ބޮލީވުޑް

ރިއާގެ ކުށަކީ ޑްރަގް އެޑިކްޓެއް ދެކެ ލޯބިވެވުން: ލޯޔަރު

ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރުގެ ހާދިސާގެ ތަހުގީގު މިހާރު ވަނީ ޑްރަގް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ މައްސަލައަކަށް މުޅިން ބަދަލުވެފަ އެވެ. އިންޑިޔާގެ ސީބީއައި އިން ސުޝާންތުގެ މަރުގެ މައްސަލަ ބަލަން ފެށުމާއެކު މި މައްސަލައިގައި ޑްރަގް ޝާމިލުވާ ކަމަށް ގަބޫލު ކުރެވި މައްސަލައިގެ ތެރެއަށް އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ވެއްދި އެވެ. އަދި އެންސީބީން މައްސަލަ ބަލަން ފެށުމުން މީގެ ކުރިން އެނގިފައި ނުވާ ވަރަށް ގިނަ ކަންތައްތައް ދަނީ ފަޅާ އަރަމުންނެވެ. އޭގެ ތެރޭގައި ސުޝާންތާއި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ޑްރަގް ބޭނުންކުރާ ކަމާއި އެމީހުންނަށް ޑްރަގް ހޯދައި ދިނުމުގައި ރިއާގެ ބޭބެ އާއި ސުޝާންތުގެ ގޭގައި މަސައްކަތްކުރާ މީހުންގެ ދައުރު ހިމެނެ އެވެ.

މި މައްސަލައިގައި މީގެ ކުރިން ރިއާގެ ބޭބެ އާއި ސުޝާންތުގެ އެހީތެރިންގެ ތެރެއިން ބަޔަކު ހައްޔަރު ކޮށްފައި ވާއިރު އަންގާރަ ދުވަހު ރިއާ ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ހަމަ އެ ދުވަހު ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހައިދީފަ އެވެ.

ރިއާ ހައްޔަރު ކުރުމާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލު ސަތީޝް މަނީޝިންޑޭ މީޑިއާގައި ބުނި ގޮތުގައި ރިއާގެ ކުށަކީ ނަފްސާނީ ބަލި މީހެއް އަދި ޑްރަގް އެޑިކްޓެއް ދެކެ ލޯބިވެވުން ކަމަށެވެ. މިގޮތަށް ރިއާ ހައްޔަރު ނުކުރެވޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު ބުނެފައި ވެއެވެ.

"މިއީ މުޅިން އިންސާފާ ދެކޮޅަށް ކުރި ކަމެއް. ތިން ސެންޓްރަލް އެޖެންސީން އެންމެ އަންހެނަކު ހޭ އަރުވާލަނީ އެ. އޭނާގެ ކުށަކީ އެތައް އަހަރަކުއްސުރެ މަސްތުވާ ތަކެތި ބޭނުން ކުރަމުން ދިޔަ އަދި ނަފްސާނީ މައްސަލަތަކެއް ހުރި މީހެއް ދެކެ ލޯބިވުން. އޭނާ [ސުޝާންތު] އަމިއްލައަށް މަރުވީ އެތައް ބައިވަރު މަނާ ބޭހަކާއި ޑްރަގެއް ބޭނުން ކޮށްގެން ހުރެ،" ރިއާގެ ގާނޫނީ ވަކީލު އިންޑިޔާގެ ނިއުސް އެޖެންސީ އަށް ބުނެފައި ވެއެވެ.

ސީބީއައިގެ ތަހުގީގުގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވެފައި ވަނީ ރިއާ އަށެވެ. ސުޝާންތުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ރިއާ ކަމަށް އެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ޔަގީންވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ރިއާ ހައްޔަރުކުރީ އެންސީބީއަށް ހާޒިރު ކޮށްގެން މިދިޔަ އާދީއްތަ ދުވަހު ހަ ގަޑިއިރު އަދި ހޯމަ ދުވަހު އަށް ގަޑިއިރު އޭނާ އާ ސުވާލުކުރުމަށް ފަހު އޭނާއާ ދެކޮޅަށް އެކަށީގެންވާ ރަނގަޅު ހެކިތައް ހޯދުމަށް ފަހު އަންގާރަ ދުވަހު އެވެ.

ޑްރަގް މައްސަލައިގައި ރިއާ ބެދުނު އިރު ސުޝާންތު އާއެކު އޭނާގެ ފާމް ހައުސް އަށް ގޮސް ޑްރަގް ބޭނުންކުރާ ބޮލީވުޑްގެ 25 ފަންނާނެއްގެ ނަން ވެސް ރިއާ ހާމަ އެންސީބީއަށް ހާމަ ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި މި ފަންނާނުން ވަކިވަކިން ހާޒިރުކޮށް މި މައްސަލައިގައި އެމީހުންގެ ބަޔާންތައް ނަގަން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ރިއާ ބުނި ގޮތުގައި ސާރާ އަލީ ޚާން އާއެކު ސުޝާންތު ކުޅުނު "ކެދާރްނާތު" ގެ ޝޫޓިންގްގައި ވެސް އެ ފިލްމުގެ ކުރޫންގެ ގިނަ ބަޔަކު އާދަކޮށް ޑްރަގް ބޭނުން ކުރަމުން ދިޔަ އެވެ. އަދި މި ނޫންވެސް ވަރަށް ގިނަ ފަހަރު ސުޝާންތު އާއެކު ބޮލީވުޑް އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ޑްރަގް ބޭނުން ކުރަމުންދިޔަ ރިއާ ބުނެފައި ވެއެވެ.

ރިއާ ހައްޔަރު ކުރުމުން ސުޝާންތުގެ އާއިލާ އިން ވަނީ އެކަމާ އުފާ ފާޅުކޮށްފަ އެވެ. އަދި އެންމެ ފަހުން ސުޝާންތުގެ މަރަށް އިންސާފު ލިބިދާނެ ކަމުގެ އުންމީދު އާވެއްޖެ ކަމަށް ސުޝާންތުގެ ދައްތަ ޕްރިޔަންކާ ވަނީ ބުނެފަ އެވެ.

ސުޝާންތުގެ އާއިލާއިން ބުނި ގޮތުގައި ސުޝާންތަށް އޮޅުވާލައިގެން ޑްރަގް ދެމުން ދިޔައީ ރިއާ އާއި އޭނާގެ ބޭބެ އަދި އެމީހުންގެ އެކުވެރިންގެ ގްރޫޕަކުންނެވެ. ރިއާގެ ވަށައިގެން އުޅެނީ ޑްރަގް ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ބަޔެއް ކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފަ އެވެ.