ދުނިޔެ

ލަންކާގައި ގެރި ކަތިލުން މަނާ ކުރަނީ

Sep 10, 2020
3

ކޮލޮމްބޯ (ސެޕްޓެމްބަރު 10) - ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސް އިސްވެ، ސްރީލަންކާގައި ގެރި ކަތިލުން މަނާ ކުރަން ނިންމައިފި އެވެ.

މުޅި ގައުމުގައި ގެރި ކަތިލުން މަނާ ކުރަން ނިންމެވިކަން ރާޖަޕަކްސަ ވަނީ މިދިއަ އަންގަރާ ދުވަހު ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ގެ ޕާލަމަންޓްރީ ގުރޫޕާ ހިއްސާ ކުރައްވާފަ އެވެ.

އަދި ނިންމެވުން ވަރަށް އަވަހަށް ތަންފީޒު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، ޕީޖީ ގުރޫޕުގެ އެއްވެސް ބޭފުޅަކު އެކަމާ ދެކޮޅު ހައްދަވާފައި ނުވާ ކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. މީގެ ކުރިން ވެސް އެފަދަ ވިސްނުމެއް ގެންގުޅުއްވި ނަމަވެސް، އެކަން ގާނޫނެއްގެ ސިފާގައި ނުގެނެވުނީ ކަމަށް ރާޖަޕަކްސަ ވިދާޅުވި ކަމަށް ވެސް ވެއެވެ.

ގެރި ކަތިލުން މަނާކުރި ނަމަވެސް، ލަންކާއަށް ގެރި މަސް އެތެރެ ކުރުން މަނާ ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ރާޖަޕަކްސަ އެގޮތަށް ނިންމަވާފައި ވަނީ ލަންކާގެ ބުއްދަ ސަސަނަ، ރެލިޖަސް އަދި ކަލްޗަރަލް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށްވެ އެވެ. ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ ސްރީލަންކާގައި، ބުޑިސްޓުންގެ އިތުރުން ހިންދޫ ދީނުގެ މީހުން އާއްމުކޮށް ގެރި މަހެއް ނުކަ އެވެ.

ބުޑިސްޓު ގައުމިއްޔަތެއްގެ ފިކުރު އިސް ކޮށްގެން، އެސްއެލްޕީޕީން ވަނީ ދާދި ފަހުން ބޭއްވި އާއްމު އިންތިހާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކޮށްފަ އެވެ. ގެރި ކަތިލުން މަ ނާކުރުމަށް ގޮވާލައި، ލަންކާގެ ނުފޫޒުގަދަ ބުޑިސްޓު މޮންކުން ސަރުކާރަށް ޕްރެޝަރު ކުރަމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެ އެވެ.