ލައިފްސްޓައިލް

ސާރިދޯޅު ހަމަލާއިން ކުއްޖާ ސަލާމަތް ކޮށްދިނީ ބަފަލޯ

ބައެއް ފަހަރަށް ވަރަށް ހީނުކުރާ ކަހަލަ ގޮތް ގޮތަށް ވެސް މީހުންގެ ފުރާނަ ސަލާމަތް ވެފައި ހުރެ އެވެ. އާދަޔާޚިލާފު ގޮތަކަށް ފުރާނަ ސަލާމަތް ވެއްޖެނަމަ އެއީ އެ ދުވަހު އެ މީހާގެ ނަސީބު ގަދަކަމުން ވީކަމެއް ކަމަށް ބައެއް މީހުން ބުނާނެ އެވެ. އިންޑިޔާގެ މަދްޔަޕްރަދޭޝްގެ ރަށެއްގައި ދިރިއުޅޭ ޒުވާން ފުރައިގެ ފިރިހެން ކުއްޖެއްގެ ފުރާނަ މިދިޔަ އަންގާރަ ދުވަހު ސަލާމަތްވީ މިފަދަ ނަސީބެއް މެދުވެރި ވެގެންނެވެ.

ގައިން ހީބިހި ނަގާ ވަރުގެ މި ހަދިސާ ހިނގީ އެ ކުއްޖާ ދިރިއުޅޭ ޑިސްޓްރިކްޓްގައި އޮންނަ ބައިންސްޑޭހީ ޖަންގަލީގަ އެވެ. ދީޕިކް ނަމަކަށް ކިޔާ މި ފިރިހެންކުއްޖާ ޖަންގަލީ ތެރޭގައި އުޅުނީ އޭނާ ގެންގުޅޭ ބަކަރިތަކެއް ބަލަހައްޓާށެވެ. ކުއްލިއަކަށް ބޮޑު ސާރިދޯޅެއް އެ ކުއްޖާއަށް ހަމަލާ ދިނެވެ. މި ހަމަލާގައި ކުއްޖާ ވަރަށް ބޮޑަށް ޒަޚަމް ވެފައި ވަނިކޮށް އެތަނަށް ބަފަލޯ އައިނެއް އައިސް ސާރިދޯޅުގެ ހަމަލާއިން ކުއްޖާ ވަނީ ސަލާމަތް ކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިޔާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުއްޖާގެ އަތާއި ފަޔަށް މި ހަމަލައިގައި ވަރަށް ބޮޑަށް ވަނީ އަނިޔާ ވެފަ އެވެ. މިހާރު އެ ހިސާބުގަނޑުގެ ހޮސްޕިޓަލެއްގައި ކުއްޖާ އަށް ދަނީ ފަރުވާ ދެމުންނެވެ.

އެ ހިސާބުގަނޑުގެ މީހުން ބުނެފައިވާ ގޮތުގައި ސާރިދޯޅު ހަމަލަ ދީފިނަމަ އެ މީހަކު މަރު ނުވަނީސް ސަލާމަތް ވުމަކީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަމެކެވެ. ނަމަވެސް މި ކުއްޖާ އަށް އޭނާއަށް ދިމާވި ކަންތައްތައް ކިޔައިދޭން ފުރުސަތު ލިބުނީ ބަފަލޯތައް އޭނާ ސަލާމަތް ކޮށްދިނީތީ އެވެ.

ސާރިދޯޅު އެސޮރުގެ ދަރި ގޮވައިގެން ޖަންގަލީގެ ތެރޭގައި އުޅެނިކޮށް ދީޕަކް ފެނިގެން އޭނާއަށް ހަމަލާދިނީ ކުއްލިއަކަށް މީހެއް ފެނުނީމަ ހައިރާންވެ ދަރި އަށް ހަމަލަ ދީފާނެތީ ބިރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެނީ ބެލެވިފަ އެވެ.

ދީޕަކް ބުނި ގޮތުގައި އޭނާއަށް ސާރިދޯޅު ހަމަލަ ދޭން ފެށިއިރު އެހިސާބުގައި ވަރަށް ގިނަ އަދަދެއްގެ ބަފަލޯތައް އުޅެ އެވެ. ސާރިދޯޅު ހަމަލަ ދޭން ފެށުމާއެކު ވަރަށް ގިނަ ބަފަލޯތައް އައިސް އެ ސޮރާ ދިމާކޮށްލާ އެ ސޮރު އެތަނުން ދާން މަޖްބޫރު ކުރުވީ އެވެ. ދީޕަކް އަށް ސާރިދޯޅު ހަމަލަ ދޭތަން އެ އަވަށުގައި އުޅޭ އެހެން ކުއްޖަކަށް ވެސް ފެނުނެވެ. އޭނާ ދުވެފައި ޖަންގަލިން ނުކުމެގެން ގޮސް ދީޕަކްގެ ބައްޕަ އަށް އެ ވާހަކަ އެންގީ އެވެ.

ދީޕަކްގެ ބައްޕަ ބުނި ގޮތުގައި އެ ޚަބަރު ލިބުމާއެކު އޭނާ ދުވަމުން ގޮސް ޖަންގައްޔަށް ވަދެ ބެލިއިރު ދީޕަކް އޮތީ ވަރަށް ބޮޑަށް ޒަޚަމް ވެފަ އެވެ. އެހެންވެ ވަގުތުން އޭނާ އެ އަވަށުގައި ހުންނަ ހެލްތު ސެންޓަރަށް ގެންދިޔައީ އެވެ. އެތަނުން ފަރުވާ ދެވެން ނެތުމުން ބޮޑު ހޮސްޕިޓަލަށް ފަހުން ގެންދިޔައީ އެވެ.

ސާރިދޯޅުގެ ކިބައިން ދީޕަކް ސަލާމަތް ކުރުމަށް 15-20 ވަރަކަށް ބަފަލޯ އެއްފަހަރާ އެ ސާރިދޯޅަށް ހަމަލާ ދިން ކަމަށް ދީޕަކް އާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

އެ ސަރަހައްދުގެ ޖަންގަލިތައް ބެލެހެއްޓުމާ ހަވާލުވެ ހުރި ޕީޑީ ގެބްރިއަލް ބުނީ ފަހަކަށް އައިސް އިންސާނުންނަށް ސާރިދޯޅު ހަމަލަ ދޭ ހާދިސާތައް ވަރަށް ގިނަ ވެފައިވާ ކަމަށެވެ. އެ އޮފިސަރު ބުނި ގޮތުގައި މި ފިރިހެންކުއްޖާ ސާރިދޯޅުގެ ހަމަލައިން ސަލާމަތްވީ ހަމަ ނަސީބަކުންނެވެ. އެ ބަފަލޯތައް ކުއްޖާ ސަލާމަތް ކުރަން ނޫޅުނުނަމަ އެ ކުއްޖާގެ ފުރާނަ ހުއްޓާ ސަލާމަތް ނުވީސް ކަމަށް އޮފިސަރު ވެސް ބުންޏެވެ.