ރައްޔިތުންގެ މަޖިލިސް

މުހިންމު ނިންމުންތަކެއް، ޖަލްސާ އާދީއްތައަށް

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ އަންނަ އާދީއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ. އާދީއްތަ ދުވަހަކީ އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ. އަންނަ އާދިއްތަ ދުވަހު ބާއްވަން އެޖެންޑާ ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ފެށި ޖަލްސާގެ ނުނިމި އޮތް ބައެވެ. ހޯމަ ދުވަހުގެ ޖަލްސާ ނިންމާ ނުލާ ވަނީ މެދުކަނޑާލާފަ އެވެ.

އާދިއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ އާންމު ކޮށްފައެވެ. އެ ޖަލްސާއަށް މުހިންމު ކަންތައްތަކެއް އެޖެންޑާކޮށްފައި ވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމާއި 14 ކޮމެޓީ ރިޕޯޓަކަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައި ވެއެވެ.

އަދި ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، މާލޭ ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިންނަށް ރުހުން ދިނުމާއި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ހަތަރު ބޭފުޅަކަށް ރުހުން ދިނުންވެސް ހިމަނާފައި ވެއެވެ.

މީގެ އިތުރަށް ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރު ހ. ޖެހޭވައި އިބްރާހިމް ޝަހީބަށް ރުހުން ދިނުމާއި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލަށް ވޯޓަށް އެހުމާއި ސިވިލްސާވިސް ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އެންޓި ކޮރަޕްޝަން ގާނޫނު އަދި އޮޑިޓް ގާނޫނަށް ގެންނަން ހުށައަޅާފައިވާ ބަދަލުތަކަށްވެސް ވޯޓަށް އަހާނެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާ ނަމަވެސް އެ ޖަލްސާ ނިންމާނުލާ މެދުކަނޑާލައި ދައުރު އިތުރުކޮށްފައި ވަނީ މައުސޫމަށް ރުހުން ދޭށެވެ.