ހަބަރު

ގެއްލިގެން ދިޔައީ ވަފާތެރި ހިދުމަތްތެރިއެއް: ގާސިމް

ގެއްލިގެން ދިޔައީ ޖުމްހޫރީ ޕާޓީ އަށާއި ގައުމަށް ގިނަ ގުނަ ހިދުމަތް ކުރައްވާފައިވާ ވަފާތެރި ބޭކަލެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދު ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވާ ފޮނުއްވި މެސެޖުގައި ގާސިމް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި އަދި ގެއްލިގެން ދިޔައީ ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ގާބިލު ޒިންމާދާރު ބޭކަލެއް ކަމަށެވެ.

ގާސިމް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި ގެއްލިގެން ދިޔައީ ޖުމްހޫރީ ޕާޓީ އަށާއި ހުދު އެމަނކުފާނަށްވެސް ވަފާތެރި ބޭކަލެއް ކަމަށެވެ.

ހުސައިން މުހައްމަދު އަވަހާރަވެފައިވަނީ ޓްރީޓޮޕްގައި ފަރުވާދެއްވަމުން ގެންދަވަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 71 އަހަރެވެ.

ހުސައިން މުހައްމަދކީ ރައްޔިތުންގެ މަޖިލީހުގެ އާއި ރައްޔިތުންގެ މަޖިލޫހުގެ ހާއްސަ މަޖިލީހުގައިވެސް ގުނަ ދުވަސްތަކެއް ވަންދެން މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަޔަށް އއ. އަތޮޅުގެ މެމްބަރުކަން ކުރައްވާފައިވާއިރި 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމަޔަށް މަތިވެރިވެރި ދާއިރާގެ މެމްބަރުކަން ވަނީ ކުރައްވާފަ އެެވެ.

މަތިވެރި ދާއިރާގެ މެމްބަރުކަން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ. އޭގެ ފަހުން ހުސައިން މުހައްމަދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގަ އެވެ.

މީގެ އިތުރުންވެސް ހުސައިން މުހައްމަދު ވަނީ ތައުލީމީ ދާއިރާއަށާއި މީޑިއާ ދާއިރާއަށްވެސް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.