މިނިސްޓްރީ އޮފް އެޑިއުކޭޝަން

"ޕްރިންސިޕަލުންގެ ހަައްގަކަށް އުނިކަމެއް ނާންނާނެ"

ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލަށް ގެނައި ބަދަލާއެކު، އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ހަފްތާގައި އާއްމު ކުރި 'ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލު'ގައިވާ ގޮތުގެ މަތިން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ. އެއް ސުކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެކަކަށް އެންމެ ގިނަވެގެން ހުރެވޭނީ 8 އަހަރުގެ މުއްދަތަކަށް ކަމަށާއި ސަރުކާރު ސުކޫލެއްގައި ޕްރިންސިޕަލް މަގާމުގައި ތިބޭ މުވައްޒިފުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަަހަރު ކަމަށް އުސޫލުގައި ބުނެ އެވެ.

އެޑިއުކޭޝަނުން ގެނައި ކުއްލި ބަދަލާއެކު ބައެއް ޕްރިންސިޕަލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަަދި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ތިއްބަވާ އެ ގުރޫޕްގައި ބައެއް ޕްރިންސިޕަލުން ވަނީ އާ އުސޫލާއެކު އެ ބޭފުޅުންގެ ވަޒީފާގެ ޔަގީންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ފަސް މެންބަރުން ތިއްބަވާ ކޮމެޓީއަކުން ބޭނުންވާހާ ގޮތަކަށް ޕްރިންސިޕަލުން އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރުމަކީ ޕްރިންސިޕަލުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މި މައްސަަލައާ ގުޅިގެންް، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި އުސޫލަކީ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް، ސްކޫލްތަކަށް އެންމެ ބޭނުންވާ ގާބިލް ޕްރިންސިޕަލުން ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ސްކޫލްތަކުގައި ދައުރުވާ ގޮތަށް ހަމަޖެއްސުމުގެ މަގުސަދުގައި ކަނޑައެޅުނު އުސޫލެއް ކަމަށެވެ. އަދި، ތަޖުރިބާކާރު ޕްރިންސިޕަލުންގެ އިލްމާއި ތަޖުރިބާ ގިނަ ސްކޫލްތަކަށް ފޯރައި، ސްކޫލްތަކުގެ ހިދުމަތުގެ ފެންވަރު މަތިކުރުން ހިމެނޭ ކަމަށެވެ. ބަދަލު ގެނައި ކަމުގައިވިޔަސް، މިހާރު ތިބި ޕްރިންސިޕަލުން މަގާމުގައި ދެމިތިބޭނެ ކަމަށާއި އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

"މި އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ޙައްޤަކަށް އުނިކަމެއް ނާންނާނެކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަށަވަރުކުރާނެ...މިނިސްޓްރީއިން މި އުޞޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލް ކަނޑައަޅައި 4 އަހަރުގެ ޓެނުއާ ޙަވާލުކުރާ ތާރީހުން ފެށިގެން އެ ސްކޫލެއްގައި ދެމިތިބޭނެ. އެއްވެސް ޕްރިންސިޕަލަކު ނުރުހުމުގައި އެއްވެސް ތަނަކަށް ބަދަލު ނުކުރާނެ.

މިނިސްޓްރީން ބުނީ ހަަތަރު އަހަރުގެ މުއްދަތު ހަމަވެ ސްކޫލް ބަދަލު ކުރާނީ އެ ޕްރިންސިޕަލަކު މަސައްކަތްކުރަން ޝައުޤުވެރިވާ ސްކޫލެއް/ ސްކޫލްތަކެއް ބަލައި ޕްރިންސިޕަލުން ރުހޭ ގޮތަށް، އުސޫލުގެ ތެރެއިން ކަމަށެވެ. ހަތަރު އަހަރު ހަމަވުމުން، އެހެން ސްކޫލަކަށް ބަދަލުވުމުގެ ފުރުސަތުވެސް ދެ އެވެ.

މި އުޞޫލާ އެއްގޮތަށް އެއް ސްކޫލެއްގައި ގިނަވެގެން ހުރެވޭނީ ޖެހިޖެހިގެން 8 އަހަރު(4 އަހަރުގެ 2 ޓާމް)ގެ މުއްދަތަށެވެ.

އުސޫލާ މެދު ޕްރިންސިޕަލުންގެ ކަންބޮޑުވާތީ މިނިސްޓްރީން ބުނީ، އުސޫލަށް އަމަލުކުރެވެން ފެށުމުން އެޑިޔުކޭޝަން ސިސްޓަމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ކުރުމެއްނެތި ސްކޫލްތަކުގައި ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ފުރުސަތު ލިބި ސިސްޓަމްގައި ތިބި ހިންގުންތެރި، ޕްރިންސިޕަލުންގެ ހިދުމަތް ގިނަ ސްކޫލްތަކަށް ލިބި، އެ ސްކޫލްތައްވެސް އިތުރަށް ތަރައްގީވުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި، ކިޔަވައިގެން އައިސް ސްކޫލް ހިންގުމުގެ ދާއިރާއިން ޕްރިންސިޕަލެއްގެ ގޮތުގައި ރަށަށް/ އަތޮޅަށް ހިދުމަތްކުރުމުގެ ފުރުސަތު ނުލިބި ތިބި މީހުންނަށް އެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ.


"އުސޫލުގެ ސަބަބުން ސަރުކާރުގެ ސްކޫލްތަކުގެ ގާއިމުކުރެވިފައި ސްކޫލް ނެޓްވޯކް ތެރޭގައި ހިމެނޭ ހުރިހާ ސްކޫލްތަކަށްވެސް ޕްރިންސިޕަލުންގެ ހިންގުންތެރި ވިސްނުމާއި އާ އީޖަދުތަކާއި ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތުލިބި، ސްކޫލްތަކުގެ ހިންގުމުގެ ފެންވަރު މަތިވެ، އެ ސްކޫލްތަކުން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ" އެޑިއުކޭޝަނުން ބުނެ އެވެ.