ރައްޔިތުންގެ މަޖިލިސް

"ދުލަށް އަންނަހާ ވައުދެއް ގާނޫނަށް ވުމަކީ ނުރައްކަލެއް"

ދުލަށް އަންނަހާ އެއްޗެއް ވައުދަށްވެ އެ ވައުދުތައް ގާނޫނަށްވުމަކީ ހުދުމުހުތާރު ނުރައްކާތެރި ސިގުނަލެއް ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަލީ ނިޒާރު މިހެން ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ގަޑި ނިމުމުން ރިސޯޓްް ދޫކޮށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.

އެ އިސްލާހުގެ ސަބަބުން ޓޫރިޒަމަށް ލިބިދޭނެ ގެއްލުންތަކާއި އަދި އެ އިސްލާހުގެ ސަބަބުން މުވައްޒިފުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލޭތީ އެކަމާއި ގުޅޭގޮތުން އަވަސްއިން ނެގެސްދިން ރިޕޯޓަކާއެކު އަލީ ނިޒާރު ވިދާޅުވީ ދުލަށް އަންނަހާ އެއްޗެއް ވައުދަށްވެ އެ ވައުދުތައް ގާނޫނަށްވުމަކީ ހުދުމުހުތާރު ނުރައްކާތެރި ސިގުނަލެއް ކަމަށެވެ.

"ރާއްޖެއަށް އެފަދަ ހާލަތެއް ނުދައްކަވާށި،"

ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ.

އަދި ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ހުއްދަ ލިބޭނެ އެވެ. އެގޮތުން އެމީހުން ދަތުރުކުރަން ބޭނުންވާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނައެއް ވެސް ނުކުރެވޭނެ އެވެ.

އެ އިސްލާހު ފާސްކުރަން މަޖިލީހުގެ 61 މެމްބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

އެ އިސްލާހާއި ގުޅިގެން ރިސޯޓްތަކުގެ ބައެއް ވެރިން ވިދާޅުވީ "ނައިޓަށް ދެވޭ" އިސްލާހަކީ އިންސާފެއް ނެތް އިސްލާހެކެވެ. އަދި މިއީ އިންވެސްޓަރުންގެ ވިޔަފާރިއަށް ބެލުމެއް ނެތި ވުޖޫދުކުރި އިސްލާހެކެވެ. އޭގެ ސަބަބުން އިންވެސްޓްމަންޓްތަކަށް ބުރޫ އަރާނެ އެވެ. އަންނަން ހުރި އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމަށެވެ. އަދި ރާއްޖެއަކީ ފަތުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވުމުގައި ފަތުރުވެރިންގެ ސެކިއުރިޓީއާއި ޕްރައިވެސީ ވަރަށް މުހިންމު ދައުރެއް އަދާކުރާއިރު މި އިސްލާހުން އެކަންކަން ގެއްލިގެންދާ ކަމަށެވެ.