ވިޔަފާރި

ހިލޭ އެހީން ލިބޭ ތަކެތީގެ މައުލޫމާތު ނުލިބޭ: ފިނޭންސް

Sep 6, 2020
1

ދައުލަތުގެ އޮފީސް ތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ތަކެތީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް ފޮނުވަމުން ނުދާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިނޭންސުން އޮފީސް ތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ މާލިއްޔަތު ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދައުލަތުގެ ކެޕިޓަލް ބަޖެޓުން ހަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރުމުދާ ނުވަތަ އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބޭ މުދާ ނުވަތަ ކެޕިޓަލް ހަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރު މުދަލުގެ ރަޖިސްޓްރީގައި ބަހައްޓަން ޖެހޭ އެވެ. ނަމަވެސް ދައުލަތުގެ އޮފީސް ތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭ މުދަލުގެ މައުލޫމާތު ފޮނުވަމުން ނުދާ ކަމަށް އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ ހަރު މުދަލުގެ މައުލޫމާތު ހޯދަން އީމެއިލް މެދުވެރިކޮށް މި އަހަރުގެ ޖެނުއަރީ މަހު އޮފީސްތަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ފޯރުކޮށްދީފައިވަނީ ވަރަށް މަދު ފަރާތަކުން ކަމަށާ، މި މައުލޫމާތު ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގެ ގޮތުގައި ޕަބްލިކް އެކައުންޓިންގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މި މައުލޫމާތު މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީން ދަނީ ދައުލަތުގެ މާލިއްޔާގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތުގެ މަތިން އަމަލު ކުރަން ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެ މިނިސްޓްރީން ދަނީ ހަފުތާއަކު އެއް ފަހަރު އަދި މަހުން މަހަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ މައުލޫމާތު އާއްމު ކުރަމުންނެވެ.