ބޮލީވުޑް

"ލަކްޝްމީ ބޮމް" އާއި "ކޫލީ ނަންބަރު 1" ރޭހަކަށް

އިންޑިޔާގައި ފާހަގަކުރާ ސަގާފީ ފެސްޓިވަލެއް ކަމަށްވާ ދިވާލީގައި މިފަހަރު ވަރަށް ވަރުގަދަ ދެ ފިލްމެއްގެ ވާދަވެރިކަން ފެނިގެން ދާނެ އެވެ. އެއީ އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީގެ "ލަކްޝްމީ ބޮމް" އާއި ވަރުން ދަވަން އާއި ސާރާ އަލީ ޚާންގެ "ކޫލީ ނަންބަރު 1"ގެ ކުރިމަތިލުމެކެވެ.

މި ދެ ފިލްމުގެ އޮތީ ބޮކްސް އޮފީހުގެ ވާދަވެރިކަމެއް ނޫނެވެ. ސަބަބަކީ އިންޑިޔާގެ ސިނަމާތައް އަދިވެސް ހުޅުވަން ތައްޔާރު ނުވާތީ ދެ ފިލްމު ވެސް ރިލީޒްކުރަނީ ޑިޖިޓަލް ޕްލެޓްފޯމްގައި ކަމަށް ވުމެވެ. އެހެންވީމާ ކޮން ފިލްމަކަށްތޯ ގިނަ ފައިދާ ލިބެނީ ބަލާނެ ޖާގައެއް ނެތެވެ. ނަމަވެސް އެއްވަރުގެ ބޮޑު ދެ ފިލްމު އެއްފަހަރާ ރިލީޒްކުރާއިރު އެންމެ ގިނަ ބަޔަކު ފުރަތަމަ ބަލަނީ މިތަނުން ކޮން ފިލްމެއް ތޯ ބަލަން އެންމެން ވެސް ބޭނުންވާނެ އެވެ. ދެ ފިލްމުގެ ވާދަވެރިކަން މިހާރު އޮތީ ގިނަ ބަޔަކުގެ ސަމާލުކަމަށް އެ ބައެއްގެ ފިލްމަށް ހޯދުމަށެވެ.

ކުރިން އަކްޝޭގެ "ލަކްޝްމީ ބޮމް" ރިލީޒްކުރަން އޮތީ ބޮޑު އީދު ދުވަހު އެވެ. އަދި ވަރުންގެ "ކޫލީ ނަންބަރު 1" ރިލީޒްކުރަން އޮތީ މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ދެ ފިލްމު ވެސް ރިލީޒްކުރެވޭ ގޮތް މިހާތަނަށް އޮތީ ނުވެފަ އެވެ.

އެންމެ މަޖާ ކަމަކީ ދެ ފިލްމަކީ ވެސް ކޮމެޑީ ދެ ފިލްމަށް ވުމެވެ. ވީމާ މި ދެ ފިލްމު ބަލަން ޝައުގުވެރިވާނީ ކޮމެޑީ ފިލްމުތައް ބަލަން ބޭނުންވާ މީހުންނެވެ.

ވަރުންގެ "ކޫލީ ނަންބަރު 1" ދައްކަން ހަމަޖެހިފައިވަނީ އެމެޒޯން ޕްރައިމް އިންނެވެ. "ލަކްޝްމީ ބޮމް" ރިލީޒްކުރާނީ ހޮޓްސްޓާ އިންނެވެ. މިއީ ވަރުން އާއި ސާރާގެ ފިލްމުތަކުގެ ތެރެއިން ސީދާ ޑިޖިޓަލް ރިލީޒްއަކަށްދާ ފުރަތަމަ ފިލްމެވެ. އަދި އަކްޝޭގެ ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ފުރަތަމަ ޑިޖިޓަލްކޮށް ރިލީޒްކުރާ ފުރަތަމަ ފިލްމެވެ.

"ލަކްޝްމީ ބޮމް" ރިލީޒްކުރާނެ ދުވަސް ކަނޑައެޅި ނަމަވެސް އަދި ފިލްމުގެ ޝޫޓިންގްގެ ބައެއް އޮތީ ނުނިމި އެވެ. އެ ބައި ފުރިހަމަކުރަން ހަމަޖެހިފައިވަނީ އަކްޝޭ މިހާރު ޝޫޓްކުރަމުންދާ "ބެލް ބޮޓަމް"ގެ މަސައްކަތް ނިންމާފަ އެވެ.