ދުނިޔެ

އަފްޣާނު ސަރުކާރާއި ތާލިބާނުން ސުލްހައިގެ މަޝްވަރާ ފަށައިފި

Sep 12, 2020

ދޯހާ (ސެޕްޓެމްބަރު 12) - އެތައް އަހަރެއްގެ ހަނގުރާމައަށް ފަހު، އަފްޣާނިސްތާނުގެ ސަރުކާރާއި އެ ގައުމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ތާލިބާނުންނާއެކު ސުލްހައިގެ މަޝްވަރާތައް ގަތަރު ވެރިރަށް ދޯހާގައި މިއަދު ފަށައިފި އެވެ.

އަފްގާނު ސަރުކާރުގެ ފަރާތުން 21 މެމްބަރުންގެ މަޝްވަރާގެ ވަފްދުގައި އިސްކޮށް ހުންނެވީ ކުރީގެ އިންޓެލިޖެންސް ވެރިއެއްކަމަށްވާ މައުސޫމް ސްޓަނެކްޒާއީ އެވެ.

ތާލިބާނުގެ ޓީމުގައި އިސްކޮށް ހުރީ އެ ޖަމާއަތުގެ ވެރިޔާ ހައިބަތުﷲ އަހުންޒާދާގެ އެޑްވައިޒަރު އަދި އެ ޖަމާއަތުގެ އުއްތަމަ ފަނޑިޔާރު މައުލަވީ އަބްދުލް ހަކީމް އެވެ.

މީގެ އިތުރުން އެ މަޝްވަރާތަކުގައި އަފްގާނިސްތާނުގެ ހައި ކައުންސިލްގެ ޗެއާޕާސަން އަބްދުﷲ އަބްދުﷲ އާއި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯގެ އިތުރުން ތަލިބާނުގެ ޑެޕިޔުޓީ ލީޑަރު މުއްލާ ބަރަދާރުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ތާރީހީ މަޝްވަރާތަކުގެ ދަށުން، ދެ ފަރާތުން އެއް މޭޒެއްގެ ދޮށަށް ފުރަތަމަ ފަހަރަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހެވެ.

މިދިއަ މާޗް މަހު ތާވަލުކުރި މަޝްވަރާތައް ލަސްވެގެން ދިއައީ، ގައިދީން ބަދަލުކުރުމާމެދު އުފެދުނު ދެބަސްވުންތަކުގެ ތެރެއިންނެވެ. ހަނގުރާމައިގެ ތެރެއިން ހައްޔަރުކޮށްފައިވާ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކީ އެމެރިކާ އާއި ތާލިބާނާ ދެމެދު މިދިއަ ފެބްރުއަރީ މަހު ސޮއި ކުރެވުނު އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން އަފްގާނުގެ 1،000 ސިފައިން ދޫކޮށްލަން އެއްބަސްވެފައިވާއިރު، އަފްގާނު ސަރުކާރުން 5،000 ތާލިބާނުގެ ގައިދީން ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ހަ ތާލިބާނުގެ ގައިދީން ދޫކޮށްލުމާމެދު ފްރާންސްގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެ ހަ މީހުނަކީ އެ ދެ ގައުމުގެ ރައްޔިތުންތަކެއް މަރުވި ހަމަލާތަކެއްގެ ފަހަތުގައި އިސްކޮށް ތިބި މީހުންކަމަށް އެ ދެ ގައުމުން ބުނެފައިވެ އެވެ.

މަޝްވަރާގެ މޭޒު ދޮށަށް ދެ ފަރާތުން އަންނަން ހަ މަސް ދުވަސް ނެގިއިރު، މި މަޝްވަރާތަކުގެ ތެރެއިން އެދެވޭ ނަތީޖާއެއް ނެރުމަކީ ގޮންޖެހުންތައް ގިނަ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.