ބޮލީވުޑް

ތާރާގެ އާ ދެ ފިލްމަށް ވެސް ލަވަ ކިޔައިދޭނެ

Sep 13, 2020

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ހިންދީ ފިލްމީ ދުނިޔެއަށް ނުކުތް ތާރާ ސުތާރިއާއަކީ ޕްރޮފެޝަނަލް ލަވަކިޔުންތެރިއެކެވެ. ފިލްމީ މަސައްކަތް ފެށުމުގެ މާ ކުރިން ވެސް ތާރާ ލަވަ ކިޔަ އެވެ. ތާރާގެ އަޑު ރީތި ކަމުން އަބަދުވެސް ގިނަ ބަޔަކު އޭނާއަށް ވަރަށް ތައުރީފު ކުރެ އެވެ.

ތާރާ ބުނި ގޮތުގައި އޭނާ މިހާރު ކުޅެން ސޮއިކޮށްފައިވާ ދެ ފިލްމަކަށް އޭނާގެ އަޑުން ލަވަ ރެކޯޑް ކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ "އޭކް ވިލަން"ގެ ސީކުއަލް "ދޯ ވިލަން" އާއި "ތަޅަޕް" އެވެ.

އޭނާ ކުޅޭ ފިލްމުތަކުގައި އޭނާ ހަރަކާތްތެރިވާ ލަވަތަކަށް އަމިއްލަ އަޑުން ލަވަ ކިޔަން ބޭނުން ކަމަށް ތާރާ އަބަދުވެސް ބުނެ އެވެ. ތާރާ އެންމެ ފަހުން ކުޅުނު "މަރްޖާވާން" އަށް ވެސް ލަވަކިޔައިދޭން އޭނާ ވަރަށް ބޭނުންވި ކަމަށާއި ނަމަވެސް އެ ފިލްމުގައި އޭނާ ކުޅެފައިވަނީ މަންމަނު މީހެއްގެ ކެރެކްޓާއަށް ވާތީ އެ ފުރުސަތު ނުލިބުނީ ކަމަށް ތާރާ ބުންޏެވެ.

ފިލްމު ކުޅުމުގެ އިތުރުން އަމިއްލަ ލަވަ އަލްބަމެއްގެ މަސައްކަތް ވެސް ތާރާ މިހާރު ދަނީ ކުރަމުންނެވެ. އަދި ވަރަށް އަވަހަށް އެ އަލްބަމް ރިލީޒްކުރާނެ ކަމަށް އޭނާ ބުންޏެވެ. މިއުޒިކަށް ތާރާގެ ހިތުގައި އެންމެ ކުޑައިރުއްސުރެ ޚާއްސަ ލޯތްބެއް އޮންނަ ކަމަށާއި އެހެންވެ ވަރަށް ކުޑައިރުއްސުރެ އޭނާ ލަވަކިޔާ ކަމަށް ތާރާ ބުންޏެވެ.

ވަރަށް ކުޑައިރުއްސުރެ ތާރާ އަކީ ވެސްޓާން ކްލެސިކަލް މިއުޒިކްގެ ރޮނގުން ތަމްރީނު ހޯދަމުން އައި ފަންނާނެކެވެ. އަދި އެކްޓްކުރަން ފެށުމުގެ މާ ކުރިން ލަވަކިޔުންތެރިއެއްގެ ގޮތުގައި އޭނާ ސްޓޭޖުތަކުގައި ޕާފޯމް ކުރަން ފަށާފައި ވެއެވެ.

ވަރަށް މަޝްހޫރު ޓެލެންޓް ހަންޓް ޝޯއެއްގައި ތާރާ ވަރަށް ޅައިރު ލަވަކިޔާ ވީޑިއޯއެއް މިހާރު އިންޓަނެޓުގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯ އިން ވެސް ތާރާގެ ލަވަ ކިޔުމުގެ ހުނަރު ހުރި މިންވަރާއި އަޑުގެ ރީތިކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ. އޭނާއަށް ހިންދީ ފިލްމުތަކަށް ލަވަ ކިޔުމުގެ ފުރުސަތުތައް ލިބެން ފެށީ މި ވީޑީއޯ ވައިރަލް ވީ ފަހުންނެވެ. އޭގެ ކުރިއަކުން ގިނަ ބަޔަކަށް ތާރާގެ މި ހުނަރެއް އެހާ ބޮޑަކަށް ނޭނގެ އެވެ.