ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ފަށައިފި

Sep 12, 2020

ކޮވިޑް-19 ފެތުރެން ފެށުމާއެކު ދަތުރުތައް މެދުކަނޑާލުމަށް ފަހު، ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު އިއްޔެއިން ފެށިގެން އެއިރޯފްލޮޓްގެ ދަތުރުތައް ފަށާފައިވަނީ 170 އަށްވުރެ ގިނަ ޓޫރިސްޓުންނާއެކުގަ އެވެ. މޮސްކޯއިން ކުރާ ޝެޑިއުލް މި ޗާޓަރު ފްލައިޓް ހަފުތާއަކު ދެ ދުވަހު އޮންނާނެ އެވެ.

އެއިރޯފްލޮޓް ރާއްޖެ އަންނާނީ ބުރާސްފަތު ދުވަހާއި އާދީއްތަ ދުވަހު އެވެ. އަދި އެ ފްލައިޓް ރާއްޖެއިން ފުރާނީ ހުކުރު ދުވަހާއި އާދީއްތަ ދުވަހު އެވެ.

ރަޝިއާއިން މި ފްލައިޓް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ލިބިގެން ދިޔަ އުންމީދެއްގެ ގޮތުގައި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ދެކެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް ބައެއް އެއާލައިންތަކުން ދަނީ ދަތުރު ކުރަމުންނެވެ. މިހާރު ރާއްޖެއަށް ދަތުރު ކުރަމުން ދަނީ އެމިރޭޓްސްގެ އިތުރުން ގަތަރު އެއާވޭސް އާއި ޓާކިޝް އެއާލައިން އަދި އިއްތިހާދު ސްރީ ލަންކަން އެވެ. ދެން ހިމެނެނީ އެއާ އިންޑިއާ އާއި އިންޑިގޯ އެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް މިހާތަނަށް އައިސްފައި ވަނީ 11،000 އެއްހާ ޓޫރިސްޓުންނެވެ. ސަރުކާރުން ފުރަތަމަ އަންދާޒާ ކުރީ މި އަހަރު 800،000 ޓޫރިސްޓުން އަންނާނެ ކަމެވެ. ނަމަވެސް އާ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ބާކީ އޮތް ތިން މަސް ތެރޭގައި މި އަހަރު 120،000 ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް އުންމީދު ކުރެވެ އެވެ.