މިނިސްޓްރީ އޮފް އެޑިއުކޭޝަން

އާ އުސޫލާއެކު ޕްރިންސިޕަލުން ރުޅިގަދަވެއްޖެ

ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލާއެކު ގިނަ ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލުގައި ބުނެފައިވަނީ އެ އުސޫލުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސުކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސުކޫލުތަކަށް އެންމެ އެކަށީގެން ގާބިލް ޕްރިންސިޕަލުން އައްޔަން ކުރުމާއި ދިގު މުއްދަތަކަށް އެއް ސުކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ. އަދި އައު ހިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސުކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.

މި އުސޫލުގައިވާ ގޮތުގެ މަތިން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުން ކަމަށް ވަނީ ބުނެފައެވެ. އަދި އެއް ސުކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެކަކަށް އެންމެ ގިނަވެގެން ހުރެވޭނީ 8 އަހަރުގެ މުއްދަތަކަށް ކަމަށްވެސް މި އުސޫލުގައި ބުނެއެވެ. ސަރުކާރު ސުކޫލެއްގައި ޕްރިންސިޕަލް މަގާމުގައި ތިބޭ މުވައްޒިފުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަަހަރު ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލު އާންމުކޮށްފައިވަނީ އިއްޔެ ނަމަވެސް އާންމުކުރި އުސޫލުގައި ޖަހާފައިވަނީ ޖަނަވަރީ 16، 2020 ކަމަށެވެ.

މި އުސޫލު އާންމުކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ޕްރިންސިޕަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ތިއްބަވާ ވައިބަރު ގުރޫޕުގައިވެސް ޕްރިންސިޕަލުން ވަނީ އެކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ތިއްބަވާ އެ ގުރޫޕްގައި ބައެއް ޕްރިންސިޕަލުން ވަނީ އާ އުސޫލާއެކު އެ ބޭފުޅުންގެ ވަޒީފާގެ ޔަގީންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ފަސް މެންބަރުން ތިއްބަވާ ކޮމެޓީއަކުން ބޭނުންވާހާ ގޮތަކަށް ޕްރިންސިޕަލުން އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރުމަކީ ޕްރިންސިޕަލުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވިދާޅުވެފައިވެއެވެ.

"މިއީ ކޮންކަހަލަ ޕޮލިސީއެއް. ފަސް މެންބަރުންގެ ކޮމެޓީއަކުން ޕްރިންސިޕަލުން މަސައްކަތް ކުރާނެ ސުކޫލްތައް ކަނޑައެޅުން. މިހާރުވެސް ސިވިލްސާވިސްގައި އޮންނަ އުސޫލުތަކުގެ ތެރެއިން ޕްރިންސިޕަލުން އައްޔަން ކުރަނީ. މިހާރު އުސޫލު އޮތް ގޮތުން ޕްރިންސިޕަލުންގެ ހައްގުތައް އެބަ ގެއްލޭ،" އަވަސްއާ ވާހަކަ ދެއްކެވި ޕްރިންސިޕަލަކު ވިދާޅުވިއެވެ.

ބައެއް ޕްރިންސިޕަލުން ވަނީ ރުހުން އޮވެެގެން ނޫނީ ސުކޫލު ބަދަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައެވެ. އަދި ކޮންމެ ސުކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި ތިބެވޭނެ ވަކި މުއްދަތެއް ކަނޑައެޅުމަކީ މައްސަލައެއް ނޫން ކަމަށާ ނަމަވެސް އެއަށްފަހު ދެން ވަޒީފާއަށް ނިކުންނަން ޖެހޭ ސުކޫލަކީ ރުހުމުގައި ފޮނުވޭ ތަނަކަށްވާން ޖެހޭނެ ކަމަށެވެ.

"ރުހުމާއި ނުލައި ވަޒީފާ އަދާކުރާތަން ބަދަލުކުރެވޭ ގޮތަށް އޮތުމަކީ ހިތާމަކުރާ ކަމެއް،"

ބައެއް ބޭފުޅުން ވަނީ އެޑިއުކޭޝަން މިނިސްޓްރީން މިފަދަ އުސޫލެއް އެކުލަވާލި މަގުސަދާއިމެދުވެސް ސުވާލު އުފައްދަވާފައެވެ. މިއީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް އެކުލަވާލި އުސޫލެއްތޯވެސް ޕްރިންސިޕަލުން ސުވާލުކޮށްފައިވެއެވެ.

"މި އުސޫލުގެ މަގުސަދަކީ ވަކި ބަޔަކު ބޭނުންވާ ބަދަލުތަކެއް ގެނައުން ކަމުގައިވާނަމަ، ދެން ނިކުންނާނެ ނަތީޖާއާއިމެދުވެސް ވިސްނާލުން ރަނގަޅު،" ޕްރިންސިޕަލަކު ލިޔުއްވާފައިވެއެވެ.

މިފަދަ އުސޫލެއް އާންމުކުރިއިރު މިކަންކަމާއިމެދު ޕްރިންސިޕަލުންގެ ވިސްނުން ހޯދީ ކިހާވަރަކަށްތޯވެސް ސުވާލުކޮށްފައިވެއެވެ. އަދި މި އުސޫލުގެ ސަބަބުން ދިވެހި ޕްރިންސިޕަލުން ދާއިރާ ދޫކޮށްގޮސް ބިދޭސީ ޕްރިންސިޕަލުން ތިބެން ޖެހޭ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށްވެސް ބައެއް ޕްރިންސިޕަލުން ވިދާޅުވެފައިވެއެވެ.

"މި ޕޮލިސީގެ ނަތީޖާއަކަށްވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ގިނަ ދިވެހި ޕްރިންސިޕަލުންތަކެއް ދާއިރާ ދޫކޮށްގޮސް، ސުކޫލުތަށް ހިންގަން ބިދޭސީ ޕްރިންސިޕަލުން ތިބުން،" އެހެން ޕްރިންސިޕަލަކު ވިދާޅުވެފައިވެއެވެ.

ޕްރިންސިޕަލުން ވަނީ މިއީ ކޮވިޑްގެ ބަލިމަޑުކަމުގައި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ޕްރިންސިޕަލުން ކުރި މަސައްކަތަށް ދިން "ހަދިޔާ" އެއްތޯވެސް ސުވާލު ކުރައްވާފައެވެ.

"މި ޖެހުނީ ކުރި މަސައްކަތަށްޓަކައި ފޮށި ތަންމަތި ހިފައިގެން ފުރަން ނޫންތޯ،"

ބައެއް ޕްރިންސިޕަލުން ވަނީ އެ ބޭފުޅުން ސިޔާސީ ކުރެއްވުމަށް މަސައްކަތް ނުކުރެއްވުމަށްވެސް އެދިފައެވެ. އަދި ބައެއް ޕްރިންސިޕަލުން ވަނީ ތައުލީމީ ދާއިރާ ދޫކޮށްލަން އެޑިއުކޭޝަނުން މަޖުބޫރު ކުރުވަނީތޯވެސް ސުވާލުކޮށްފައެވެ. މިއީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބެލުމަށްފަހު އެޑިއުކޭޝަނުން އެކުލަވާލާފައިވާ އުސޫލެއްތޯވެސް ޕްރިންސިޕަލުން ތަކުރާރުކޮށް ސުވާލުކޮށްފައިވެއެވެ.

"ބުއްދިވެރި ގޮތަކީ އެޑިއުކޭޝަން ސެކްޓަރު ދޫކޮށްލުން،"

ޕްރިންސިޕަލުންގެ މި ކަންބޮޑުވުންތަކަށް އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވަނީ އެ ގުރޫޕްގައި ބައެއް ޖަވާބުތައް ދެއްވާފައެވެ. ނަމަވެސް ޕްރިންސިޕަލުން ވަނީ އާ އުސޫލުން ވަޒީފާގެ ޔަގީންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.