އަލްހާން ފަހުމީ

އެމްޑީޕީއަށްޓަކައި ފެޔަށް ޖެހެންވީ ނަޝީދު: އަލްހާން

އެމްޑީޕީއަށްޓަކައި އެ ޕާޓީއާއި ފެޔަށް ޖެހިވަޑައިގަންނަވަން ޖެހެނީ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިހެން ވިދާޅުވީ މިނިސްޓަރު ފައްޔާޒު އެމްޑީޕީ އާއި ދުރަށް ދުވަސްކޮޅަކަށް ނަމަވެސް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ނަޝީދު އިސްވެ ހުންނަވާ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން މިހާރު ވަނީ ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅުމަށް ނިންމަވާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވި ގޮތުގައި ފައްޔާޒުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުުމުގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވާނެ އެވެ. އަދި މަޖިލީހަށް މައްސަލަ ހުށައަޅުއްވާނީ ގައުމީ މަޖިލީހުން ގޮތްތަކެއް ނިންމެވުމަށް ފަހު އެވެ.

މިނިސްޓަރު ފައްޔާޒު، ދުވަސްކޮޅަކަށް ނަމަވެސް އެމްޑީޕީއާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަަށް ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ފައްޔާޒުގެ މައްސަލައަކީ އެމްޑީޕީގެ މައްސަލައެއް ކަމަށާ އެ މައްސަލަ ޕާޓީގެ ތެރެއިން ނިންމަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަށް މައްސަލަ ހުށައަޅުއްވަނީ އެހެން ވެގެން ކަމަށެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ވާދަ ކުރައްވާ އަލްހާން ވިދާޅުވީ އެމްޑީޕީއަށްޓަކައި އެ ޕާޓީއާ ފެޔަށް ޖެހިވަޑައިގަންނަވަން ޖެހެނީ ރައީސް ނަޝީދު ކަމަށެވެ. އަދިއެމްޑީޕީގެ ލީޑާޝިޕާ ވެސް އެ މަނިކުފާނު ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށާއި ފައްޔާޒު، އެމްޑީޕީއާ ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަލްހާން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައި ވަނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށާއި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނެސް، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ރަައީސް ނަޝީދު ކުރައްވާ މަސައްކަތަކީ ބައިބައިވުންތައް ފެށުމުގެ އަސްލު ކަމަށެވެ.

"މެޖޯރިޓީ ގެއްލުނީ. މިހާރު މިއޮތީ މެޖޯރިޓީ ފަޅިފަޅިއަށް ފެޅިފައި," ފައްޔާޒުގެ އިތުބާރު ނެތް މައްސަލައަށް 35 މެންބަރުންގެ ސޮއި ނުލިބުނު ކަމަށް އިޝާރާތް ކުރައްވާ އަލްހާން ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވިއިރު އެ ޕާޓީގެ ނައިބު ރައީސަަކަަށް ހުންނެވި އަލްހާން ފަހުމީ، މިފަހުން ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.