ދުނިޔެ

އެމެރިކާގެ ސިފައިން އިރާގުގައި 2،200 އަށް މަދު ކުރަނީ

Sep 10, 2020
1

އިރާގުގައިތިބި އެމެރިކާގެ ސިފައިންގެ އަދަދު މަދުކުރަން ނިންމައި އެމެރިކާ ސަރުކާރުން ރަސްމީކޮށް އިއުލާން ކޮށްފި އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި މިހާރު އިރާގުގައި ތިބި އެމެރިކާގެ 5،200 ސިފައިންގެ ތެރެއިން 3،000 ސިފައިން މި މަހުގެ ތެރޭގައި މަދު ކުރާނެ އެވެ.

މިއީ ވަރަށް ކުރީއްސުރެ ވެސް އުންމީދު ކުރަމުން އައި ކަމެކެވެ. މި ނިންމުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި ސިފައިން މަދު ކުރުން ވެސް ހިމެނެ އެވެ.

ސެންޓްރަލް ކޮމާންޑުގެ ވެރިޔާ، މެރިން ޖެނެރަލް ފްރޭންކް މެކެންޒީ އިރާގަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައި ވިދާޅުވީ މިހާރު ވެސް އިރާގު ގެ ސިފައިންނަށް ތަމްރީނުތައް ދެމުން ދަނީ އެމީހުންގެ ގާބިލްކަން އިތުރުކޮށް އެމެރިކާގެ ސިފައިންގެ މައްޗައް ބަރޯސާވުން ކުޑަކޮށް އެމެރިކާ ސިފައިން އިރާގުން މަދު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އިރާގު ސިފައިންނަށް މިހާރު އައިއެސްއައިއެސްއާ ކުރިމަަތިލުމުގެ ފުރިހަމަ ގާބިލްކަން ލިބި ގައުމުގެ އިސްތިގްލާލު ހިމާޔަތް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

މިދިޔަ ޖޫން މަހު އެމެރިކާ އާއި އިރާގުން އެއްބަސްވެފައި ވަނީ އަވަސް މުއްދަަަަަތެއްގެ ތެރޭގައި އިރާގުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު މަދު ކުރުމަށެވެ. އަދި އިރާގުގައި ދާއިމީ ކޮށް އެމެރިކާގެ މިލިޓަރީ ބޭހެއް ގާއިމް ކުރުމާއި ސިފައިން ބޭތިއްބުމުގެ ވިސްނުމެއް އެމެރިކާ ސަރުކާރުން ނުގެންގުޅޭނެކަން ވެސް ހާމަކޮށްފައި ވެއެވެ.

އިރާގުގައި އެމެރިކާ ސިފައިންގެ ބޮޑު ފައުޖެއް ތިބީ އިސްލާމީ ހަރުކަށި ފިކުރުގެ އައިއެސްއައިއެސް އާއި ހަނގުރާމަ ކުރާށެވެ. ނަމަވެސް އިރާގު ސިފައިން މިހާރު ވަނީ އެމިހުން އަމިއްލައަށް އައިއެސްއައިއެސްގެ ހަނގުރާމަވެރިންނާއި ކުރިމަތިލުމުގެ ގާބިލްކަން އެމެރިކާގެ ސިފައިންގެ ތަމްރީނުތަކުން ހާސިލްކޮށްފަ އެވެ.

އިރާގުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު މަދުކުރުމުން ބާކީ ތިބި ސިފައިންގެ މަސައްކަތަކަށް ވާނީ އައިއެސްއައިއެސް އާއި ދެކޮޅަށް އިރާގު ސިފައިން ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އިރާގު ސިފައިންނަށް އިރުޝާދު ދިނުމާއި އެހީތެރިވެ ދިނުމެވެ.

އެމެރިކާ ސިފައިން އިރާގަށް ފުރަތަަމަ އެރީ 2003 ގަ އެވެ. އަދި އިރާގުން ފޭބީ 2011 އިގަ އެވެ. ދެވަނަ ފަހަރަށް އެރީ އައިއެސްއައިއެސް އިން އިރާގަށް އަރައި އެ ގައުމުގެ ބޮޑުބަޔަކަށް އަތްގަދަ ކުރުމާއި ގުޅިގެންނެވެ.