ވިޔަފާރި

އުރީދޫން ރާއްޖެ އިސްތިހާރު ކުރަން ތެދުވެއްޖެ

Sep 11, 2020
3

ރާއްޖެ އިސްތިހާރު ކުރަން، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް މާބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށް އިންޑަސްޓްރީން ބުނަމުން ދަނިކޮށް، އިސްތިހާރު ކޮށް ދިނުމަށް އުރީދޫ މޯލްޑިވްސް އިން ތެދުވެއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި އެމްއެމްޕީއާރުސީއާ ގުޅިގެން ފަށާފައިވާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭންގެ ދަށުން އުރީދޫ އޮޕަރޭޓް ކުރާ 10 ގައުމެއްގެ 117 މިލިއަން އަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށް ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރަން ޑެސްޓިނޭޝަން ކެންޕެއިނެއް ހިންގާނެ ކަމަށެވެ.

މި ކެމްޕޭންގެ ދަށުން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކްގެ ކަސްޓަމަރުންނަށް، އުރީދޫ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާޓްނަރުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ދައްކާނެ އެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެވޭ މި ޕޯސްޓް ތަކަށް ކޮމެންޓްކޮށް ޝެއާ ކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބި، ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ޙާން ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހީނަރުކަން އައިސް، ގިނަ އާއިލާތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށްޓަކައި މި ކެންޕެއިންގެ ސަބަބުން އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ އުރީދޫ ބައިނަލްއަގުވާމީ ނެޓްވޯރކް މެދުވެރިކޮށް އަދި ލިބިފައިވާ އެހެނިހެން ވަސީލަތްތަކުގެ އެހީގައި އުރީދޫގެ ޚިދުމަތް ފޯރުކޮށްދޭ މުޖުތަމަޢުތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ކުރިއެރުން ހޯދައިދިނުމަށް. ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ،" ނަޖީބު ވިދާޅުވި އެވެ.

"އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން ވިސިޓް މޯލްޑިވްސް ނައު ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގަ."

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް ނައު ޑެސްޓިނޭޝަން ކެންޕެއިންގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

"ކެންޕެއިންގެ ކާމިޔާބާއެކު ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަވާލެވިގެންދާނެ، އަދި މީގެ ސަބަބުން ގިނަ ޓުއަރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތްޖެހިގެންދާނެ. ދިވެހި ރާއްޖެއަކީ ދުނިޔެ މި އޮތް ހާލަތުގައި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއް، ފަތުރުވެރިންގެ ރައްކާތެރިކަން ގާއިމް ކުރުމަށް އަޅުގަނޑުމެން ވަނީ އެތަކެއް ފިޔަވަޅުތަކެއްއަޅާފަ،" ތޮއްޔިބު ވިދާޅުވި އެވެ.