މީހުން

ދަރިއަށް ފެހި ކޮސްޓިއުމް ހެދުމާ އެކު ބޮޑު ވިޔަފާރިއަކަށް!

"ސްކޫލްގައި އޭރު އިވެންޓެއް އޮވެއްޖެ ނަމަ އެތަނަކަށް ގެންގޮސް މަސައްކަތްކުރުވާނެ އަބަދުވެސް. އޭރު އެކަމަކު ނޭނގޭ ކީއްވެގެން ކަމެއް އެ ހުރިހާ ކަމެއް އަޅުގަނޑު ލައްވައި ކުރުވަނީ. އެކަން މި އެނގުނީ މާ ފަހުން،" އޭނާ ބުނީ މިހެންނެވެ.

މިހާރު އޭނާ އަށް 44 އަހަރެވެ. ކައިވެނި ރޫޅި އެ ކައިވެނިން ލިބުނު ދަރިންތައް ވެސް ބޮޑެތިވެއްޖެ އެވެ.

އެހެން ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ވެސް ނެތެވެ. ނަމަވެސް އޭނާ އަދިވެސް ފޫހިނުވާ އެއްކަމެއް އެބައޮތެވެ.

ފެހުމެވެ.

މިއީ އައިޝަތު ސުޒާނާގެ ވާހަކަ އެވެ. ކުޑަކުދިންނަށް ހާއްސަ ކޮސްޓިއުމް ހެދުން ފެހުމުގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މި ހިތްވަރުގަދަ އަދި އެހާމެ ހުނަރުވެރި މި "މަންމަ" އަކީ މި ފަހަރުގެ ހޮވުމެވެ.

ފެހުމަކީ އޭނާގެ ހަމައެކަނި މަސައްކަތެއް ވެސް ނޫނެވެ. ފެހުމާއި ކުރެހުމާއި ބޮޑު އަކުރު އެޅުމާއި ހަފުލާތަކަށް ތަންތަން ޒީނަތްތެރިކުރުމާއި ބޭނުންވާ ސްޓައިލަކަށް ތަންތަނުގެ ނަން ބޯޑު ހަދައި ދިނުމަކީ ވެސް އޭނާ ކުރާ ކަމެކެވެ. ވެލޭނާގޭ އިމާރާތުގެ ތިރީގައި އެހެރަ، މަންސޫން ކެފޭގެ ނަން ބޯޑަކީ ވެސް އޭނާގެ މަސައްކަތަކެވެ.

ހަނދާލީ ފިލާތަކުގައި ބޮޑުއަކުރު އެޅި ދުވަސްތަކަކީ އޭނާގެ ސްކޫލްގެ ހަޔާތުގެ އެންމެ ކުލަގަދަ ހަނދާންތައްކަން ޔަގީނެވެ. ނަމަވެސް އެކަން ފާހަގަކޮށް ސްކޫލަކުން އޭނާ އަށް ހަނދާނީ ފިލައެއް ނުދެ އެވެ.

ކޮންމެއަކަސް، ސުޒާނާ މިހާރު ހުސްވެފައި ހުރި މަސައްކަތަށް ހާއްސަވީ ކިހިނެތްތޯ ބަލާލަމާ ހިނގާށެވެ.

ޒުވާން އުމުރުގައި ކައިވެނިކޮށް އޭނާގެ އަލަތު ދަރިފުޅު ލިބުނީ އުމުރުން 20 އަހަރުގަ އެވެ. އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އިމިގްރޭޝަނުގަ އެވެ. އެއަށް ފަހު، ވިހައިގެން ގޭގައި މަޑުކޮށްލީ އެވެ.

ސުޒާނާ ބުނީ ތުއްތުކުދިންނަށް ހާއްސަ ކޮސްޓިއުމް ހެދުން ފެހުމުގެ ތެރެއަށް ވަދެވެން ފެށީ އެ ހިސާބުން ކަމަށެވެ. އެހެންވީމަ ދަރިއަކު ލިބޭ ހިސާބުން ގޭގައި މަޑުކޮށްލާ ކޮންމެ އަންހެނަކު ވެސް މި ވަނީ ވަރަށް ވެސް ހުނަރުވެރި "މަންމަ" އަކަށެވެ. މި ސިލްސިލާ އާދަކޮށް ވިދާޅުވާނަ އެކަން ފާހަގަ ވެސް ކުރެއްވޭނެ އެވެ.

"މިއީ އެއްގޮތަކަށް ވެސް ވިޔަފާރިއަކަށް ފެށި ކަމެއް ނޫން އަޅުގަނޑު އެންމެ ފުރަތަމަ. ކުއްޖަކު ލިބުނީމަ އޭނާ އަށް މިކަހަލަ ރީތި ހެދުމެއް ފަހައިދޭން ބޭނުންވީ. އެގޮތަށް ފަށައިގެން ގޮސް އާއިލާ އާއި ގާތް މީހުންގެ ކުދިންނަށް ވެސް ފަހައިދޭން ފެށުނީ،" ސުޒާނާ ކިޔައިދިނެވެ.

މިހެން އޭނާ ފެށި މި މަސައްކަތަކީ އާމްދަނީ ހޯދުމަށް އޭނާ މިހާރު ކުރާ މަސައްކަތެވެ. އެންމެ ފުރަތަމަ މިގޮތަށް ހެދުން ފަހައި ދިނީ އަމިއްލަ ދަރިއަށެވެ. ދެން އާއިލާގެ މީހުންނަށެވެ. ގާތް މީހުންގެ ކުދިންނަށެވެ. އެއަށް ފަހު އޭނާގެ ކުދިން ކިޔެވި ސްކޫލްތަކުގެ ހާއްސަ އިވެންޓްތަކަށެވެ.

އޭނާގެ ވިޔަފާރީގެ މި ސިލްސިލާ ފެށިގެން އައީ މިހެންނެވެ. އޮންލައިންކޮށް އޭނާގެ ވިޔަފާރި ގޭގެ ސިޓިން ރޫމުން ފުޅާކޮށްފައިވާއިރު މާލެ ފިޔަވައި އެހެން ރަށްތަކުން ވެސް އޯޑަރު ލިބޭ ކަމަށް އޭނާ ބުންޏެވެ.

ބޭނުންވާ ވައްތަރެއްގެ ކޮސްޓިއުމް ހެދުމެއް ފަހާލުމަކީ ސުޒާނާ އަށް މިހާރު އެއްވެސް ކަމެއް ނޫނެވެ. މަސައްކަތްކުރަން އިނދެފައި ބަނީ/ރެބިޓް ހެދުމެއް ނަގައި ދައްކާލަމުން އޭނާ ބުނީ "މިއީ ދެ ތިން ގަޑިއިރުގެ މަސައްކަތް" ކަމަށެވެ.

"އެކަމަކު މިއީ ވަރަށް ބައިވަރު މަސައްކަތް ހަގީގަތުގައި،" އޭނާ ބުނީ މިހެންނެވެ.

"ދުވާލުގެ ހުރިހާ ވަގުތެއްގައި އަޅުގަނޑު މިހާރު ކުރާ ކަމަކީ މިއީ. ކުދިންތައް އެ ތިބީ ބޮޑެތިވެފައި. އެހެންވީމަ ރޭގަނޑު އެކެއް ދޭއް ޖަހަން ދެން ވެސް އަޅުގަނޑު އިނދެފާނަން މި މަސައްކަތްކުރަން،" ސުޒާނާ ބުންޏެވެ.

ސުޒާނާ ބުނީ އޭނާ މި މަސައްކަތަށް ހުސްވިޔަސް މަސައްކަތް ކުރަނީ ކޮންމެހެން ލާރީގެ ބޭނުމުގައި ނޫން ކަމަށެވެ. އޭނާ ބުނީ ކުރާހިތްވާ ކަމެއްވީމަ، މި ކަމުން އަތް ދޫނުކޮށްލެވެނީ ކަމަށެވެ.

އެހެންވީމަ، ދަންނަ ގާތް މީހެއްގެ ދަރިއަކު ހިތާނުކޮށްގެން އުޅޭ ނަމަވެސް އެ ގެއެއްގައި ކުރަހައި ޒީނަތްތެރިކޮށް ދެނީ ސުޒާނާ އެވެ. އޭނާ ބުނީ ގިނަ ފަހަރަށް ސްކޫލްތަކަށް ވެސް މިފަދަ ކޮސްޓިއުމް ޑްރެސް ފަހައި ދީފައި ހުންނާނީ ހިލެ އެވެ. އަދި އަމިއްލަ ދަރިން ކިޔަވަން އުޅުނުއިރު، އެއިން ކުއްޖެ ސްކޫލެއްގައި އިވެންޓެއް އޮންނަ ނަމަ ވެސް އެ އިވެންޓެއްގެ ތައްޔާރީތަކުގައި ބައިވެރިވެ މަސައްކަތްކޮށްދެނީ އެގޮތަށް މަސައްކަތްކުރުމަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.

ނަމަވެސް މިހާރު އޭނާގެ މަސައްކަތް ވިޔަފާރިއަކަށް ބަދަލުކޮށްފައިވުމުން ގިނައީ ވިޔަފާރީގެ ޕްރޮޖެކްޓްތަކެވެ. އެގޮތުން އޭނާގެ މަސައްކަތަށް މިހާރު އެންމެ ބޮޑު ޑިމާންޑެއް އޮތީ ޕްރައިމަރީ ސްކޫލްތަކާއި ކުޑަކުދިންނަށް ހާއްސަ ޕާޓީތަކުންނެވެ.

ސުޒާނާ ފަހާ ކޮސްޓިއުމް ޑްރެސްއެއްގެ އާންމު އަގަކީ 500 ރުފިޔާ އެވެ.

އޭނާ ބުނަނީ މިއީ އޭނާ އަށް އުނދަގޫ މަސައްކަތެއް ނޫން ކަމަށެވެ.

"އެންމެ އުނދަގުލީ އެއްޗެހި ހޯދަން،" ސުޒާނާ ބުންޏެވެ.

"އެކަމަކު ބޭނުންވާ ފޮތި ނުލިބިއްޖެ ނަމަ ފޮތީގައި އަމިއްލަ އަށް ކުރަހަނީ."