ހަބަރު

"ޑރ. ވަހީދު ހާޒިރުކޮށް ބަޔާން ނެގީ އިޖުރާއަތާ ހިލާފަށް"

Sep 9, 2020

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކޮށް، ޖޫރިމަނާކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ޑރ. ވަހީދު 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ އިދިކޮޅުން ބޭއްވި ސައިކަލް ބުރަށްފަހު ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު މާސްކު ނާޅާ ހުންނެވިކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޑރ. ވަހީދު ފުލުހަށް ހާޒިރުކޮށްފައިވާއިރު، މުހުތާޒް ވަނީ އެ މައްސަލާގައި ގާނޫނީ ގޮތުން ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ސުވާލު އުފައްދަވައިފަ އެވެ.

"އުސޫލުތަކާއި ހިލާފަށް ޖޫރިމަނާއެއް ކުރުމުގެ ބޭނުމުގައި ފުލުސްއޮފީހަށް ހާޒިރުކުރުމަށްފަހު ހާޒިރުކުރެވުނު ބޭނުމާއި ގުޅުމެއް ނެތް އަދި ގާނޫނީގޮތުން ކުރެވިގެން ނުވާނޭ ފަދަ ތުހުމަތުތަކެއް ކުރުމަށްފަހު، އެތުހުމަތުތަކުގެ މައްޗަށް ތަހުގީގީ ބަޔާނެއް ނެގުމަކީ ގާނޫނު ދަންނަ އިޖުރާތެއް ނޫން،" ޑރ. ވަހީދު ފުލުހަށް ހާޒިރުކުރުމަށް އިޝާރާތް ކުރައްވަމުން މުހުތާޒު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ވަހީދު ވިދާޅުވެފައިވަނީ، އެމަނިކުފާނު ފުލުހަަށް ހާޒިރު ކުރުމަކީ ސިޔާސީ ކަމެއް ކަމަށާ މާސްކު ނާޅާ އުޅުނު އެހެން ލީޑަރުންނަށް ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

"މީގަައި އާންމުކޮށް މިހެން މަގުމަތީ އުޅޭ މީހުންނާއި އަޅުގަނޑާއި ތަފާތުވި ސަބަބަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށްވީމަ. ސިޔާސީ ބަޔަކު އެއްވެފައ ތިބި ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކަ ދެއްކީމަ އެ މައްސަލަ ބޮޑު މައްސަލައަކަށް ވެގެން މި އުޅެނީ. އެހެން ނޫނިއްޔާ އާންމުކޮށް މަގުމަތީގައި މާސްކު ނާޅާ އުޅޭ މީހުންގެ ފޮޓޯ ނަންގަވާފައި ފޮނުއްވިޔަސް އަޅުގަނޑަށް ހިޔެއް ނުވޭ އެންމެން ގެންދަވާނެ ހެނެއް. އެހެންވީމަ ދެންނެވެން އޮތީ މިއީ ސިޔާސީ ކަމަކޭ."

ވަހީދު ވަނީ ބައެއް ސިޔާސީ ލީޑަރުން މާސްކު ނާޅުއްވާ އާންމު ތަންތަނުގައި އުޅުއްވަނިކޮށް ފެންނަ ފޮޓޯތައް އާންމުވެފައިވާއިރު އެ ބޭފުޅުންނާއި ދޭތެރޭ ފިޔަވަޅު ނާޅުއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.