭގެ ފަހުން ސަރުކާރަށް ނެންގެވީ. އަޅުގަނޑަކަށް އެންގެވީ މި ސަރަހައްދުގައި އަމިއްލަ މީހުންގެ އަތުގައި ޕްރައިވެޓް ޗެނަލެއް ނެތީމައޭ ނެގީ. އޭގެ ފަހުން ރޭޑިއޯއަށް އެ ޗެނަލް ގެންގޮސްގެން ހިންގިން. އަޅުގަނޑުގެ ބޭނުމަކީ މި ޕްރޮފެޝަން ކޮންމެ ތަނެއްގައި ނަމަވެސް ހިންގަން. އަޅުގަނޑަކަށް ލިބުނު އެންމެ ބޮޑު ޝަރަފަކީ ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ރޭޑިއޯ އަށް އަޅުގަނޑުގެ އަތުން ލައިސަންސް ދިނުމުގެ ފުރުސަތު ލިބުން،" ކެޕިޓަލް ރޭޑިއޯ މިހާރު ވެސް ހިންގަމުން ގެންދާ އަހަންމަދޭ ވިދާޅުވި އެވެ.

"އޭރު މަސައްކަތް ކުރަނީ ހިތާ ސިކުނޑިން. މިހާރު މި އޮންނަނީ އިއުލާނު ކުރީމަ އެ އަށް ކުރިމަތިލާ ގޮތަށް. ޓެންޑާއަށް ގޮސް އެ ކާމިޔާބު ކުރާ ގޮތަށް. މިހާރު މޮޑަނައިޒް ވީމަ އޮންނަ ގޮތް ކަންވެސް ނޭނގެ. ނަމަވެސް ކުރީގައި ސަރުކާރުގައި އުޅުން މީހުން އޮންނަ ލޯބި މިހާރަކު ނޯވެ. އެއީ އަޅުގަނޑަށް ފީލްވާ އެއްޗަކީ،" ކުރިއާ މިހާރުގެ ވަޒީފާގެ ބާޒާރުގެ ތަފާތު ވިދާޅުވެ ދެއްވަމުން ސަރުކާރަށް ގިނަ ދުވަސް ތަކެއްވަންދެން ހިދުމަތް ކުރެއްވި، އަހަންމަދޭ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ޓެކްނޮލޮޖީ ގެނެސްދިން

އަހަންމަދޭ ވަނީ ރާއްޖޭގެ މަސްވެރިކަމަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްދީފަ އެވެ. މަސްވެރިކަން ޒަމާނީ ކޮށްދޭން އެހީވެފަ އެވެ. މީގެ ތެރޭގައި މަޝްވެރިކަމުގެ ޓެކްނޮލޮޖީ ނެތް ޒަމާނެއްގައި މުޅިން އާ އާލާތް ތަކެއް ރާއްޖެއަށް ތައާރަފު ކުރުން ހިމެނެ އެވެ. މީގެ ތެރޭގައި 1971 ވަނަ އަހަރު ރާއްޖޭގެ މަސްވެރިންނަށް ވޯކީޓޯކީގެ ހިދުމަތް ދޭން ފެށުން ހިމެނެ އެވެ. މީގެ އިތުރުން އަހަންމަދޭގެ ނިޔަމިކަމުގެ ދަށުން 1997 ވަނަ އަހަރު ރާއްޖޭގެ މަސްވެރިކަމަށް ގިނަ އެރުން ތަކެއް ގެނެސްދި އެވެ. އޭރު މުއާސަލާތް ކުރެވޭނެ ގޮތެއް ނެތި "އޮޔާލަމުންދިޔަ" މަސް އޮޑިފަހަރަށް ޖީޕީއެސް ތައާރަފު ކުރީ ވެސް އަހަންމަދޭ އެވެ. އަދި މަސް އައިން ދެނެގަތުމަށް ބޭނުންކުރާ އެންމެ ޒަމާނީ އާލާތް ކަމަށްވާ ފިޝް ފައިންޑާ ވެސް ރާއްޖެއަށް ގެނެސްދިނެވެ.

އަހަންމަދޭ މަސްވެރިކަމަށް ޝައުވެރި ނުވާނެ ސަބަބެއް ނެތެވެ. މައިޒާންގޭ އާއިލާއަކީ މަސްވެރި އާއިލާއެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ މެރިން ބަޔޮލޮޖިސްޓް ކަމަށްވާ ހަސަން މަނިކު ނިސްބަތްވަނީ މި އާއިލާ އަށެވެ.

"އާއިލާއަކީ ވެސް މަސްވެރި އާއިލާއެއް. އެހެންވެ އަބަދު ވެސް މަސްވެރިކަމަށް ޝައުގުވެރިކަން ހުރޭ. ކުރިން އާއިލާ ބެލެހެއްޓި އިންކަމްއަކީ މަސްވެރިކަން އެހެންވެ މަސްވެރިކަމަށް ލޯބި ކުރަނީ،" މަސްވެރިކަމުގެ ދާއިރާއަށް އޮތް ޝައުގު ފާޅުކުރައްވަމުން އަހަންމަދޭ ވިދާޅުވި އެވެ.
މި ވިސްނުމުގެ ތެރެއިން މަސްވެރިކަމަށް ހިދުމަތް ކުރުމަށް މަސްވެރިކަމުގެ ޖަމިއްޔާ މޯލްޑިވްސް ފިޝަމަން އެސޯސިއޭޝަން އުފެދިގެން ދިޔަ އެވެ.

އަހަންމަދޭ ވިދާޅުވި ގޮތުގައި މި އެސޯސިއޭޝަން ފަށައި ގަނެގެން ފުރަތަމަ މާ ރަނގަޅަށް މަސައްކަތް ނުކުރެވުނެވެ.

"ކުރިން އަދާކުރަމުން ދިޔަ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު މި ދާއިރާ އިން ކުރިއަށް ދާން ނިންމީ،" އަހަންމަދޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ޖީޕީއެސް ތައާރަފު ކުރުމުން މަސްވެރިން އެއް "ގަބޫލު ނުކުރަން" އުޅުނު ކަމަށެވެ.

"ފުރަތަމަ ޖީޕީއެސް ދިނުމުން މަސްވެރިން ގަބޫލު ނުކުރަން އުޅުނު. ނަމަވެސް ކަނދޮޅުދޫ ދޯންޏަކުން ޖީޕީއެސް ފުރަތަމަ ބޭނުން ކުރަން ފެށުމާއެކު އެ ކަމުގޮސްފި. ދެން ތައާރަފުވީ މެޕް ހުންނަ ޖީޕީއެސް. ފުރަތަމަ މި ބާވަތުގެ ޖީޕީއެސް އަށް ޑިމާންޑްއަކީ ރާއްޖޭގައި ރިސޯޓު ހިންގާ އެޑިކަން ސްޕެންސަސް ކުންފުނި. އެ މީހުން ރޭގަނޑު މާލެ ގެންނަ ޓޫރިސްޓުން ސްޕީޑް ލޯންޗުގައި ރިސޯޓަށް ގެންދަން ރައްކާތެރި ގޮތެއް ހޯދަން ބޭނުން ވެގެން. ރޭގަނޑު ދަތުރު ކުރަން ބިރުގަންނާތީ،" އަހަންމަދޭ ވިދާޅުވި އެވެ.

މިއަދު އަހަންމަދޭއަކީ ހަމައެކަނި ރާއްޖެއަށް މަޝްހޫރު ނަމެއް ނޫނެވެ. އަހަންމަދޭގެ މައިޒާން އިލެކްޓްރޯނިކްސް އަވަށްޓެރި ލަންކާގެ މަސްވެރިން ވެސް ވެސް އެނގޭނެ އެވެ. މިހާރު އަހަންމަދޭވަނީ ދިވެހި މަސްވެރިންނަށް ތަމްރީން ވެސް ދެމުންނެވެ. މި މަސައްކަތް ކުރަނީ ލ. އަތޮޅާއި ވިލިމާލޭގައި ކޮމިއުނިޓީ ޓްރެއިނިން ސެންޓަރުންނެވެ. މި ސެންޓުން މާކެޔޮޅުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް ފަށައިފި އެވެ.

ކޮންމެއަކަސް މައިޒާން އަހަންމަދޭއަކީ ގިނަ ދާއިރާތަކަކުން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އަހަންމަދޭނެ އަތް ދަމާލާފައިވަނީ ހިދުމަތް ކުރުމަށެވެ. އޭނާގެ ހިދުމަތް ހަމައެކަނި ފާހަގަ ވަނީ މަސްވެރިކަމުގެ ދާއިރާއިން އެކަންޏެއް ނޫނެވެ. އަހަންމަދޭގެ ހިދުމަތް އެއަށްވުރެ މާ ފުޅާކަން ބޮޑެވެ. މި ސިކުނޑީގައި ވަނީ އާދައިގެ ވިސްނުމެއް ނޫނެވެ. ޓެލެފޯނެއް އީޖާދުކުރުން އެކަންޏެއް ނޫނެވެ. އަހަންމަދޭގެ ހިދުމަތް އެއަށްވުރެ މާބޮޑަށް ވަނީ ފެތުރިފަ އެވެ.