ދުނިޔެ

ލަންކާ ކައިރީގައި އޮތް ތެޔޮ ޓޭންކަރުގައި އަނެއްކާވެސް ހުޅުހިފައިފި

Sep 8, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 8) - ސްރީލަންކާގެ ކައިރީގައި އޮތް އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓާ ކޮށްފައިވާ ސާފު ނުކުރާ ތެޔޮ އުފުލާ ބޯޓެއްގައި ރޯވި އަލިފާންގަނޑު އިއްޔެ ނިއްވާލި ފަހުން، އެ ބޯޓުގައި އަނެއްކާ ވެސް ހުޅުހިފާފައިވާ ކަމަށް ލަންކާ ނޭވީން މިއަދު ބުނެފި އެވެ.

ރާއްޖެއާ އަވަށްޓެރި ސްރީ ލަންކާ ކައިރިން އެ ތެޔޮ ޓޭންކަރުގައި ރޯވީ މިދިއަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ. "ނިއު ޑައިމަންޑް" ކިޔާ އެބޯޓަކީ ފުލްކޮށް ތެޔޮ ބަރުކޮށްފައިވާ އުޅަނދެކެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ ކުވެއިތުގެ މިނާ އަލް އަހުމަދީން އިރުމަތީ އިންޑިއާގެ ޕްރަދީޕަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެ މިލިއަން ފީފާގެ ތެޔޮ ބަރުކޮށްފައިވާ އެ ބޯޓުގައި ރޯވި ވަގުތު ތިބި 23 ފަޅުވެރިންގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.

ނަމަވެސް، އިއްޔެގެ ވަގުތެއްގައި އެ އަލިފާންގަނޑު އެކީގައި ނިއްވާލެވިފައިވާ ކަމަށް ބުނި ފަހުން، މިއަދު އަނެއްކާ ބޯޓުގައި ހުޅުހިފާފައިވާކަމަށް ލަންކާގެ ނޭވީން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި ކަނޑަށް ތެޔޮ ލީކު ނުވާނޭކަން ކަށަވަރު ކުރުމުގެ މަސައްކަތް ލަންކާގެ ކަމާބެހޭ އިދާރާއިން ކުރަމުންދާކަމަށް ބުނެފައިވެ އެވެ. އެކަމުގައި އިނގިރޭި ވިލާތާއި، އިންޑިއާގެ އިތުރުން ނެދާލަންޑްސްގެ މާހިރުން ދަނީ ހަރަކާތްތެރިވަމުންނެވެ.