ކުޅިވަރު

ލަންކާގެ ދިވެހި ބެޑްމިންޓަން ކޭމްޕަށް 10 އަހަރު

ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން އެކުވެ، އެކި މުނާސަބަތުތަކުގައި އެއްވެ "ދިވެހި" ކުރިއަށްލާފައި ކޮންމެވެސް ހަރަކާތެއް ހިންގާ ވާހަކަ އަބަދުވެސް އަޑު އިވެ އެވެ. ނަމަވެސް އަވަށްޓެރި ސްރީލަންކާގައި ދިވެހިން، ކުރަނީ ކުރިން އަޑު އިވިފައިވާ ވާހަކަތަކަށް ވުރެ މާބޮޑު އަދި މާ ހާއްސަ ކަމެކެވެ.

ލަންކާގައި ދިވެހިންނަށް ހާއްސަކޮށް ހިންގާ ބެޑްމިންޓަން ޓްރޭނިން ކޭމްޕެއް އޮވެއެވެ. މެދުކެނޑުމެއް ނެތި ހިންގަމުން އަންނަ 10 އަހަރު ފުރެނީ އެވެ. މެދުކެނޑުމެއް ނެތި ދިވެހިން އެއްވެ، ރާއްޖެއިން ބޭރުގައި ހިންގާ އެންމެ ބޮޑު ހަރަކާތަށް މި ކޭމްޕް ވާނެ އެވެ. މި ކޭމްޕްގެ ފަހަތުގައި ހުރީ، މއ. ޕީޓްރަލް އަބްދުﷲ ނާއިފެވެ.

އޭނާގެ އިސްނެގުމުގެ ދަށުން، ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކުގެ ކުޑަކުދިންނަށް އަމާޒުކޮށް ހިންގި ކޭމްޕް މިހާރު ވަނީ ފުޅާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ބޮޑެތި މީހުންނަށް އަމާޒުކޮށް ޓްރޭނިން ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ. ބޮޑެތި މީހުންގެ ބެޑްމިންޓަން މުބާރާތް ދާދި ފަހުން ބާއްވި އެވެ. ބެޑްމިންޓަންގެ މި ކޭމްޕް މަގުސަދު ވަރަށް ބޮޑެވެ. ބެޑްމިންޓަން ކުޅެން މޮޅު ކުދިންތަކެއް އުފައްދާފައި ދުކޮށްލަނީއެއް ނޫނެވެ. ބެޑްމިންޓަން ކޭމްޕް ވެފައި ވަނީ ދިވެހިގެ އިޖުތިމާއީ ހަރަކާތަކަށެވެ. ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތައް ގުޅުވައިދޭ މާހައުލަކަށް ވެސް މި ކޭމްޕް ވެފައި ވެއެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ޖުމުލަ 51 ފަރާތަކުން، ލަންގާއި ހުންނަ ދިވެހިންގެ މި ޓްރޭނިން ކޭމުޕުން ތަމްރީން ހޯދަމުން ދެއެވެ. ޓްރޭނިން ކުރިއަށް ގެންދަނީ ކޮލަމްބޯގައި ބެޑްމިންޓަން ސެންޓަރެއް ކުއްޔަށް ނަގައިގެނެވެ. ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބެޑްމިންޓަން ކޯޗް އިސްމާއީލް ރިޔާޒެވެ. ބައިވެރިންގެ އަތުން ކޮންމެވެސް ވަރެއްގެ ފީއެއް ނަގައިގެން ކޯޗަށް ވެސް އަގެއް ދީގެނެވެ. މިއީ ގާތްގަނޑަކަށް ބެޑްމިންޓަ އެކެޑެމީ ސްޓައިލަށް ހިންގާ ލަންކާގެ ދިވެހިންގެ ބެޑްމިންޓަން ކޭމްޕެވެ.

"ދި-ލަންކާ ބެޑްމިންޓަން ގުރޫޕްގެ މަގްސަދަކީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ކުޅިވަރު މެދުވެރިކޮށް އެއްބައިވަންތަކަށް ގާއިމު ކުރުން،" ލަންކާއިން ވާހަކަ ދެއްކި މޫސާ ރަމީޒު ބުންޏެވެ. "އަހަރެމެންގެ ދީނާ ދިވެހި ވަންތަކަމަށް އިހުތިރާމް ކޮށް ދުޅަހޮޔެ ސިއްހަތަކަށް މަގުފަހި ކޮށްދިނުން ވެސް މި ބެޑްމިންޓަން ގުރޫޕްގެ މަގްސަދުތެރޭގައި ހިމެނޭ."