ފިނިޕޭޖް

ސަނަމް ބޭންޑާ އެކު މީރާ ކިޔަނީ ކޮން ލަވައެއްކަން އެނގޭތަ؟

އަދި ނޭނގެ އެވެ. އެ ލަވައެއްގެ ނަން ބުނަން މީރާ ވެސް އެއްބަހެއް ނުވި އެވެ.

"ވަރަށް ރީތި ލަވައެއް އެއީ،" ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގްބޫލު އެއް އަންހެން ލަވަކިޔުންތެރިޔާގެ މަގާމުގައި ހުރި މީރާ މުހައްމަދު މާޖިދު ބުނީ މިހެންނެވެ.

ދެން ބުނީ މިހެންނެވެ.

"އަޅުގަނޑުގެ އަމިއްލަ ކަވާ ސޯންގްސްތަކާ ބަލާއިރު ވަރަށް ތަފާތު ވާނެ މި ލަވަ. ސަނަމްމެންގެ ސްޓައިލްގެ ފުރިހަމަ ފީލް އިންނާނީ މީގައި."

އެހެންވީމަ ސަނަމް ބޭންޑްގެ ފޭނުންގެ ޑިސެޕޮއިންޓްމެންޓަކަށް ނުވާނެ ކަމަށް ބަލަމާ ހިނގާށެވެ. ޔަގީނަށް ވެސް ޑިސެޕޮއިންޓްމެންޓަކަށް ވާވަރަށް ވުރެ ސަނަމް ބޭންޑާއި މީރާއާ ދެމެދު މިހާރު އޮތީ މާ ގާތް ގުޅުމެކެވެ.

ވިޒިޓް މޯލްޑިވްސް އިޔާ ޝޯގައި ޕާފޯމްކުރުމަށް މާލެ އައި ހިސާބުން ފެށިގެން ސަނަމްގެ ބެސްޓްފްރެންޑަކަށް ބަދަލުވެގެން ދިޔަ ދިވެހި ލަވަކިޔުންތެރިޔަކީ މީރާ އެވެ. އެއަށް ފަހު މީރާ އާއި ސަނަމް ބޭންޑްގެ ރީޔޫނިއަންއެއް ފެނިގެން މިދިޔައީ އައްޑޫ ސިޓީގައި ބޭއްވި ފޯރިގަދަ ޝޯއެއްގެ ތެރެއިންނެވެ.

މީރާ ބުނީ މަސައްކަތްކުރާ މީހާ އަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

"މަސައްކަތްކުރާ މީހަކަށް ކާމިޔާބުލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދިވެހިން ފަހުރުވެރިކޮށްދޭން މަސައްކަތް މިކުރަނީ،" ލިބުނު ފުރުސަތާ މެދު އުފާފާޅުކުރަމުން މީރާ ބުންޏެވެ.

"ހުވަފެންތައް ސީދާ ވަނީއޭ ބުނެވޭނީ. އެކަމަކު އެންމެ މޮޅު މީހާއަށް އަޅުގަނޑު ނުވެދާނެ. އެހެން ނަމަވެސް ޑްރީމް އަށް ވޯކްކުރާނީ ކޮންމެ މީހަކު ވެސް."

މީރާ އާއި ސަނަމް ބޭންޑްގެ ޑުއެޓް ލަވައިގެ ރަފް ރިކޯޑިން އެއް މިހާރު ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް ލަވައިގެ ރީރިކޯޑިން އެއް އަދި އޮންނާނެ އެވެ.

"އަލުން ރީރިކޯޑިން ހަދަން މުމްބާއީ އަށް ހެން ހީވަނީ ދާން ޖެހޭނީ. މިހާރު މި ދަނީ ލަވައިގެ ވީޑިއޯ ޝޫޓިން އަށް ތައްޔާރުވަމުން،" މީރާ ބުންޏެވެ.

މި ލަވައެއް އާންމުކުރާނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ. އެހެންވީމަ މީރާ އާއި ސަނަމް ބޭންޑުން ޑުއެޓްކުރާ ލަވަ އޮތީ ވަރަށް ބޮޑަށް ސިއްރުކުރެވިފައެއް ނޫން ހެއްޔެވެ؟

މާލޭގައި ދިން ޝޯގައި ސަނަމް ބޭންޑާ އެކު މީރާ ޑުއެޓްކުރީ ހިންދީ ލަވަ ""ތޫ ތޫހެ ވަހީ ދިލްނެ ޖިސޭ" ގެ ހިންދީ ދިވެހި މިކްސްއެކެވެ. އެހެންވީމަ މީރާ އާއި ސަނަމް ރިކޯޑްކުރަމުންދާ އާ ލަވަ އަކީ ވެސް "ހިންދީ/ދިވެހި" ލަވައެއް ހެއްޔެވެ؟